ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލަ އަލުން ރިވިއުކޮށްދޭން އެދި އޭސީސީއިން ޕީޖީއަށް!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށާއި މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުން ރިވިއު ކުރުމަށް އެ ކޮމިޝަނުން ހުށަހަޅައިފި އެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓްރީގެ އެކި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީއިން ފޮނުވިއެވެ. ކޮމިޝަނުން އެދުނީ އަމީނާއި އެކު އިތުރު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށްވާއިރު، އޭގެ ތެރޭގައި މިނިސްޓްރީގެ ބައެއް އިދާރީ މުވައްޒަފުންތައް ވެސް ހިމެނެއެވެ. އެހެން ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ، މައްސަލައިގެ ރިޕޯޓު އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.

ފާޑުކިއުންތަކާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީން ވިދާޅުވީ އެ މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީގެ ރިޕޯޓުގައި ނެތް ކަމަށެވެ. ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށްގެން ސާބިތު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަމަށާއި އޭސީސީގެ ރިޕޯޓުގައި އެކަން ސާބިތު ކުރެވޭ ވަރުގެ ވާހަކައެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައިގައި އޭސީސީއިން ވެސް ދިފާއަށް ބަޔާނެއް ނެރުނެވެ. އަދި އެ ބަޔާނުގައި ބުނެފައިވަނީ އަމިއްލަ މަންފާއާއި، ނާޖާއިޒް ފައިދާ ހޯދަން އުޅުނުކަމުގެ ތުހުމަތުގެ ރިޕޯޓު ޕީޖީއަށް ފޮނުވާފައިވަނީ އެކަށީގެންވާ ހެއްކާއި އެކު ކަމަށެވެ.

މައްސަލަ އަލުން ރިވިއުކޮށް ދޭން އޭސީސީއިން ހުށަހެޅިއިރު މައްސަލައިގައި ތުހުމަތު ވާ އަބްދުﷲ އަމީން ވަނީ ހެލްތް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ބިޑު ކޮމިޓީގެ ޗެއާ އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަނީ “ވެންޓިލޭޓަރު ހިޔާނާތުން” މަންފާ ވީ މީހުންގެ ނަންތައް ހާމަ ކުރާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭގެ ކުރިން މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރުމުން އޭނާ ބުނެފައިވަނީ ހިޔާނާތުގެ އެއްވެސް އަމަލެއްގައި ބައިވެރި ނުވާ ކަމަށާއި، ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައުމަށް މަސައްކަތް ކުރީ ހެޔޮ ނިޔަތުގައި ކަމަށެވެ.

މައްސަލަ ރިވިއުކޮށްދޭން އެދި އޭސީސީއިން ހުށަހެޅި ނަމަވެސް، ޕީޖީއިން އަދި މިކަމާއި މެދު ވަކި އެއްޗެސް ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: