ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ ގަސްތުގައި ބައްޕައަށް އަނިޔާވެެރިވަމުން: ރ. ޔާމީންގެ ދަރިކަލުން

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން، ވަކީލުންގެ ހައްގުން މަހުރޫމް ކޮށްފައިވަނީ ގަސްތުގައި އެމަނިކުފަނަށް އަނިޔާވެރިވުމުގެ ގޮތުން ކަމަށް އާއިލާއިން ބުނެފި އެވެ.

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީން ވަކީލުންނާއި ބައްދަލު ކުރުމުގެ ހައްގުން މަހުރޫމްކޮށްފައި ވަނީ ހޯމް މިނިސްޓްރީ އާއި ކަރެކްޝަންގެ ވެރިންގެ ބައިވެރިވުމާއި އެކު ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ގާނޫނުގެ ދަށުން ލިބިދީފައިވާ، ގާނޫނީ ވަކީލުންގެ ހައްގު ވެސް ނިގުޅައިގެންފައިވަނީ ކޯޓުން އެނގި އެންގުމާއި ހިލާފުވެ ކަމަށެވެ.

ކޮރަޕްޝަނާއި، ރިޝްވަތުގެ ތުހުމަތުކޮށް ބައްޕާފުޅުގެ މައްޗަށް އިތުރު ދައުވާއެއް އުފުލާ، އިބްތިދާއީ އަޑުއެހުމުގެ ޝަރީއަތް ކުރިޔަށް ދިޔަ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޒޭން އާއްމު ކުރި އެ ބަޔާނުގައި ބުނެފައިވަނީ އެ އަޑުއެހުން ބާއްވާފައި ވަނީ ވެސް ވަކީލުންނާއި ބައްދަލު ނުވެ ކަމަށެވެ. ހައިކޯޓާއި ކްރިމިނަލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރުތައް ތަންފީޒުކުރަންޖެހޭ އިދާރާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ވާއިރު، އެ އިދާރާގެ ބަލަދުވެރިޔަކީ ހޯމް މިނިސްޓްރީކަން ޒޭން ގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އާއިލާއިން އިންތިހާއަށް ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިމުމަކާއި ހަމަޔަށް ގޮސްފައި ވަނިކޮށް، އެ މަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި އެ މައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވީ، ދިފާއުވެވަޑައިގަތުމަށްޓަކައި ބޭނުންވާނެ ވަސީލަތްތައް ގާއިމްނުކޮށް ކަމަށް ޒޭންގެ ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރާއި އެއްގޮތަށް ބައްދަލުވުން ހަމަޖެހޭނެކަމަށް އަންގާ ވަކީލުންގެ ޓީމުން މާފުއްޓަށް ދަތުރުކުރުމުން، ތަފާތު އެކި ބަހަނާތައް ދެއްކިކަމަށާއި، ރަށަށް އެރުމުގެ ހުއްދަ ނުދިނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި، މާފުށީ ކައުންސިލްގެ ހުއްދަ ނުލިބޭކަމަށް ބުނެކަމަށް ޒޭން ވިދާޅުވިއެވެ.

ޒޭންގެ ބަޔާނުގައި ވިދާޅުވީ ކުށުގެ ތުހުމަތުގައި ބަންދުކުރާ ފަރާތްތަކާއި ގައިދީން ޖަލުތަކަށް ގެނެސްގޮސްދިނުމާއި އެ ފަރާތްތަކާ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ  ކަރެކްޝަންސްގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް ބައްދަލު ކުރުމުގެ ހުއްދައެއް ނެތްކަމަށް ބުނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާއިމެދު އަނިޔާވެރިވުން ކަމަށް ވިދާޅުވިއެވެ. އަދި އެއީ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމު ކުރުމަށް ދެއްކި ބަހަނާއެއް ކަމަށް ޒޭން ވިދާޅުވެފައިވެއެވެ.

ބަޔާން ނިންމާލަމުން ޒޭން ވިދާޅުވެފައިވަނީ އެކި ފަހަރުގެ މަތިން މީޑިޔާގައި އެއްވެސް އަސްލެއް އަސާސެއްނެތް ދޮގު ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އާއިލާއިން ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަކުރެއްވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާ މެދު މިފަދަ އިހާނެތި ގޮތަކަށް ކަންކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމުގައި ނުދެކޭކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: