ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖާގެ މައްސަލާގައި ކަމާގުޅޭ މައައްސަސާތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.ވިލިނގިލީގައި ހާލުދެރަވެ މާލެ ގަނައުން ލަސްވުމުގެ ސަބަބުން 13 އަހަރުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެން އެ މައްސަލާގައި ކަމާގުޅޭ މުއައްސަސާތައް ހާޒިރުކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފިއެވެ.

ފަރުވާ ލިބުމުގައި ލަސްތަކެއްވެ އެކުއްޖާ މާލެ ގެނެވުނީ މާލެއަށް ގެންދަން ޑޮކްޓަރު އަންގާފައިވާތާ 16 ގަޑި އިރު ފަހުން ކަމަށް އާސަންދައިގެ ބަޔާނުގައި ވެއެވެ. އެހެންކަމުން އެކަމާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިޔާ ބޭނުން ނުކުރާ މައްސަލައަށް ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. އާސަންދައިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މާލެއަށް ގަނައުން ލަސްވީ މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ މިއީ ވަރަށްވެސް ހިތާމަހުރި ކަމެއް ކަމަށާއި ބައެއްގެ އިހުމާލުން ކަަމަށްވިއަސް އަދި އެހެންކަމަކާއި ގުޅިގެން ވިއަސް މިއީ ބަލަން ޖެހޭ ކަމެއް ކަމަށެވެ. މޯލްޑިވިއަންގެ ފުލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކީވެސް ބަލަންޖެހޭ ކަމެއްކަމަށާއި ދިވެހި ރައްޔިތެއްގެ ފުރާނަ މިފަދަގޮތަކަށް ދިއުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ނަސީރު ވިދާޅުވިއެވެ.

މި މައްސަލާގައި އިންކުއަރީއެއް ހަދާ މިމައްސަލަ ދިރާސާ ކުރަންޖެހޭ ކަމަށް ނަސީރު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މަކުނޫދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އިހުމާލުތައް ހުރިކަމަށް ވާހަކަ ދެކެވޭ ކަމަށާއި އެހެން ކަމުން މި މައްސަލައާއި ގުޅުންހުރި ހުރިހާ މުވައްސަސާތަކެއް ކޮމިޓީއަށް ހާޒިރު ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މި ހުށައެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ވަނީ ތާއިދުކުރައްވާފައެވެ.

މިމައްސަލާގައި ފޮރިން މިނިސްޓަރު ކޮމިޓީއަށް ވަޑައިގަންނަވަންޖެހޭ ކަމަށާއި އަދި ޑިފެންސް މިނިސްޓަރާއި ޖެންޑާ މިނިސްޓަރ ވެސް ކޮމިޓީއަށް ވަޑައިގަންނަވަންޖެހޭ ކަމަށް މެންބަރުން ކޮމިޓީގައިވަނީ ވިދާޅުވެފައެވެ.

ބަލި ހާލަތު ބޮޑުވުމުގެ ސަބަބުން ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެ ހާލަތެއްގައި ގެނެވޭނެ ނިޒާމެއް އޮތް ކަމާމެދު ސުވާލު އުފެދޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި އާސަންދައިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކަމުގައި އިހުމާލެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ސާފުކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ރާއްޖޭގައި މިފަދައެތައް ކަމެއް ދިމާވާ ކަމަށާއި އެހެންކަމުން ސަރުކާރުގެ މަސްއޫލިޔަތަކީ ކުރެވެންހުރި ހުރިހާ މަސައްކަތެއް އެވަގުތަކު ކުރުން ކަމަށެވެ. މިފަދަ ހާލަތްތަކުގައި އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް ނިޔާވި މި ކުއްޖާގެ މައްލައިން އެނގިގެންދާ ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވަނީ އިންކުއަރީ ކުރިއަށް ގެންގޮސް ކަމާއި ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރަން ނިންމަވާފައެވެ. މެޑިކަލް އިވެކުއޭޝަންތަކުގައި ކަނޑައަޅައިފައިވާ ނިޒާމެއް ހަމަޖެހިފައިވޭތޯއާ ޑޯނިއާ ފްލައިޓްތައް ބޭނުންކުރޭތޯ އާއި ބޭނުންނުކުރާނަމަ އޭގެ ބަދަލުގައި ހުށަހަޅާފައިވާ ކަންތައްތަކާއި ކުޑަކުއްޖާގެ މައްސަލަގައި އެސްއޯޕީތައް ތަންފީޒުކޮށްފައިވޭތޯ ބެލުން މުހިންމު ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި ކަމާއި ގުޅުން ހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށްގެން މިކަންތައްތައް އޮޅުންފިލުވާނެ ކަމަށްވެސް ޖީހާން ވަނީ ވިދާޅުވެފައެވެ.

މިހާދިސާއާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ އިމަޖެންސީ ކަމެއް އަތުވެއްޖެނަމަ ޝެޑިއުލް ފްލައިޓްތަކަށް ވުރެ ޗާޓަރު ފްލައިޓްތަކަށް އިސްކަމެއް ދިނުމަށް ނިންމާފައެވެ.  އަދި ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: