ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފަހައްޓައިގެން ނުވާނެ: ރައީސް

ރައީސް އިބްރާހިމް ޖުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެއިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށާއި އެމަޢުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ޙައްޤެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ބައިނައްލަޣުވާމީ ދުވެހުގެ މުނާސަބަތުގައި ރައީސް ސާލިޙް ފޮނުއްވި ހިތޯބުގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން، ޢާންމު ރައްޔިތުންނަށް ކަށަވަރު ކޮށްދިން އެންމެ މުހިންމު އެއް އަސާސީ ޙައްޤަކީ، މަޢުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ޙައްޤެވެ. މިއީ ހަމައެކަނި ރައްޔިތުންގެ އަސާސީ ޙައްޤެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ. ނިޒާމީ ގޮތެއްގައި ދައުލަތެއް ހިނގަހިނގާ އޮތުމަށްޓަކައި ވެސް، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ލިބިދިނުމާއި، މަޢުލޫމާތު ޢާންމު ކުރުމުގެ، ހަރުދަނާ ނިޒާމެއް ޤާއިމުވެފައި އޮންނަންޖެހޭ ކަމަށެވެ. އަދި މި މުހިންމު ޙައްޤު ކަށަވަރުވެގެންދަނީ، ޤާނޫނުއަސާސީގެ 27، 28، 29 ވަނަ މާއްދާ އެކުގައި މާނަކުރުމުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ގާނޫނުއަސާސީގެ މާއްދާތަކުން  ކަށަވަރުކޮށްދޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، ދައުލަތުގެ އެންމެހައި އިދާރާތަކާއި، ދައުލަތުގެ ވެރީންނާއި މުވައްޒަފުން ޒިންމާދާރުކުރުމަށް، ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ޙައްޤުތަކުން ގެތިފައިވާ ސިލްސިލާގެ، ވަކިނުކުރެވޭ ވަރަށް ލާމެހިފައިވާ ތިން ބޮޅު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި ކޮންމެ މީހަކަށް ވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް، ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވާއިރު، ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ އެންމެހައި މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެކެވެ.

“ޚަބަރާއި މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި ޚިޔާލުތައް ޢާންމުކޮށް ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް، 28 ވަނަ މާއްދާގައި ބުނެފައިވާއިރު، އެ ޙައްޤު ކަށަވަރުވެގެންދާނީ، މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދީގެންނެވެ. މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް، 29 ވަނަ މާއްދާގައި ބުނެފައިވާއިރު، މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ޢާންމުކޮށް ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ހާމަ ކުރުމަކީ، ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހެއެވެ.” ރައީސް ވިދާޅުވިއެވެ. 

މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ޚިޔާނަތާއި މަކާރާއި ހީލަތުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި، މައުލޫމާތު ހޯދައި ލިބިގަތުމަކީ ވަރަށް ބޭނުންތެރި ކަންކަމެވެ. އެގޮތުން މަޢުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ ޢަމަލުތަކަށް ޖާގަ ދެވޭ ކަމަށާއި މަޢުލޫމާތު ހާމަކުރުމަށް އިސްކަން ދޭ ވަރަކުން، އެބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

” ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، އަސާސީ ޙައްޤުތަކެއް ކަމަށް، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް، ޤާނޫނު އަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ، އެ ޙައްޤުތައް ރައްޔިތުންނަށް ލިބިގެން ކަމަށްވާތީއެވެ.” ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި  ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެއިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ. އެމަޢުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ޙައްޤެކެވެ. އެ ޙައްޤަށް ޙުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށް ރައީސް ސާލިޣް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ޤާއިމުކުރުމުގެ މަޤްޞަދަކީ ވެސް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށެވެ. އެހެން ކަމުން އެ ހައްގު ފުރިހަމަ އަށް ހޯދައި ދިނުމަށް ދައުލަތުގެ ހުރިހައި މުއައްސަސާއަކުން ވެސް ފުރިހަމަ އަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: