ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތްގެ އޮޑިޓު ރިޕޯޓު މައްސަލައިގައި އަމީން: “ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތެއް ނެތް!”

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟
އޮޅުވާލުންތަކާއި، މަކަރާއި ހީލަތް، އަދި ކޮރަޕްޝަންގެ އަމަލުތަކެއް ހެލްތް މިނިސްޓްރީގެ ކޮވިޑުގެ އޮޑިޓުން ހާމަވީ ނަމަވެސް މިނިސްޓްރީގެ އެއްވެސް މަސައްކަތްތަކެއް ކުރިޔަށް ގެންދިޔައީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި އެއް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭހެން އޮޑިޓު ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ. އެ ރިޕޯޓުން ދައްކާގޮތުން ފާއިތުވީ ހަ މަހެއް ހާ ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީއިން ކޮވިޑާއި ގުޅިގެން ކުރި މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފައިވާ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

ބޮޑެތި ހަރަދުތަކެއް ކުރި، މެޑިކަލް އެތައް ސާމާނެއް ރާއްޖެއާއި ހަމައަށް އައިސްފައި ނުވާއިރު، އެ ތަކެއްޗަށް ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓު (ޕީޕީއީ) އާއި، ވެންޓިލޭޓަރުތައް އަދި އެ ނޫން ވެސް މެޑިކަލް ސާމާނުތަކެއް ހިމެނެއެވެ.

މި މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު، ހެލްތް މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސައްކަތްތަކުން އެކަހެރިވެފައެވެ. އަދި ދެވަނައަށް އޮޑިޓް ރިޕޯޓުން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަސްޕެންޑް ކުރައްވައި، ގޭގައި މަޑު ކުރުމަށް އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އަމީން އާއި، ބިޑު ކޮމިޓިގެ މެމްބަރުން އަދި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން، އަމީން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތަކުގެ މައްސަައިގައި ނާޖާއިޒް ފައިދާ ހޯދައިދިނުމާއި، އޮޅުވާލުންތަކެއް ވާކަމަށް ބުނެފައިވީ ނަމަވެސް އޭނާގެ އެފަދަ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ހިންގާފައި ނުވަނެ ކަމަށެވެ.

ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގެ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އޭރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތަށް ބަލައި، މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.

“އިޖުރާއީ ގޮތުން މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވީ ނަމަވެސް، ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ނުނީ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލެއް ނުކުރަން،” އަމީން

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ މެދުވެރިކޮށް ނޫންކަން އޮޑިޓުން ވަނީ ހާމަވެފައެވެ. މީގެ ކުރިން އަމީނާއި، ހެލްތް މިނިސްޓްރީން ވެސް ބުނަމުން ދިޔައީ މިއީ ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށެވެ. މި މައްސަލައިގައި އޮޑިޓުން ހާމަވީ ކަންތަކަށް އަމީން ވިދާޅުވީ ވެންޓިލޭޓަރުތަކަށް އޮތް ޑިމާންޑާއި އެކު، އެކަން ވީ އެންމެ ބޮޑު ދަތި އެއްކަމަކަށް ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާއި މަޝްވަރާ ކުރި ކަމަށާއި، އެ މަޝްވަރާތަކަށްފަހު އެފަދަ ކުންފުނިތަކުގެ ލިސްޓެއް ލިބުނު ކަމަށެވެ.

އަމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެއީ އޭނާ އަމިއްލަ ހައިސިއްޔަތުން ކުރި މަޝްވަރާތަކެއް ނޫން ކަމަށެވެ. އެންމެ ފުރަތަމަ މަޝްވަރާތައް ދިޔައީ ނުރަސްމީ ސިފައެއްގައި ނަމަވެސް، ފަހުން ވާހަކަތައް ބަދަކުރީ ރަސްމީކޮށް ކަމަށެވެ. އެހެން ކަމުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން ފޮނުވި އީމެއިލްއަކީ ރަސްމީ އީމެއިލްއެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ކޮމިޓީގައި ވިދާޅުވީ މެޑިކަލް އިކުއިޕްމެންޓެއް ބޭނުންވެގެން އިއުލާނު ކުރާއިރު އެއްވެސް ގޮތަކަށް ވަކި ބްރޭންޑެއް ބޭނުންވެގެން އިއުލާން ނުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: