ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނދިކުޅުދޫ ކައުންސިލްގެ ރައްދު: ލާމަރުކަޒީ އުސޫލުގެ ދަށުން ކައުންސިލްތައް ސަރުކާރުގެ އިދާރާއެއްގޮތުގައި ސިފަނުކުރެވޭނެ!

ކެނދިކުޅުދޫ ކައުންސިލް މެންބަރުން..... ފޮޓޯ: ކެނދިކުޅުދޫ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަކީ ސަރުކާރުގެ ބާރު ހިނގާ، އިދާރާއެއްގެ ގޮތުގައި ސިފަ ކުރުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ރޫހާއި ކަނޑައެޅިގެން ހިލާފު އަމަލެއްކަަމށް ނ. ކެނދިކުޅުދޫ ކައުންސިލްއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކުރިޔަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވައި ސަރުކާރު މައި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާތީ އެކަން ކުށްވެރިކޮށް ކެނދިކުޅުދޫ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު ބަޔާނެއް އާންމު ކުރި އެވެ. ރަސްމީ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި ރައީސް ރަށަށް ވަޑައިގަންނަވާކަން އެންގުމާއި އެކު، ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ޖަލްސާގެ ކަންކަން ވެސް ކުރިޔަށް ގެންދިޔަކަމަށް އެ ކައުންސިލުން ބުންޏެވެ.

އެކަމަކު އެ ދުވަހު ކެނދިކުޅުދޫ ޖަލްސާގައި ރައީސް ވަނީ މަޖިލިސް އިންތިހާބު ފަސް ކުރުމުގެ އިސްލާހުގެ ވާހަކަ އެމްޑީޕީގެ މެމްބަރުން ދައްކާއިރު ރޯދައިގެ ކުރިޔަށް ބާއްވަން ބޭނުންވި އިންތިހާބަށް އެއްބާރުލުން ނުދިނީ މަޖިލިސް ތެރެއިންކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންނަކީ، ވަކި ބައެއްގެ ޕަޕެޓުންތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ވިދާޅުވީ އެމަނިކުފާނަކީ ގާނޫނުއަސާސީއާ ހިލާފުވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އޭގެ ޖެހިގެން އައި ދުވަހު އެ މައްސަލައިގައި ބަޔާނެއް އާންމުކޮށް ކައުންސިލުން ބުނެފައި ވަނީ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާ ބޭނުން ކުރުމަކީ 11/2008 (އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާ ވާނެކަމަށެވެ. އެ ބަޔާން މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައި ވަނިކޮށް އިއްޔެ އަނެއްކާ ވެސް ފެންމަތިވީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ސިޓީ އެވެ.

އެލްޖީއޭއިން ބުނެފައިވަނީ ހަމައެކަނި ތައްގަނޑު ޖަހާފައިވާ އެ ބަޔާނުގައި އެއްވެސް މެމްބަރެއްގެ ސޮއި ނެތުމުން ބަޔާނުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް މަތި ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އެލްޖީއޭގެ މިފަދަ ސިޓީއެއް ލިބިފައިވާކަމަށް ކައުންސިލްގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދިންއިރު، އެ އޮތޯރިޓީން އެންގީ ރައީސުލްޖުމްހޫރިއްޔާއާއި ގުޅޭގޮތުން ނެރުނު ބަޔާން ހޯމަ ދުވަހުގެ 14:00 ގެ ކުރިން އަނބުރާ ގެންދިއުމަށެވެ. އެހެން ނަމަވެސް މައާފަށް އެދި، ބަޔާން އަނބުރާ ގެންދިއުމަށް ދެކޮޅު ހަދައި މިއަދުގެ މެންދުރު ކައުންސިލުން އެލްޖީއޭއަށް ސިޓީއެއް ފޮނުވައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެއްދިފައިވާ ރަށު ކައުންސިލްތަކަކީ އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ސަރުކާރާއި ވަކިން އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ބާރު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސުތަކެއް ކަަމަށެވެ. އަދި ރަށު ކައުންސިލްތަކަކީ ނުވަތަ ޖުމްލަ ގޮތެއްގައި އެ ގާނޫނުގެ ދަށުން އުފެއްދިފައިވާ ލޯކަލް ކައުންސިލްތަކަކީ ފަށަލައެއްކަމަަށް ބަޔާންކޮށްފައިވެއެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނެފައިވަނީ ކައުންސިލްތަކަށް މަތި ކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ގަނޫނުގައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި އޮންނަންޖެހޭ ގުޅުންވެސް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ކައުންސިލުން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ އެއްއަސާސް ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެ ކައުންސިލުން މިހާތަނަށްވެސް މަސައްކަތް ކޮށްފައިވާނީ ސަރުކާރާއި ގުޅިގެންކަމަށާއި ސަރުކާރަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކުރިއަށްއޮތް ތާންގައިވެސް ދޭނެ ކަމަށް ބާޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: