ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެމްއެފްގެ އެހީ: ހިފާ ވަރު އަތެއް؟

ރައީސް މުއިއްޒު އަދި އެމްޑީ ކްރިސްޓަލީނާ ޖޯރޖިއޭވާ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ މުއްސަނދި ގައުމެއް ނޫނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ވަކިވަކި ފަރުދުން އެކި ގޮތް ގޮތުން އަމިއްލަ ވަންތަކަން ހާސިލުކޮށްފައިވާނަމަވެސް އަދި ސަރުކާރުތަކުން ކޮންމެ މޮޅެތި ވާހަކަތަކެއް ދެއްކިނަމަވެސް ރާއްޖޭގެ އިގްތިސާދު އޮތީ “ހަމަ ކިރިޔާ”ގައިކަމާއިމެދު އަދުގެ ސަރުކާރަށްވެސް ދެކޮޅެއް ނުހެދޭނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ދިވެހިރާއްޖޭގެ މާލީ ކަންކަން ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުތައް ބޮއްސުންލާފައިވާކަމުގެ ކަންބޮޑުވުންތައް ޕީޕީއެމް ޕީއެންސީއިން އިދިކޮޅުގައި ތިބި އިރު ފާޅުކުރިއެވެ. އެހެންނަމަވެސް މިހާރު ވެރިކަމަށް އައިސް ސަރުކާރުން މަސައްކަތްތައް ކުރަން ފަށުމަށް ތައްޔާރުވަމުންދާއިރު، ވެރިކަމުގައި ތިބި އިރު މާލީ ހާލަތު ދިފާއުކުރަމުންދިޔަ އެމްޑީޕީއިން ދަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ބުނަމުންނެވެ. އެ ޕާޓީގެ ދައުރު ނިމުނީ ދާދި އިއްޔެކަމަށްވާއިރު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޮލުގައި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ޒިންމާ އެޅުވުމަށް ބުރަ މަސައްކަތްތައް ކުރަމުން އެބަދެއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ދައްކާ ވާހަކައިން ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި މާލީ ހާލަތު ގޯސްވެފައިވާ މިންގަނޑު އެނގިވަޑައިގަންނަވާކަން ސާފެވެ. ފެނު އަޑިން ޓަނަލް އެއް އަޅާ ވާހަކަ ދެއްކުމާއިއެކު އެ ޕާޓީއިން ރާއްޖޭގެ މާލީ ހާލަތު ތަން ނުދޭ ވާހަކަތައް ދެއްކިއެވެ. ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި 13 ބިލިއަނާއި ގާތް ކުރާ އަދަދެއްގެ އެހީ އެކި ފަރާތްތަކުން ލިބިފައިވާ ސަރުކާރެއް ނިސްބަތްވާ ޕާޓީއަކުން ދަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ނޭދެވޭ ކަންކަމުގެ ގޮތުގައި ސިފަކުރަމުންނެވެ. މި ފަހުގެ ހަމަލާއެއް އަމާޒުކުރީ ރައީސް މުއިއްޒު އިންޓަރނޭޝަންލް މޮނިޓަރީ ފަންޑޫ އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރު ކްރިސްޓަލީނާ ޖޯރޖިއޭވާ އާއި ބައްދަލުކުރެއްވުމާއިއެކުއެވެ.

މިހާރު ފެށިފައިވަނީ ދިވެހިރާއްޖެ ބަނގުރޫޓުވެ އެ ހާލަތު އިއުލާނުކޮށް އެތައް ސަތޭކަ މިލިއަން ޑޮލަރަކަށް އަރާ އެހީ ޕެކެޖެއް ނެގުމަށް ތައްޔާރުވެފައިވާކަމުގެ ވާހަކައެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން މިއަދު އައިއެމްއެފް ސިފަކުރަމުންދާ ގޮތުގެ ސަބަބުން މިއީ ހަގީގަތުގައި ކޮން ގޮތަކަށް އޮތްކަމެއްތޯ ބަލާލުން މުހިންމު ވެއްޖެއެވެ. ޔަގީނުންވެސް މިދިޔަ ދައުރުގައި އެހީގެ އަތަކަށް ދެކޮޅު ހެދި މަންޒަރެއް ނުފެނެއެވެ.

އައިއެމްއެފްއަކީ ކޮބައި؟

އައިއެމްއެފްއަކީ 1945 ވަނަ އަހަރު ވުޖޫދުކުރެވިފައިވާ ބައިނަލްއަގުވާމީ މާލީ މުއައްސަސާއެކެވެ. އެ މުއައްސަސާ އުފެއްދުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު ފުޅާވެގެންދިއުމަށް ފަހިކުރުމާއި އިގްތިސާދީ ގޮތުން ހަމަޖެހުން ގާއިމުކުރުން ހިމެނޭ ކަމަށްވާއިރު، ބައިނަލްއަގުވާމީ މައިދާނުގެ ވިޔަފާރި މާހައުލު ހަރުދަނާކުރުމާއި ދުނިޔޭގެ ފަގީރުކަން ނައްތާލުމުގެ މަސައްކަތްތަކުގައިވެސް އެ މުއައްސަސާއިން ޝާމިލުވެއެވެ.

އައިއެމްއެފްއިން އެންމެ ފުރަތަމަ ހާސިލުކުރުމަށް މަސައްކަތްކުރީ އިގްތިސާދު ފުޅާކުރުމަށް މަސައްކަތްކުރާ ގައުމުތަކުގެ ފައިސާގެ އަގު ވެއްޓިގެންދިއުން ހުއްޓުވުމުގެ ލަނޑުދަނޑިކަމަށްވާއިރު، ވަގުތާއި ހާލަތާއިއެކު އެކު ބަދަލުތައް އައިސް މިހާރު އައިއެމްއެފްއަކީ ހާލުގައި ޖެހޭ ގައުމުތަކުގެ ސަރުކާރުތަކަށް އެހީދިނުމުގެ މަސައްކަތްތައް ކުރާކަމަށް މަޝްހޫރު މުއައްސަސާއެކެވެ.

އާންމުކޮށް އައިއެމްއެފްއިން އަތް ގާތްކޮށްދެނީ އިންތިހާއަށް މާލީ ދަތިކަން ކުރިމަތިވެ އިތުރު ގޮތްތަކެއް ނުފެނުމުންކަންވެސް ފާހަގަކުރެވޭއިރު، ގާތުން ފެނިގެންދާ އެއް މިސާލަކީ އަވަށްޓެރި ސްރީލަންކާއެވެ. އެގޮތުން އެ ގައުމުގެ ރައްޔިތުން ބަނޑަށް ޖެހުމާއި ގާތަށް ދިއުމުން އައިއެމްއެފްއިން ވަނީ ޝަރުތުތަކެއް ފުރިހަމަކުރުމަށް އެދި އެކަންކަން ފުރިހަމަވުމުން އެހީތެރިކަން ދީފައެވެ. ފުރުސަތު އޮތްކަން  އިއުލާނުކުރެވިގެންދިއުމަށްފަހުވެސް އައިއެމްއެފްއިން އެދޭ ކަންކަން ފުރިހަމަވުމާއި ޖެހެންދެން އެހީ އެއްބަސްވުމުގައި ސޮއިކުރުމާއި ހިސާބަށް ލަންކާއަށް ވާސިލުނުވެވުނުކަންވެސް މީޑިއާތަކުގެ މައުލޫމާތަށް ބެލުމުން ސާފުވެއެވެ.

އައިއެމްއެފްއިން މާލީ އެހީތެރިކަން ހޯދާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން އެހީ ދޭ އެއް ގައުމުކަމަށްވާ އިންޑިއާ ހިމެނޭއިރު، އެ ގައުމަށް ކުރިމަތިވި މާލީ ކަންކަމުން އަރައިގަތުމުގެ ގޮތުން 7 ފަހަރެއްގެ މަތިން އެހީ ހޯދާފައިވެއެވެ. އެހެންނަމަވެސް 1993 ވަނަ އަހަރަށްފަހު އައިއެމްއެފްއިން ފައިސާ ނެގުން ހުއްޓާލާ އިންޑިއާއިންވަނީ 2000 ވަނަ އަހަރުގެ ނިޔަލަށް އެ ފައިސާ ދައްކާ ހަލާސްކޮށްފައިން އެ ގައުމުގެ ރަސްމީ ބައެއް މަސްދަރުތަކުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

“އައިއެމްއެފް ބެއިލްއައުޓް” އަކީ ކޮބައި؟

އައިއެމްއެފްއިން އެކި ސިފަތަކުގައި ބެއިލްއައުޓް ޕެކެޖުތައް ނުވަތަ އެހީ ފޯރުވައެވެ. އެގޮތުން މިއީ ލޯނެއް ނުވަތަ ނަގުދު ފައިސާ ނުވަތަ ބޮންޑެއް ނުވަތަ ސްޓޮކް ޕާޗޭސްއެއްގެ ސިފައިގައިވެސް ކުރުން އެކަށީގެންވާ މުއާމަލާތެއްކަމަށްވާއިރު، އައިއެމްއެފްއިން ދޭ އެހީ އަނބުރާ ދައްކަން ޖެހުން، ނުވަތަ އަނބުރާ ދައްކަން ޖެހޭ އިންސައްތައެއް ނުވަތަ ނުޖެހޭކަމެއްވެސް އެނގިގެންދާނީ ވެވޭ އެއްބަސްވުމެއްގެ ގޮތުންނެވެ.

އެ މުއައްސަސާއިން މި ގޮތުގެ މަތިން ޕެކެޖުތައް ހުށައަޅަނީ ޖުމުލަ ގޮތެއްގައި މުޅި އިގްތިސާދަށް ނުރައްކާވެފައިވާ ގައުމުތަކަށާއި މާލީ ގޮންޖުހުންތައް ހައްލުކޮށްދިނުމަށްކަމަށްވާއިރު، ދަރަނިތައް ނުދެެއްކިދާނެފަދަ ހާލަތެއްގައި އޮތް ގައުމުތަށާއި އިންތިހާއަށް އިގްތިސާދު ހީނަރުވެފައިވާ ގައުމުތަކަށްވެސް އެހީ ފޯރުވާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް އައިއެމްއެފްއިން ބެއިލްއައުޓް ކޮށްދެނީ ވަކި އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންގޮސް ކުރިމަތިވެފައިވާ މައްސަަލަތައް ހައްލުކޮށް އެފަދަ ހާލަތެއް މެދުވެރިނުވާނެ މަގަށް އެޅުވުމުގެ މަގުސަދުގައިކަމަށްވުމުން މިހާރަށްވުރެ މާލީ ގަވައިދުތަކާއި އުސޫލުތައް އިތުރުވެ އެ މުއައްސަސާއިން އެދޭ މަގުސަދުތައް ހާސިލުވާންދެން ރާއްޖޭގެ ކަންކަން ބަލަހައްޓާ މިންގަނޑުތައްވެސް އިތުރުވެގެންދިއުން އެކަށީެގންވެއެވެ.

އާންމުކޮށް ގައުމުތަކުން އައިއެމްއެފްގެ އެހީތެރިކަން ހޯދަނީ ދަރަނި ނުދެއްކޭ ހާލަތަށް ދިއުން ފަދަ މާލީ ޒިންމާތައް އަދާ ކުރުމުގެ ދަތިކަމެއް ކުރިމަތިވުމުންނާއި ޒަރޫރީ ތަކެތި އިމްޕޯޓުކުުރުން ފަދަ މުހިންމު ބޭނުންތަކުގައިނަމަވެސް މިކަމުގެ ސަބަބުން އެ ގައުމުތަކުގެ ފައިސާގެ އަގަށް ބަދަލުތައް އަންނަ ތަން ފެނިގެންދާކަމަށް ބައެއް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އައިއެމްއެފްގެ ޝަރުތުތައް ހުންނާނެ ގޮތަކީ ކޮބާ؟

އައިއެމްއެފްއިން އެހީ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ ގޮތުންވެސް ބައެއް ޝަރުތުތައް ފުރިހަމަކުރުމަށް އެދުން އެކަށީގެންވާއިރު، ރާއްޖޭގެ މާލީ ކަންކަން ކުރިއަށް ގެންދާ އޮނިގަނޑަށް ބަދަލުތައް ގެނައުން ފަދަ ކަންކަން ހިމެނެއެވެެ. އެހެންކަމުން އެ ޝަރުތުތަކަށް ބައެއް ފަހަރު ފާޑުކިޔުންތައް އަމާޒުވާއިރު، ބައިނަލްއަގުވާމީ މައިދާނުގެ ސިޔާސީ މަގުސަދުތައް ހާސިލުކުުރުމަށްޓަކައިވެސް ޝަރުތުތައް ކުރާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި އެހީތެރިކަން ބަލައިގަންނަ ގައުމުތަކުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ މައްސަަލައިގެ ތުހުމަތުތައްވެސް ފެންމަތިވެފައިވެއެވެ.

ބައެއް ފަރާތްތަކުން ފާޑުކިޔާނަމަވެސް، އެ ޝަރުތުތައް ލޯނު ދީ އަނބުރާ ހޯދުމުގައި މުހިންމު ރޯލެއް އަދާކުރާކަމަށް މާލީ މާހިރުން ބުނެއެވެ. އަދި އައިއެމްއެފްއިން މަސައްކަތްކުރަމުންދަނީ މާލީ ހާލަތު ކުރިމަތިކުރުވި ފަދަ ނުރަނގަޅު އުސޫލުތައް ގެންގުޅޭ ގައުމުތަށް ފައިސާ ނުދިނުމަށްކަމަށްވާއިރު، އެހީ ލިބިގަންނަ ފަރާތްތަކުން އެ ފައިސާގެ ނަހަމަ ބޭނުން ކުރުން ހުއްޓުވުމާއި، އިގްތިސާދީ ހާލަތު މެދުވެރިވުމަށް ދިމާވި މައްސަލަ ހައްލުކުރުމަށްވެސް އެ މުއައްސަސާއިން އަހައްމިއްޔަތު ދޭކަމަށް ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: