ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް” އަމީން އަރާމު ކުރައްވަން ގޭގައި ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް!

މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީޏް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

“ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް” މިއީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެމްޑީޕީއިން އެންމެ ހަރު އަޑުން ދައްކަމުން ދިޔަ ވާހަކައެވެ. ފައިސާއާއި ނުފޫން ހިންގާ އަމަލުތައް ހުއްޓުވުމަކަށް ގެނެސް، މިފަދަ އަމަލުތައް ހިންގާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ދިޔައީ ބުނަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ވުޒާރާތަކާއި އަދި މިނިސްޓްރީތަކުގެ މަސައްކަތްތައް ވީހާވެސް ބޮޑަށް ޓްރާންސްޕޭރެންޓް ކުރެވޭނެ އުސޫލެއް ނުވަތަ ދެފުށް ފެންނަ ގޮތަށް ބައްޓަން ކުރާނެ ކަމަށް އެމްޑީޕީން ދިޔައީ ބުނަމުންނެވެ.

ސަރުކާރަށް ދޮޅު އަހަރު ވެއްޖެއެވެ. ލިބުނު ފޮނި މީރުކަމެއް އޮތް ހެން ހީއެއް ނުވެއެވެ. ވެރިކަމެއް ބަދަލު ކުރުމަށް، އެތައް ގަޑިއިރެއް ވަންދެން ކިއުއެއްގައި ތިބެ ވޯޓު ލެވުނުކަމަށްޓަކައި ބައެއް މީހުން މިއަދު ސަހަރޯ ހީވެއެވެ. އަހަރުން ފެށުނުތަނާހެން ދުނިޔެއަށް ކުރިމަތިވީ ބޮޑު ބަލިމަޑުކަމަކާއި ދެކޮޅަށް ރާއްޖެއިން ވެސް މަސައްކަތް ކުރަން ޖެހުނެވެ. ބަލީގެ ނުރައްކާތެރިކަމުންނާއި، މި ބައްޔަކީ އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫން ކަމުން ވަރަށް ގިނަ މަސައްކަތްތައް ކުރަން އޮތެވެ.

ބާރު ސްޕީޑެއްގައި މި ބަލި ދުނިޔޭގެ ގައުމުތަކުގައިި ފެތުރެމުން ދިޔައިރު، ރާއްޖެއަށް ހަގީގަތުގައި ގައުމުގެ ތެރެއަށް މި ބަލި އެތެރެވިޔަ ނުދީ މަސައްކަތް ކުރުމަށް ވަގުތުތަކެއް ލިބިގެން ދިޔައެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަކީ ނާޒުކު ދާއިރާއަކަށް ވުމާއި އެކު ބޭނުންވާ މެޑިކަލް ސާމާނު ގެނައުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭނެ ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ.

ދުވާލަކު ދެ ފަހަރަށް ނުސްވެރިންގެ ބައްދަލުވުންތައް ބާއްވާ ސަރުކާރުން ބުނަމުން ދިޔައީ، މި ބައްޔަށް ތައްޔާރުވެފައިވާ ކަމަށެވެ. އެންމެ ގޯސް ހާލަތަކަށް ވެސް ތައްޔާރުކަމަށް ބުނަމުން ދިޔައެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ބުނާ “ވޯސްޓް ކޭސް ސިނާރިއޯ” އެ ބޭފުޅުން މަނާ ކުރީ ކިހިނަކުންކަމެއް ސާފެއް ނުވެއެވެ. ސިއްހީ ފަރުވާ ދިނުމުގައި ސަލާމާތްތެރި ކަމުގެ ފިޔަވަޅު އަޅަން ޖެހޭއިރު އެ ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ފެށިއެވެ.

މީގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓިވް ގިއާ، N95 މާސްކު ރާއްޖެ ގެނައުމާއި އަދި އެ ނޫންވެސް ތަކެތި ގެނައުމުގެ މަސައްކަތް ދިޔައީ ކުރެވެމުންނެވެ. ކޮންމެ ދުވަކުވެސް މީޑިއާތަކުގެ ފަލަ ސުރުހީތަކުންނާއި އަދި ސިޔާސީ އެކި ބޭފުޅުން އަދި ވަކިން ހާއްސަކޮށް ފޮރިން މިނިސްޓްރީން ދިޔައީ ރާއްޖެއަށް ލިބެމުން ދިޔަ މެޑިކަލް އިކުއިޕްމަންޓްސްތަކުގެ އެހީތައް ފާހަގަ ކުރައްވަމުންނެވެ. ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ގެނެސް، ރާއްޖޭގެ ރަށްތަކަށް އެ ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހެލްތް މިނިސްޓްރީއިން ދިޔައީ ބުނަމުންނެވެ.

ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރެެމުން ދިޔައިރު ތަފާތު އެކި ކަންކަމާއި ގުޅުވާ ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެއް ބޭފުޅަކަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވާނެއެވެ. އެހެން ނަމަވެސް އޭރު އެ ވާހަކަތައް މީޑިއާތަކުން ވެސް ދެއްކުމުން އެއީ ނަފްތަރު އުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެންމެ ހަރު އަޑުން ދެއްކީ ވެންޓިލޭޓަރުތަކެއްގެ ވާހަކައެވެ. އެހެން ނަމަވެސް އޭރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް އަދި، ހެލްތް މިނިސްޓްރީއިން ވެސް ބުނަމުން ދިޔައީ ރާއްޖެއަށް ދިމާވެފައިވާ ސިއްހީ ކާރިސާއެއްގެ ތެރެއިން އެއްވެސް އޮޅުވާލުންތަކެއް އަދި ނާޖާއިޒް ފައިދާއެއް ނެގުމަށް މަސައްކަތްތަކެއް ވެެސް ނުކުރާނެ ކަމަށެވެ.

ކަން ހިނގީ އެ ދެންނެވި ގޮތަކަށް ނޫނެވެ. ހެލްތް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި މުޅީންވެސް ފާހަގަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގި އަމަލުތަކެއްގެ ވާހަކަތަކެކެވެ. ދިވެހި ރާއްޖޭގެ މާލިއްޔަތު ގާނޫނުގެ 10.25 ވަނަ މާއްދާގެ ނ ގައި ބުނެފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމަންޓް” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓުގެ އަގު 35،000 (ތިރީސް ފަސް ހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބެލުމަށްފަހުއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 34.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި މީގެ ކުރިން ނޫސްވެރިން އެތައް ސުވާލެއް އުފެއްދި، ބަދަލުގައި ފާޑުކިޔުން އައީ ނޫސްވެރިންނަށް

އެގޮތުން ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ޤާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ މައްސަލައިގައި އެންމެ ބޮޑަށް ހާމަވެގެން ދިޔައީ، ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހެލްތް މިނިސްޓްރީއިން ރިއާޔަތްކޮށްފައި ނުވާ ކަމެވެ. ކުންފުނީގެ ފަންނީ ގާބިލްކަން ދެނެގަތުމަށް، މެޑިކަލް އިކްޕްމަންޓް ފޯރުކޮށްދިނުމަށް ދުބާއީ ކުންފުނިން ފުރިހަމަ ކުރި ޕްރޮޖެކްޓްތަކާއި އެ ކުންފުނީގެ މިކަމުގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއް ހާ މިނުން ވެސް ހޯދުން ހެލްތް މިނިސްޓްރީއަށް ވީ ބުރަ ކަމަކަށެވެ. ހަމަ އެއާއި އެކު އެގްޒެކިއުޓާސް ކުންފުނީގެ މާލީ ގާބިލުކަން ވަޒަންކުރުމަށްޓަކައި، ކުންފުނީގެ އޮޑިޓްކޮށްފައި ވާ މާލީ ބަޔާނާއި، މާލީ ގާބިލުކަން އަންގައިދޭނެ އެހެނިހެން މައުލޫމާތެއް އެއްކޮށް މިނިސްޓްރީއިން ބަލާފައި ނުވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 15.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައި ވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޗެކުކުރަންވާނެއެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީގައި އެދުމުން، އެ މިނިސްޓްރީން އެންގީ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެ ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހުއެވެ.

މިއަދާއި ހަމައަށް ވެސް މި ވެންޓިލޭޓަރުތަކެއް ނުލިބެއެވެ. ލިބުނީ 10 ވެންޓިލޭޓަރެވެ. އެއީ އެންމެ ފުރަތަމަ ޝަރުތުހަމަ ނުވެގެން އަނބުރާ ފޮނުވާލި ތަކެތީގެ ބަދަލުގައި ދުބާއީ ކުންފުނިން ފޮނުވި ވެންޓިލޭޓަރުތަކެވެ.

މި މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު، ހެލްތް މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސައްކަތްތަކުން އެކަހެރިވެފައެވެ. އަދި ދެވަނައަށް އޮޑިޓް ރިޕޯޓުން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަސްޕެންޑް ކުރައްވައި، ގޭގައި މަޑު ކުރުމަށް އަންގަވާފައެވެ. ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގެ ވާހަކަތަކަށް އަމީން ވިދާޅުވީ އޭރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތަށް ބަލައި، މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ މެދުވެރިކޮށް ނޫންކަން އޮޑިޓުން ވަނީ ހާމަވެފައެވެ. މީގެ ކުރިން އަމީނާއި، ހެލްތް މިނިސްޓްރީން ވެސް ބުނަމުން ދިޔައީ މިއީ ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށެވެ. މި މައްސަލައިގައި އޮޑިޓުން ހާމަވީ ކަންތަކަށް އަމީން ވިދާޅުވީ ވެންޓިލޭޓަރުތަކަށް އޮތް ޑިމާންޑާއި އެކު، އެކަން ވީ އެންމެ ބޮޑު ދަތި އެއްކަމަކަށް ކަމަށެވެ.

މައްސަަލައިގައި އަމީން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވިތާ މަހެއްވީ އެވެ. މިއަދާއި ހަމައަށް އެޅުނު ފިޔަވަޅެއް ނެތެވެ. މައްސަލައިގައި ލިބުނު ކުރިއެރުމެއް ވެސް ނެތެވެ. މަޖިލީހުގެ ކޮމިޓީތަކުން މައްސަލަ ބެލިއިރު ދެންމެދެންމެ އަކު ކަމުގެ ހަގީގަތް ހޯދަފާނެހެން ވެސް ހީވިއެވެ. އެހެން ނަމަވެސް ހަމަ އެ ސްޕީޑުގައި މަސައްކަތް ވެސް ފަނޑުވިއެވެ.

ދައުލަތުން ބޮޑެތި ހަރަދުތަކެއްކޮށްގެން، ގެނަން ހަވާލު ކުރި ވެންޓިލޭޓަރުތައް ނިލިބުމަކީ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ރައްޔިތުންގެ ފުރާނަ ނުރައްކަލެއްގެ ތެރޭގައި ވަނިކޮށް، މިފަދަ ބަލިމަޑުކަމަކުން ވައްކަން ކުރުން ނުވަތަ ނާޖާއިޒް ފައިދާ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ މައްސަލަތައް ބެލެން ޖެހޭނެއެވެ. ހިތާމައަކީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް އަމިއްލައިން މަސްއޫލިއްޔަތުން އެކަހެރިވިކަމެވެ. އެފަދަ ބޮޑު ތުހުމަތެއް އައުމުން ދެންޖެހޭނީ އިސްތިއުފާއެވެ. މާގާމުން އެކަހެރިވުން އެއީ ރާއްޖޭގެ ގާނޫނީ ނިޒާމު ދަންނަ އެއްޗެއް ނޫނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: