ޕީއެންސީގެ ލީޑަރުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ދެއްވަން ބޭނުންވި ކަމަށް ބުނާ މެސެޖުތަކެއް ބާރަށު ދައިރާގެ މެމްބަރު ޝުޖާއު ހިއްސާކުރައްވައިފިއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ޝުޖާއު ވަނީ އެކި މިނިސްޓަރުން އޭނާއާ ހިއްސާކުރައްވާފައިވާ ވާހަކަތަކެއް ވިދާޅުވެފައެވެ. އެގޮތުން ޝުޖާއު ވަނީ އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނާއި، ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމާއި އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވި ކަމަށް ބުނާ މެސެޖުތަކެއް ހިއްސާކުރައްވައިފައެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާއިން މިހާރު ބޮޑު ކާމިޔާބީތަކެއް ލިބި، ބޭރަށް ސީވީޑް ފޮނުވަން ފަށާފައިވާ ކަމަށާއި މަހުގެ އަގު 20އަށް އަރާފައިވާ ކަމަށާއި އަދި 48 ގަޑިއިރުގެ ތެރޭގައި މަހަށްވާ ފައިސާ ލިބޭނެ ވާހަކަ ރައީސް ޔާމީން ގާތު ބުނެލަދިނުމަށް މިނިސްޓަރު ޝިޔާމް އެދިވަޑައިގަތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
”ރައީސް ޔާމީނަށް ދަންނަވާށޭ ތެޔޮ ފުޅިއެއްގެ އަގު ހުރީ 19.30 އަށޭ. ދެން އަޅުގަނޑު ދަންނަވައިފިން ސައީދު ކޮން ވާހަކައެއް ތޯއޭ ތި ދެންނެވީ. އެއްގޮތަކަށްވެސް ކައްކާ ތެލުގެ ވާޙަކައެއް ނޫނޭ، ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެއޭ މިއީ ތަދުވާތީ ތަންތަނުގައި ދަމަން ގެންގުޅޭ ތެލޭ.“ ޝުޖާއު
ރާއްޖޭގައި ވައިޑް ބޮޑީ އެއާކްރާފްޓްގެ 2 ވަނަ ބޯޓު މިހާރު ރާއްޖެ ގެނައުމަށް ތައްޔާރުވެފައިވާ ކަމަށާއި ޓޫރިޒަމްގެ ދާއިރާއިން ޓާގެޓަށް ވާސިލްވާނެ ވާހަކަ ޔާމީން ގާތު ބުނެލަދިނުމަށް މިނިސްޓަރު އަމީން އެދިވަޑައިގަތް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
”މިގައުމުގައި ހުރި ބޮޑެތި މައްސަލަތައް ރައީސް މުއިއްޒު ގެންދަވަނީ ސާބިތުކަމާއެކު، ކެތްތެރިކަމާއެކު ހައްލުކުރައްވަމުން. 23 ރުފިޔާއަށް ހުރި ޑޮލަރު ﷲ އިރާދަފުޅުން އެދަނީ ކުޑަވަމުން. އެއީ ކެތްތެރިކަމާއެކު އަޅުއްވާ ފިޔަވަޅުގެ ސަބަބުން“
ޝުޖާއު ވިދާޅުވީ އަދިވެސް ރައީސް ޔާމީނަށް މީހުން ދަސްނުވާ ކަމަށެވެ. ޕީއެންސީގައި މީހާރު ތިއްބެވީ އަބަދުވެސް ޔާމީންއާއެކު ތިއްބެވި ބޭފުޅުން ކަމަށާއި އުސޫލުތައް ދޫކުރައްވާފައި ދުރަށް ވަޑައިގަތީ ޔާމީން ކަމަށާއި ޕީއެންސީން އަދިވެސް ތިބީ ގަބޫލުކުރާ އުސޫލުގައި ހިފަހަައްޓައިގެން ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހަޔާތެއް ގުރުބާން ކުރެއްވީ ހަަމައެކަނި ޔާމީންއަށް ޓަކައި ކަމަށެވެ. އެހެންނަމަވެސް މިއަދު ފަލާހުއެއްވެސް އަބްދުއްރަހީމްއެއްވެސް ކަމުނުދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

