ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް މިދިޔަ ހުކުރު ދުވަހު މުޒާހަރާކުރި މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން މިއަދު ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮންމެ ޕާޓީއެއް 75،000ރ. އިން ޖޫރިމަނާކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ތަކުރާރުކޮށް ޚިލާފުވުމުން ކަމަށެވެ. ދެ ޕާޓީ ޖޫރިމަނާ ކުރިއިރު، އާއްމުންގެ ސިއްހަތަށް ނުރައްކާވާ ގޮތަށް މުޒާހަރާ ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވެސް ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރި އެވެ.
މާލެ އާއި ރަށްރަށުގައި މިދިޔަ ހުކުރުދުވަހު އިދިކޮޅުން މުޒާހަރާކުރީ، ޚާރިޖީ ގުޅުމުގައި އެެހެން ގައުމުތަކަށް ވުރެ އިންޑިއާ ގާތްކޮށް އެ ގައުމުން ދޭ ލޯނާއި އެހީތައް ސަރުކާރުން ގަބޫލުކުރުމަކީ “ރާއްޖެ ވިއްކާލުން” ކަމަށް ތުހުމަތު ކޮށެވެ. މިކަމާ ދެކޮޅަށް އަދިވެސް ސިލްސިލާ މުޒާހަރާތައް ބާއްވާނެ ކަމަށް އެ ދެ ޕާޓީން ބުނެ އެވެ.
އާއްމުންގެ ސިއްހަތަށް ނުރައްކާވާ ގޮތަށް މުޒާހަރާ ކުރި މައްސަލައިގައި ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ފުލުސް އޮފީހަށް ހާޒިރުކޮށް 1،000ރ. އިން ޖޫރިމަނާ ވެސް ވަނީ ކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ހިމެނިވަޑައިގަންނަވަ އެވެ.
One Response
ތިި ދެޕާރޓީީ ޖުރުމާާނާކުރުން މާބޮޑަށްވެސް ލަސްވެއްޖެ. ވ.ރަނގަޅު ނިންމުމެއް.