ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރު ކުރުމަށް ޖަޕާން ގްރާންޓް އެއިޑްގެ 4 މިލިއަން ޑޮލަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ގޮތުން “ދި އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ޖަޕާން ގްރާންޓް އެއިޑް ގެ ދަށުން 600 މިލިއަން ޖަޕަނީސް ޔެން (4 މިލިއަން އެމެރިކާ ޑޮލަރުގެ) ޕްރޮޖެކްޓް އެއްބަސްވުމުގައި އިއްޔެ ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ސޮއިކުރެވިފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މިޕްރޮޖެކްޓް ގެ ދަށުން ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންކުރާނެ ފަޔަރ ވެހިކަލްއާއި، އަލިފާން ނިއްވާ ޕަންޕު، ފެން ހިއްކާ ޕަންޕު އަދި ސްލަޖް ސަކްޝަން ޓްރަކް އެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ޙަވާލުކުރެވިގެންދާނެކަމަށެވެ.

ގެނެވޭ ތަކެތީގެ ތަފްޞީލް:

• 04 ފަޔަރ ފައިޓިންގ ވެހިކަލް
• 264 ފެން ހިންދާ ޕަންޕު
• 40 އަލިފަން ނިއްވާ ޕަންޕު
• 01 ސްލަޖް ސަކްޝަން ޓްރަކް

މީގެ ތެރޭގައި ހިމެނޭ ފަޔަރ ފައިޓިންގ ވެހިކަލް ތަކާއި އަލިފާން ނިއްވާ ޕަންޕު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހަވާލުކުރެވޭނެކަމަށާއި، މާލެ ސަރަޚައްދާއި އަތޮޅު ތެރޭގައި ދިމާވާ އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުޑަ ކުރުމަށް މިތަކެތި ބޭނުން ކުރެވިގެންދާނެކަމަށް އެންޑީއެމްއޭ އިން ބުނިއެވެ.

ގެނެވޭ ފެން ހިންދާ ޕަންޕުތައް މިއޮތޯރިޓީއިން މިހާތަނަށް ފެން ހިންދާ ޕަންޕު ފޯރުކޮށްނުދެވޭ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފަވާކަމަށްވެސް ބުނިއެވެ. އެންޑީއެމްއޭ އިން ބުނީ މިޕަންޕުތަކުގެ ސަބަބުން މިހާރު ވާރޭ ވެހި ފެން ބޮޑުވާ ރަށްރަށަށް ކުރިމަތިވާ ކާރިސާ ތަކުގެ ސަބަބުން ރައްޔިތުންގެ ގޯތި ގެދޮރަށާއި، ހިފާ ގެންގުޅޭ ސާމާނާއި، ދަނޑު ބިންތަކަށް ލިބޭ ގެއްލުންކުޑަ ކުރެވި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަސައްކަތަށް ރަށްރަށުގެ ވިލުންތެރިކަމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރެވިގެން ދާނެކަމަށެވެ. އަދި ފެން ބޮޑުވެގެން ލިބޭ ގެއްލުންތަކުން އިޔާދަ ވުމަށް ދައުލަތުން ކުރާ ޚަރަދުވެސް ކުޑަ ކުރެވިގެން ދާނެކަމަށް އެންޑީއެމްއޭ އިން ބުނިއެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި އަމާޒަކީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެން ބޮޑުވުމުގެ ކާރިސާތަކަށް އިޖާބަދިނުމުގެ ވަޞީލަތްތައް ޤާއިމްކުރުމެވެ.

މީގެ އިތުރުން މާލެ ސިޓީއަށް ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާރުވެސް ނަރުދަމާ މައްސަލަ ޖެހި، ނަޖިސް ލީކުވެ ކާނުތައް ބެދުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާކަމަށް ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ އެހެންކަމުން މި ޕްރޮޖެކްޓްގެ ދަށުން ހޯދޭ ސްލަޖް ސަކްޝަން ޓްރަކް އަކީ މާލެ ސިޓީއަށް ކުރިމަތިވާ މިފަދަ ހާދިސާތަކުގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތައް ލިބިގެންދާނެ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ އޮތޯރިޓީއާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާއެކު ކުރެވުނު މަސައްކަތުގެ ދަށުން އެކުލަވާލެވުނު މިޕްރޮޖެކްޓަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ދާއިރާއަށް ޖަޕާން ސަރުކާރުން އެހީތެރިވެދިނުމަށް އެކުލަވާލެވުނު މިފަދަ އެންމެ އަވަސް ޕްރޮޖެކްޓްކަމަށް އެންޑީއެމްއޭ ބުނިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި މިއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޖަޕާނުން ރާއްޖެއަށް ހަމަޖައްސާފައި ހުންނަ ސަފީރު ޓަކިއުޗީ މިޑޮރީއާއި ދެއްކެވި ވާހަކަފުޅުގައި މިޕްރޮޖެކްޓް މިހާ އަވަހަށް އެކުލަވާލެއްވުމަށް ކުރެއްވި މަސައްކަތަށް އެކަމަނާއަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި 2004 ސުނާމީ ކާރިސާއާއި، 2015 މާލެ ވޯޓަރ ކްރައިސިސް، ކޮވިޑް ޕެންޑަމިކް އަދި ފާއިތުވެދިޔަ އަހަރު ތަކުގައިވެސް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދާއިރާގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ޖަޕާން ސަރުކާރުގެ “ނަން ޕްރޮޖެކްޓް ގްރާންޓް އެއިޑް” ގެ ދަށުން ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ ގޮތުން ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންކުރާނެ އުޅަނދާއި، ސާމާނު ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ހިންގުނު ޕްރޮޖެކްޓްތަކަށް ޖަޕާން ސަރުކާރަށް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: