ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވާ ނުލައްވާށެވެ، އެންމެ އިސް ލީޑަރަކީ މަނިކުފާނެއް ނޫން!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު އެންމެ އަޑުހަރުކޮށް ދެކެވެމުންދާ އަދި ގިނަ ބަޔަކު ބަހުސް ކުރަމުންދާ އެއް މައުޟޫއަކަށް ވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއާއި ދެމެދު އުފެދިފައިވާ ސިޔާސީ ވާދަވެރި ކަމުގެ ވާހަކައެވެ. ކުޑައިރުގެ ދެ އެކުވެރިންގެ ސިޔާސީ ރޭހުގެ ވާހަކައެވެ. މުސްކުޅި ހަރުބަހެއްގައިވެސް އޮވެއެވެ. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެއެވެ. ހަގީގަތުގައި މިއަދު މި ފެންނަ މަންޒަރަކީ ބަޔަކު މީހުން އެއް އުރައަކަށްް ދެ ކަނޑިލާން މަސައްކަތް ކުރުމުގެ ނަތީޖާއެވެ.

ރައީސް ނަޝީދާއި ރައީސް އިބޫ ސާލިޙްއާއި ދެމެދު މިއަދު އުފެދިފައިވާ ސިޔާސީ ނުތަނަވަސް ކަމާއިއެކު އަޅުގަނޑުގެ ހަދާނަށް އަންނަނީ ރައީސް ސާލިޙް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާއިއެކު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅެވެ. އެއީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އެއް ވަނަ ދުވަހުވެ.

ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިބޫ ސާލިޙްއަކީ ވަރަށް ޒަމާންވީ އެކުވެރިއެއް ކަމަށާއި ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތް ކުރައްވާތާ ވެސް އެތަށް ދުވަހެއްވެފައިވާ ކަމަށެވެ. ނަމަވެސް ދުވަހަކު ވެސް އިބޫ ސާލިޙް އެމަނިކުފާނުގެ ހިޔަންޏަކަށްވެފައި ނުވާ ކަމަށާއި އިބޫ ސާލިޙް އެއީ މުގުލެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވެފައި ވަނީ އިބޫ ސާލިޙްގެ ވެރިކަން ދަމަަހައްޓަން ގާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އަދި ކޯލިޝަންގެ ތެރޭގައި އެކަކު އަނެކަކާ އެއްބައިވަންތަކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށާއި އެއްވެސް ލީޑަރަކު އަދި އިބޫ ސާލިޙް ވެސް ބާކީ ވެވަޑައިނުގަންނަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ޕީއެސްއެމް

ރައިސް ނަޝީދު ތިން އަހަރު ފަހުން ރާއްޖެ ވަޑައިގެންނެވިއިރު ރައީސް  އިބޫ ސާލިޙް ހުންނެވީ އެންމެ އަރިހުގަ އެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް އިބޫ ސާލިޙް އަށް ތައުރީފް ކުރައްވައި ވިންދު ހުރިހާ ދުވަހަކު އިބޫގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބޮޑު މަންޒަރު ފެންނަނީ ރައީސް ނަޝީދު ވިދާޅުވި ގޮތަކަށް ނޫނެވެ. ރައީސް ސާލިޙްގެ ވެރިކަން ދިފާއު ކުރެއްވުމުގެ މުގުލުގައި ރައީސް ނަޝީދު ހުންނެވުމުގެ ބަދަލުގައި ރައީސް ނަޝީދު ހުންނެވީ ރައީސް ސާލިޙްގެ ވެރިކަން މުލުން ލުހެލުމުގެ މުގުލުގައޭ ދެންނެވުން އެއީ މިއަދު ދޮގަކަށް ނުވާނެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމަށް ރައީސް ސޯލިހު ވަޑައިގެންނެވީ އޮމާން މަގެއްގައި ހިންގަވާފައެއްނޫނެވެ. ވެރިކަމުގައި މިވީ މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ ތަފާތު ގޮތް ގޮތުން އަމާޒުކުރި އިހާނެތި ބަސްތަކަށް ހިނިތުންވުމާއިއެކު ޖަވާބު ދެއްވާފައެވެ. ތިމާގެ އެކުވެރިންނާއި އަމިއްލަ ޕާޓީގެ ތެރެއިން ބަހުގެ ހަމާލާތައް އައުމަކީ އިހުސާސް ކޮށްލަން ވެސް ނޭނގޭ ވަރުގެ ހިތްދަތިކަމެއްކަން ޔަޤީނެވެ. ނަމަވެސް އެހުރިހައި އަޑިގުޑަން ތަކަކާއި ކުރިމަތިލެއްވީ ސާބިތު ކަމާއި އެކުގައެވެ.

އެމްޑީޕީގެ މިސްރާބު ހުންނަނީ ރައީސް ނަޝީދު ހުންނަވާ ދިމާލަށޭ، މިއީ ޕާޓީ ސިސްޓަމް ރާއްޖެ އަށް ތައާރަފްވި ހިސާބުން ފެށިގެން މީހުން ދައްކާ ވާހަކައެކެވެ. ރައީސް ނަޝީދުއަށް މަޖިލީހުގެ ރައީސްކަން ލިބުނު ހިސާބުން މިކޯޅުން ގަނޑު އިތުރަށް ހޫނުވެ ދެ ފެކްޝަންތެރޭގައި ތަޅާފޮޅުން ވަނީ ވަރުގަދަވެފައެވެ. ޤައުމު ހިންގަނީ ރައީސް ސާލިހުގެ ބަދަލުގައި މަޖިލީހުގެ ތެރެއިންނޭވެސް މީހުން ބުނެއުޅެއެވެ.

ކޮންމެއަކަސް މިހުރިހައި ފިއްތުންތަކެއްގެ ތެރޭގައިވެސް ރައީސް ސާލިހު ވަނީ ސާބިތުކަން ދައްކަވާފައެވެ. ބަޔަކު ކިޔާހާ އެއްޗަކަށް ވުރެ ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން އެކަމަނިކުފާނު އެގެންދަވަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަމުންނެވެ.

ރައީސް ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ

ވެރިކަމަށް ދެ އަހަރުވާން ގާތްވެފައި ވަނިކޮށް ރައީސް ސާލިޙްއަށް މިއަދު ކުރައްވަން ޖެހިވަޑައިގެންފައިވާ މަސައްކަތްޕުޅަކީ އެމަނިކުފާންގެ ވެރިކަން ދިފާއު ކުރެއްވުމުގެ މުގުލުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެކުވެރިޔާ ރައީސް ނަޝީދުގެ ކިބައިން ކެބިނެޓް ސަލާމަތް ކުރެއްވުމުގެ މަސައްކަތްޕުޅެވެ. ހާއްސަކޮށް އިގްތިސާދީ ވަޒީރު ސަލާމަތް ކުރެއްވުމުގެ މަސައްކަތްޕުޅެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ޕާޓީގެ ޗެއާޕާސަނަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން ފައްޔާޒު އެކަހެރިވެ ވަޑައިގަންނަވަން އެ މަނިކުފާނު ދެކެ ވަޑައިގަންނަވާތީ އެކަމަށް އެދި ވަޑައިގަންނަވަނީ ފައްޔާޒު ހުންނަވައިފި ނަމަ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. އަދި އެ ޕާޓީގެ ކުރު ވެރިކަމެއް ކުރިން ނިމިގެން ދިޔައިރު އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުވުން ކަމާއި އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށެވެ. އަދި އެ ސިޓީގައި ފައްޔާޒަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާ ވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނެތް ކަމަށާއި އަދި “މި ވާހަކަ މިގޮތަށް މިދަންނަވަނީ ހަމަ އެފަދައިން އެއްވެސް މިނިސްޓަރަކާ ވެސް ޒާތީ މައްސަލައެއް އޮވެގެން ނޫން” ކަމަށެވެ. އަދި ނުކުމެ ހުންނެވީ ވޯޓުގެ އަދަދެއް ހޯއްދެވުމަށް ނޫން ކަމަށައި މަސައްކަތް ކުރާނީ އެމްޑީޕީގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހައްދަވަން ކަމަށާއި އެ ނުކުތާ އަށް ވިސްނާލަން އެދި ވަޑައިގެންފައި ވެސް ވެއެވެ.

ސުވާލަކީ ރައީސް ސާލިޙްގެ ކެބިނެޓްގެ އެއްވެސް ވަޒީރަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގަތުމަށް އެންގެވުމަކީ ރައީސް ނަޝީދަށް ލިބިގެންވާ ބާރެއްތޯއެވެ.؟ ޖަވާބު ވަރަށް ސާފެވެ. އެއީ ރައީސް ނަޝީދަށް ލިބިގެންވާ ބާރެއް ނޫނެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ލިބިގެންވާ ބާރެކެވެ. ވަޒީރެއްގެ މައްޗަށް މަޖިލީޙުގެ އިތުބާރު ގެއްލިއްޖެނަމަ އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުއަސާސީގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ގެއްލިއްޖެނަމަ އަމަލު ކުރަން ޖެހޭނެ ގޮތް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ.

ގާނޫނުއަސާސީއަށް ބަލާއިރު މަޖިލީޙުގެ އިތުބާރު ވަޒީރެއްގެ މައްޗަށް ނެތްނަމަ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ  ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެ ކަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފައެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެއެވެ.

މީގެއިތުރުން ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީއެވެ.

ރައީސް ސާލިޙް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ: ފޮޓޯ މަޖިލިސް

ދެން އޮތީ އެމްޑީީޕީގެ އަސާސީ ގަވާއިދެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ގަބޫލު ކުރެވޭނެމަ އެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާ ގައުމީ މަޖިލީހުން ފާސްކުރާ ގަރާރަކުން އެ ވަޒީރަކު މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޕާލަމެންޓްރީ ގުރޫޕަށް އެންގިދާނެއެވެ. އެހެން ކަމުން ހުރިހައި ގޮތަކަށް ބެލި ނަމަވެސް މިވަގުތު ރައީސް ނަޝީދު އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނީ އިމުގެ ތެރެއިންނޭ ނުވަތަ ޗާޓުގެ ތެރެއިންނޭ ދެންނެވޭކަށް ނެތެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މިވަގުތު ޕާޓީގެ އެންމެ އިސް ފަރާތަކީ އިބްރާހިމް މުހައްމަދު ސާލިޙްއެވެ. އެހެން ކަމުން އެމްޑީޕީގެ ސަރުކާރުގެ ކެބިނެޓް ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ނުވަތަ ކެބިނެޓް ވަޒީރެއްގެ ޝަކުވާއެއް ނުވަތަ މައްސަލައެއް އޮވެއްޖެނަމަ ރައީސް ނަޝީދު އެ މައްސަލައެއް ހުށަހަޅުއްވަން ޖެހޭނީ ރައީސް ސާލިޙްއަށެވެ. ހަސަން ލަތީފްއަކަށް ނޫނެވެ.

ފަހަރުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް ނަޝީދު ކަމަށް ޗެއަރޕާސަން ހަސަން ލަތީފް އަށް ގަބޫލު ކުރެއްވުނު ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ރައީސް ސާލިޙްއެވެ. ދެން ރައީސް ނަޝީދުއެވެ. އޭގެ ފަހުން ނައިބް ރައީސް މުހައްމަދު ޝިފާޒްއެވެ. ހަސަން ލަތީފް އަކީ ހަތަރުވަނަ އަށް ޕާޓީގެ އެންމެ އިސް ފަރާތެވެ. އެހެން ކަމުން ރައީސް ނަޝީދުއަކީ އެމްޑީޕީގެ އެންމެ އިސް ފަރާތްކަމަށް ވިދާޅުވެ ސިޓީ ބިޓީ ލިޔުއްވާ ޖަވާބު ދެއްވުމަކީ ގޯހެކެވެ. ބޮޑު އޮޅުވާލުމެކެވެ. އޮޅުވާ ނުލައްވާށެވެ. އެންމެ އިސް ލީޑަރަކީ މަނިކުފާން ތިޔަ ވިދާޅުވި ރައީސް ނަޝީދު އެއް ނޫނެވެ. އިސް ލީޑަރަކީ ދިވެހި ދައުލަތުގެ އިސް ވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 62%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: