ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިހާރު އެފިޔަވަހީގެ 77 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، ކުރިއަށް އޮތް 300އެއްހާ ދުވަސް ތެރޭގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭނެކަމަށް މަޝްރޫއު ހިންގާ ކުންފުނި އެމްޓީސީސީއިން މައުލޫމާތުދެއެވެ.

ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިއަދު ދުވާފަރުގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިމަސައްކަތް އިފްތިތާހުކޮށްފައިވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، އެމްޕީއެލްގެ ސީއޯއޯ ޝާހިދު ހުސެއިން، އާއި ދުވާފަރު ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއިލް އަހުމަދާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ.

އާޒިމް ވިދާޅުވީ، ފޭސް 1 ގައި ކުރިއަށް މިދަނީ 12 މަގެއް ހެދުމުގެ މަޝްރޫއު ކަމަށާއި 12 މަގުގެ މަސައްކަތުގެ ތެރެއިން، ތާރު އެޅުމުގެ މަސައްކަތް، މިމަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މިމަގުތަކުގެ ބާކީ ހުރި މަސައްކަތް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި ތާރުގެ މަސައްކަތް ނިމުމާއެކު ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

 

ދެވަނަ ފިޔަވަހީގައި 7 މަގެއް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، މިމަގުތަކުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭ ނިންމާލާނަން. އެހިސާބުން، ދުވާފަރުގެ ހުރިހާ ބޮޑެތި މަގުތަކެއްގައި ތާރު ނިމުނީ. މަގުތައް ތަރައްގީކުރަމުންދާއިރު މިބަލަނީ ވީހާވެސް ތިމާވެށްޓާއި ރައްޓެހި ގޮތަކަށް މިމަސައްކަތް ކުރެވޭތޯ. އެގޮތުން މަގުތަކަށް ފެން ހިންދުމާއި، ޔުޓިލިޓީގެ ކަންކަމުގައި ހޮޅި ވަޅުލުމާއި އެހެނިހެން ކަންކަމަށްވެސް މަގުތައް ނުކޮނެ، ހަލާކުކޮށްނުލާ ވާނެ ގޮތަކަށް މަގުތައް ހަދަމުން މިދަނީ

 

ދުވާފަރު ކައުންސިލްގެ މެމްބަރު އަހުމަދު ޖަމީލް ވިދާޅުވީ، މީގެ ކުރިން އެމްއެންޑީއެފްގެ މަސައްކަތްތަކާއެކު ވެލި އަޅައި، މަގުތައް ހަރު ކުރި ފަހުން އެރަށަކީ ފެން ހިންދުމުގެ މައްސަލަ މާބޮޑަށް ދިމާވާ ރަށެއް ނޫންކަމަށް ސާވޭތަކުންވެސް ދައްކާ ކަމަށެވެ.

ފުރަތަމަ ފިޔަވަހި ފެށިގެން އައިއިރު،  މުހިންމު މެގުތަކެއް ހެދުމަށް ނުހިމަނާ ހުރިކަން ފާހަގަކުރެވުނު. އެޑިމާންޑް އޭރުވެސް ކުރަމުންދިޔަ. އަދި މަޝްރޫއު ފުރަތަމަ ފެށިގެން އައިއިރު މަސައްކަތުގެ ކޮލިޓީއާމެދުވެސް ޝަކުވާތަކެއް ހުރި. މިސަރުކާރު އައިފަހުން އަލުން ޕްރޮޖެކްޓް ފެށިގެންދިޔައިރު، ސަރުކާރުގައި އެދުނިން މަސައްކަތް ލަސްވިޔަސް، އެކަން އެންމެ ރަނގަޅު ގޮތުގައި ކުރަން. އަދި ކުރިއާ އަޅާ ބަލާއިރު މިހާރު މަސައްކަތުގެ ކޮލިޓީ ރަނގަޅުކަން ރައްޔިތުންވެސް ފާހަގަކުރޭ

ދުވާފަރުގެ ބައެއް އާންމުންނާއި ވާހަކަ ދައްކާލުމުން އާންމުން ބުނީ، މީގެ ކުރިން މަގުތަކުގައި ހުރީ ހުސް އަޑިގުޑަންތަކެއް ކަމަށާއި މަގުތައް ތަރައްގީވަމުން ދިޔުމާއެކު ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި ރަށަކީ ފުދޭވަރަކަށް ދުއްވާއެއްޗެހި ގިނަ، ހަލަބޮލި ރަށެއް. ވަރަށް ބޮޑުތަން ލުއިވެގެންދާނެ، ރަށުގެ ބޮޑު ބައެއްގައި ތާރު އެޅިގެން ދިޔުމާއެކު، ރަށުގެ ސާފުތާހިރުކަމަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ގަބޫލުކުރެވޭ

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 84.84 މިލިޔަން ރުފިޔާ ޚަރަދުވާއިރު، ދެވަނަ ފިޔަވައްސަށް 37.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ 12 މަގެވެ. ދެވަނަ ފިޔަވަހީގެ ދަަށުން ތަރައްގީކުރަނީ 7 މަގެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: