ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ: އީސީ

އިލެކްޝަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ  ޒަމާނީ ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރު ކަމަށާއި  ދިވެހިރާއްޖޭގެ އައު ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ވަނީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ، އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދީފައި ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި، ދައުލަތް ހިންގުމުގައި، ވެރިކަން ކުރުމުގެ ބާރާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ވަކި ކުރެވިފައި އޮންނަންޖެހޭއިރު، ދިވެހިރާއްޖެ ޑިމޮރެސީއަށް ކުރާ ދަތުރުގައި، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެއިންދަނީ ވަރަށް މުހިންމު ތަޖްރިބާތަކެއް ކުރަމުން ކަމަށެވެ..

މިގޮތުން، ސަރުކާރު ހިންގުމުގެ ބާރާއި އަދި ޤާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަބަޔެއްކަން އީސީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، މިނިވަންކަމާއެކު، އިންސާފުވެރި ގޮތެއްގައި އެމަޤާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަނުން އުފުލަމުން ގެންދާ ޒިންމާއެއްކަން ވަނީ ފާހަގަ ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހެއެވެ. އަދި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން، މިނިވަން އަދުލުވެރި އިންތިޚާބުތައް ޤައުމުގައި ބޭއްވެންޖެހޭ ކަމަށާއި މިނިވަން މާނަކުރެވެނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ވަކިވަކި ފަރުދުންނަށް ލިބުމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ބޭއްވޭ އިންތިޚާބުތަކަށް ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ޢަދުލުވެރި މިބަހުގެ މުރާދަކީ، ކޮމިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވަކިފަރާތަކަށް ޖެހުމެއްނެތި އިންސާފުވެރިކަމާއިއެކު އިންތިޚާބުގެ ހުރިހާ ކަމެއް ހިންގުމެވެ.

މިނިވަން ޢަދުލުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި މީޑިޔާއަށާއި އިންތިޚާބު އޮބްޒަރވްކުރާ ފަރާތްތަކަށް އިންތިޚާބު ހިނގަމުންދާ ގޮތް ބެލުމުގެ ފުރުޞަތު އޮންނަކްން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އިންތިޚާބުތަކުގައި އެ މީހަކު ވޯޓުދޭނީ ކާކަށްކަން ނިންމާނީ އެ މީހަކު އަމިއްލަޔަށްކަން ވެސް ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ނުފޫޒެއް، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެކެވެ. ތިމާޔަށް އެއްޗެއް ދޭ މީހަކަށް ވޯޓުލާކަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށާއި ވަކިމީހަކަށް ވޯޓުލައިގެން ނުވަތަ ނުލައިގެން އަދަބެއް ނުދެވޭނެކަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެއިތުރުން އީސީގެ ބަޔާނުގައި ބުނެފައި ވަނީ  ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު ކަމަށެވެ. ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ޤަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ. ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: