އދ. ފެންފުށީ ގެއެއް ބަލައިފާސްކޮށް، ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސް އަދި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އދ. މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭމުންދާ ގެ ބަލައިފާސްކުރިއިރު، އޭނާ އުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހު މުއްދަތެއް ދީފައެވެ.
މިމައްސަލަ އދ. ފެންފުށި އަދި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅީގެން ދަނީ ތަހުގީގު ކުރަމުންނެވެ.