ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެ ހިފާފާނެ ކަމަށް ގަބޫލެއް ނުކުރަން، އެހީތަކުގެ ފަހަތުގައި ވަނީ އެހެން ސިއްރެއް: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެއަށް އަރާ ގައުމު ހިފާފާނެކަމަށް ގަބޫލް ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އިންޑިއާއިން މިއަދު މި ގައުމަށް ވަމުންދާ އެހީތަކުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ބޭނުންތަކަކާއި ސިއްރުތަކެއް ވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ވަރަށް ބޮޑުތަނުން ލަސްވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންތަކަކީ އިންޑިއާގެ ބައިވެރިވުމާއު އެކު މަޝްރޫއެއް ކުރިޔަށް ގެންދާއިރު އޭގެ އެންމެ ތެދު މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްނުދޭތީ ކަމަށެވެ. ފަހަކަށް އައިސް އިންޑިއާގެ ހައިކޮމިޝަނުން އެކި މައުލޫމާތުތައް އާއްމު ކުރާއިރު، 250 މިލިއަންގެ ލޯނުގެ އެހީގެ ވާހަކަތައް ވެސް އެންމެ ފުރަތަމަ ދެއްކީ އިންޑިއާއިންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއަށް ދޭ ލޯނުއެހީތަކުގެ މައުލޫމާތުތައް ރާއްޖޭގެ ކަމާއި ބެހޭ ވުޒާރާތަކުން އާއްމު ކުރަންޖެހޭއިރު، އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ މިހުރިހާކަމެއްގެ ސަބަބުން ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށެވެ. ހދ. ހަނިމާދޫގައި އިންޑިއާގެ ސިފައިންގެ އެކޮމޮޑޭޝަންތައް ހަމަޖައްސާއިރު ސަރުކާރުން އޭގެ މައުލޫމާތައް ރައްޔިތުންނަށް އެނގޭހެން ސާފުކޮށް ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންޑިއާގެ ސަބަބުން ނުރައްކާތެރި ކަންތަކެއް ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެވިދާޅުވާ ފަދަ ނުރައްކާތެރި ހާލަތަކަށް ދާންވީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއަށް އެ ގައުމުން ދޭ އެހީތަކުގެ ވާހަކަ ދައްކަނީ ހަމައެކަނި އިންޑިއާއިން ކަމަށެވެ.

“ދެން މިހާހިސާބަށް އަންނައިރު ރައްޔިތުންނަށް އެބަ ޝައްކާއި ވަސްވާސް އުފެދޭ، މި ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތުން ރާއްޖޭގެ ސިޔާދަތު ގެއްލިއްޖެކަމަށް. ރާއްޖެ މިހާރު މިއޮތީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި ކަމަށް. އިންޑިއާއިން ބުނާ ގޮތަށް ނޫން ގޮތަކަށް މިހާރު ރާއްޖޭގައި ކަންތައް ނުކުރެވޭ ކަމަށް. އެ ތަސައްވުރު އަޅުގަނޑު މިދަންނަވާ ވާހަކަ އަކީ ރައްޔިތުންނަށް ފެންނަވަރަށް އެބަ ބޮޑުވެގެން ދެޔޭ… އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ވާހަކަތައް ވެސް ރާއްޖޭގެ ރައްޔިތުންނާއި ހަމައަށް މިއަދު ފޯރުކޮށްދެނީ އިންޑިއާގެ ސަފީރެއް. މިކަންކަން ވީމަ އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރާކަމަށް ފެންނަ މަންޒަރުތައް އެބަ ބޮޑުވެގެން ދޭ” އާދަމް ޝަރީފް

މިފަދަ އަމަލުތައް ގިނަވަމުންދާނަމަ ދެ ގައުމުގެ ތެރޭގައި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު ބޮޑުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ގައުމެއްގެ މައްޗަށް އަތްގަދަ ކުރެވޭނެ ވަރަށް ގިނަ މަގުތަކެއް ވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ބޮޑު އެއްކަމަކީ ގައުމެއް އިގްތިސޯދީ ގޮތުން ދަށްވާ ދުވަސްވަރަކާއި ދިމާކޮށް އެ ދޭ ފައިސާތައް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން މިއަދު އިންޑިއާއިން ކުރަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މި އެހީތަކަކީ މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ވެފައިވާ އަދި ވާނެ އެހީތަކެއް ވެސް ނޫން ކަމަށާއި، ކޮވިޑުގެ ތެރޭގައި ވެސް އެކި ނަންނަމުގައި ތަފާތު ފައިސާގެ ލޯނުތަކެއް ދޫކޮށްފައިވާ ކަމަށް އާދަމް ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މިހާތަނަށް ހެދި އެއްވެސް އެއްބަސްވުމެއްގެ އެގްރިމެންޓުގައި ވާ ވާހަކަތާއި، އޭގައު ދެ ފަރާތުގެ ދެމެދުގައި ދެކެވުނު އެއްވެސް ވާހަކައެއް ފެންނާނެ ގޮތެއް ވެސް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އިންޑިއާގެ ކޮޗިން ފެރީއާއި މެދު ކަންބޮޑުވަނީ އޭގެ ސަބަބުން ނިކުމެދާނެ ގެއްލުންތަކެއްގެ ސަބަބުން ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އިގްތިސޯދީ ގޮތުން ވެސް ނުރައްކާތެރި ފެށުމެއް ކަމަށެވެ. އަދި ހާއްސަކޮށް އިންޑިއާއިން އިންޑިއާގެ ބައެއްގެ ގޮތުގައި ނިންމާފައިވާ މަލިކަށް ދިއުމުގެ ފުރުސަތެއް ދުވަހަކުވެސް ދިވެހި ރައްޔިތުންނަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެރީއެއްގެ އިންތިޒާމުތަކެއް ހަމަޖައްސާ ދަތުރުތައް ނުބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކީ ވެސް ހަމަ މަލިކަށް ގޮސްލާ، މަލިކުގެ މީހުންނާއި އެކީ އުޅެން ބޭނުންވާނެ މީހުން ހަމަ……. އަޅުގަނޑުމެންގެ ސަގަފަތާއި އާދަކާދައާއި ހުރިހާކަމެއް ފެންނަލެއް ފުރިހަމަވީމަ. އެކަމަކު އިންޑިއާއިން އެ ފުރުސަތު ދިވެހިންނަށް ނުދޭނެއެއް ނޫންތޯ. ކީއްވެގެންތޯ ސަރުކާރުން އެކަމަށް ފުރުސަތު ހޯދަދޭން މަސައްކަތް ނުކުރަންވީ” އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި އެއްބަސްވުންތަކެއް ވާއިރު އެކަމުގެ ސަބަބުން ރާއްޖެއަށް ވާނެ ފައިދާއާއި ގެއްލުން އެނގެން ޖެހޭނެ ކަމަށެވެ. މިއީ ދައުލަތެއްގެ ހައިސިއްޔަތުން ސަރުކާރަކުން ވިސްނަން ޖެހޭނެ ކަންތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއި އެކު އިންޑިއާއިން ރާއްޖެ ހިފާފާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި މީގެ ފަހަތުގައި ފޮރުވިފައި އޮތީ އެހެން ކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަނީ އިންޑިއާ އައުޓްގެ ނަމުގައި ފަށާފައިވާ ކެމްޕެއިނެއްގެ އަޑުތައް ގަދަވެދަފައެވެ. އަދި IndiaOut# ގެ ކެމްޕެއިން އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިންނާއި އެވެ. އިދިކޮޅުގެ އަޑުތައް ގަދަވެ އެންމެ ފަހުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އަދި އެ ބައްދަލުވުމުގައި ބުނެފައިވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ނެތް ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން ވެސް ހަރަކާތްތެރި ނުވާ ކަމަށެވެ.

އިންޑިއާއާ ދެކޮޅު ކެމްޕޭނެއް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ފަށައިގެން ކުރިއަށް ގެންދާއިރު، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ ސަޕޯޓަރުންނާއި ލީޑާޝިޕްގެ ބޭފުޅުން ގެންދަނީ އިންޑިއާއަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންނެވެ. އަދި އެގޮތަށް ތައުރީފުގެ ޕޯސްޓުތައް ކުރާތީ އެކަމަށް ވެސް ދަނީ ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: