ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓްލޮސްގެ މައްސަލަ އިސްތިއުނާފުކުރެވޭނެކަމެއް ބަންޑާރަ ނައިބުގެ ބަޔާނުން ސާފެއް ނުވޭ: އެމްޑީޕީ

ލ ގަމުގައި އެމްޑީޕީއިން ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމާއި ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނުން އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނުކުރެވޭކަން ސާފުނުވާކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް ހަފްތާ 14ގެ ތެރޭގައި ހިމަނައިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އޭޖީ އޮފީހުންވަނީ ނޫސް ބަޔާނެއް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްފައިކަމަށެވެ. އެހެންނަމަވެސް އެ ބަޔާނުން މައްސަލަ އިސްތިއުނާފުކުރެވޭކަން ސާފުނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން އެ ބަޔާނުން، ވެރިކަމަށް އައުމަށްޓަކައި ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލިކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ސާފުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އަދިވެސް މަސައްކަތްކުރަމުންދަނީ އޮޅުވާލުމަށްކަމަށްވެސް ބުނެފައިވެއެވެ. އަދި ހުކުމް ކުރިތާ ދިހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އެ ވާހަކަތަކުގެ ފަހަތުގައި ބުރަދަނެއް ހުރިކަމަށް ދައްކުވައިދޭ އެއްވެސް ހެއްކެއް ދެއްކިފައިނުވާކަމަށާއި ސަރުކާރަށް މިހާތަނަށް ކުރެވިފައިވާކަމަކީ ކަމާއި ބެހޭ ތަޖުރިބާކާރުތަކެއްކަމަށް ބުނާ އެއީ ކޮން ބައެއްކަންވެސް ނޭނގޭ ބައެއްގެ ފަރާތުން ގާނޫނީ ލަފާ ހޯދުންކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން އަންކްލޮސް މުއާހަދާގެ ދަށުން އިހްތިސާސް ލިބިފައިވާ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުމާއި އެއްގޮތަށް އަމަލުކުރުން މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް ލާޒިމު ނިހާއީކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަބަދުވެސް އައީ އެ ވާހަކަތައް ދައްކަމުންކަމަށާއި އެއީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމަށްވުމުން ދިވެހި ދައުލަތަށް އެ ނިންމުމާއި އެއްގޮތަށް އަމަލުކުރުން ލާޒިމުކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ސާލިހުގެ ސަރުކާރުން މައްސަލައިގައި ކުރީކޮޅު އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ބަޔާނުގައި ބުނެފައިވާކަމަށްވެސް އެމްޑީޕީއިންވަނީ ރައްދު ދީފައެވެ. އެގޮތުން މައްސަލައިގެ ނޯޓިސް ލިބުމާއިއެކު ސަރުކާރުންވަނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާފައިކަމަށާއި އެ މީހުންގެ ލަފާގެ މަތިން 2019 ވަނަ އަހަރުގެ ތެރޭގައި އިޖުރާއީ ކަންކަންވެސް ހުށައެޅިކަމަށް ބުނެފައިވެއެވެ. އަދި އެއަށްފަހު އެ މައްސަަލަ 2021 ވަނަ އަހަރުގެ ތެރޭގައި އިޓްލޮސްއިން ނިންމާފައިވަނީ މައުޟޫއީ މައްސަލައެއްގެ ގޮތުގައިކަމަށާއި އެއީ ރާއްޖެއިން އަމަލުކުރަން ލާޒިމު ނިންމުމެއްކަމަށެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން އެއީ އިސްތިއުނާފު މަރުހަލާއެއްގެ ތެރެއިން އިސްތިއުނާފުކުރުމުގެ ފުރުސަތު ނެތް ބައިނަލްއަގުވާމީ ކޯޓެއްގެ ނިންމުންކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި މޮރިޝަސްގެ ސަރަހައްދާއި ފުށު އަރާ ބަޔާ ބެހޭގޮތުން މައްސަލައެއް ކުރިއަށް ގެންގޮސް ނިމިފައިވުމަކީ އެކަމުގެ ނަތީޖާކަމަށް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމަކީ ހަމަޖެހޭ ހުކުމެއް ނޫންކަމަށާއި އެއީ ގާނޫނީގޮތުން ނިންމިދާނެ ނިންމުމެއް ކަމަާއިމެދު ސުވާލު އުފެދޭކަމަށް ބުނެފައިވާކަމަށްވާއިރު އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ބުނެފައިވެއެވެ. އަދި އިޓްލޮސްއަކީ މުއާހަދާއެއްގެ ދަށުން އުފައްދާފައިވާ މައްސަލައިގައި ޝާމިލުވާ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމު ނިހާއީ ހުކުމްތައް ކުރުމުގެ ބާރު ލިބިފައިވާ ޓްރައިބިއުނަލްއެއްކަމަށްވެސް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

ރައީސް ސާލިހުގެ ސަރުކާރުން އައްޔަނުކުރި ޓީމުގައި ކަމާއި ބެހޭ ދާއިރާތަކުން ފުންނާބު އުސް މީހުން ހިމެނޭކަމަށާއި ހުށައެޅުންތައް ހުށައެޅީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބައެއް ހޯދޭނެ ގޮތަށްކަމަށްވެސް ބުނެފައިވެއެވެ. އަދި މައްސަލައިގައި ސަރުކާރުންވާނީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އެންމެ ފުރިހަމައަށް ދިފާއު ހުށައަޅާފައިކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި އަމަލުކުރީ ޒިންމާދާރުކަމާއިއެކުކަމަށް ބުނާ ސަބަބެއްވެސް ސާފުކޮށްދީފައިނުވާކަމަށާއި ސަރުކާރަށް ލަފާ ދިންކަމަށް ބުނާ ހަބީރުންގެ ނަންތައްވެސް ހާމަކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. އަދި އެ މީހުންގެ ތައުލީމާއި ބުނެފައިވާ ވާހަކަތައްވެސް ސަރުކާރުން ހާމަނުކުރާކަމަށާއި ކަމާއި ގުޅޭގޮތުން ފެންނަން އޮތީ ސިޔާސީ ގޮތުން ނެރިފައިވާ ނޫސްބަޔާނެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ސަރުކާރަށް ލަފާދިން ހަބީރުންގެ މައުލޫމާތުތައް އެއްވެސް އުނިއިތުރު ކުރުމަކާއި ނުލައި ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: