ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ނޭވާލެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަރުގައި ގައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި ބައިނަލް އަޤްވާމީ މުޖުތަމައުން އެކަހެރިވުމުގެ ސަބަބުން ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށެވެ.
ރައީސް ވިދާޅުވީ ހުރިހާ ޤައުމުތަކަކާއެކުވެސް، ޚާރިޖީ ގުޅުންތައް ދިވެހި ސަރުކާރުން ހަރުދަނާކުރަމުން އަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް ދެއްވާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވި ގޮތުގައި ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުން އަޔަސް، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރާނެއެވެ. އަދި އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ސަރުކާރުން ކަށަވަރު ކުރާނެއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން އަންނަނީ އެ ސިޔާސަތު ކަމަށާއި މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ އެ ސިޔާސަތު ކަމަށެވެ.
“މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި. އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު” ރައީސް
މީގެ އިތުރުން ރައީސް ވިދާޅުވީ ޤައުމުތަކާއެކު އޮތް ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން ކަމަށާއި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، ގައުމުތަކާއެކު ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވުމަކީ މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް ކަމަށެވެ.
“މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުން. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން” ރައީސް
ރައީސް ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ ވަރަށް މަތިވެރި ނިޢުމަތްތަކެއް، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާކަން ހަނދާނަށް ގެންނަންޖެހޭ ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ މަތިވެރި ނިޢުމަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށްވުމީ، ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފު އިތުރުވެގެންދާ ކަމެއް ކަމަށާއި ދިވެހިންގެ ޤައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ މި ދެންނެވި ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެދިގެން ކަމަށް ރައީސް ވިދާޅުވިއެވެ.