އެމްޑީޕީގެ ސަރުކާރުން ވީރާނާކޮށްލާފައިވާ ދިވެހި އިގްތިސާދު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކޮޅަށް ޖައްސަވާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މާލީ މުއާމަލާތްތައް ކުރާއިރު، ދިވެހި ރުފިޔާގެ ބޭނުންކުރެވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީ އަދި ޕީޕަލްސް ބެންކް އޮފް ޗައިނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ މިއީ މި ސަރުކާރުން ދިވެހި އިގްތިސާދު ނަގާ ކޮޅަށް ޖަހާނެކަމުގެ އަލިގަދަ ހެެއްކެއްކަމަށެވެ.
ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ޗައިނާގެ ލޯނުތަކަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެކަމަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ދެ ޤައުމަށް ދަތުރުކޮށް ޔޫއެސް ޑޮލަރާއި ނުލައި އެ ޤައުމެއްގެ ފައިސާއިން ވިޔަފާރީގެ މުޢާމަލާތްތައް ކުރެވޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
ދެ ޤައުމުގެ އިންވެސްޓްމަންޓް ތަކަށް ދެޤައުމުގައި އެޤައުމެއްގެ ފައިސާއިން އިންވެސްކޮށް ހެދޭނެކަމަށް ފާހަގަކޮށް ޝުޖާއި ވިދާޅުވީ، ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމަށެވެ.

