ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީންގެ ފޮޓޯއެއްގައި އައިއެސްގެ ދިދަ ހިމެނުމުން، މީޑިއާތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ އަމުރެއް!

ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ، އަމީން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ދައުލަތުން ކުރާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ޝަރީއަތް ކަވަރު ކުރުމުގައި, އޭނާގެ ފޮޓޯއާއި އެކު އައިއެސްގެ ދިދަ އާއި ބަޑިއެއް ހިމެނި މައްސަލައެއް ސަމާލުކަމަށް ގެނައުމުން، ސުޕްރީމް ކޯޓުން މީޑިއާތަކުގެ މައްޗަށް އަމުރެއް ނެރެފި އެވެ.

ރާއްޖޭގެ އައިއެސްގެ ލީޑަރުކަމަށް ބުނާ އަމީނަށް ދައުވާ ކުރުމުގައި އިޖުރާއީ ގޯސްތަކެއް އެކުލެވޭތީ އޭނާ ހައިކޯޓުން ވަނީ މިނިވަންކޮށްފަ އެވެ. އަމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ. ހައިކޯޓުން އަމީންގެ މައްސަލަ ބޭރުކޮށްލީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދުގެ މުއްދަތު ޖެހުމަށް ފަހު ދައުވާ ކުރުމުގެ މުއްދަތު ޓެރަރިޒަމްގެ ގާނޫނުން ގުނާފައި ވާތީ އެވެ. ބަންދު ޖެހުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރާނަމަ, ދައުވާ ކުރުމުގައި ވެސް ގުނަން ޖެހޭނީ އެ ގާނޫނުގައިވާ މުއްދަތުތައް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އިއްޔެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރި އެވެ. އަމީން ކޯޓަށް ހާޒިރުވީ ވަކީލަކު އައްޔަން ކުރުމުގައި ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަނުކޮށް ކަމުން މައްސަލަ މިއަދަށް ތާވަލު ކުރި އެވެ. އިއްޔެ ކުރިޔަށް ގެންދިޔަ އަޑުއެހުމަށް ފަހު، ރާއްޖޭގެ ޕްރައިވެޓު މީޑިއާއަކުން އެ ހަބަރު ގެނައީ އަމީންގެ ޝަރީއަތުގެ އަޑުއެހުމުގައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް އެޑިޓުކޮށް އޭގައި އައިއެސްގެ ދިދައާއި ހަތިޔާރު ހިމެނުމަށް ފަހު އެވެ. މިއަދުގެ އަޑުއެހުން ފެށުމާއި އެކު އެކަން، ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނައީ އަމީންގެ ވަކީލު އަހުމަދު ޔާމީން އެވެ.

މީޑިއާއެއްގެ ނަން ވިދާޅުނުވެ، އަމީން ވަނީ އެ ފޮޓޯ ހިމެނޭ ހަބަރުގެ ލިޔުންތައް ވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ. އެއަށް ފަހު އަމީން ވަނީ ބައެއް މީޑިއާތަކުން ހަބަރު ގެންނަ ގޮތުގެ ސަބަބުން އަމީންގެ އަސާސީ ހައްގުތަކެއް ގެއްލި އޭނާގެ ދަރީންގެ ކަރާމާތް ގެއްލިގެންދާކަމަށް ބުނެފަ އެވެ. އަމީން ވިދާޅުވީ އަމީންގެ މައްޗަށް ދައުލަތުން ކުރަނީ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދެއްގައި އެއީ ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލް ނުކުރެވޭނެ ކަމަށެވެ. އަދި މީޑިއާތަކުން އަމީނާއި ގުޅޭ ހަބަރުތައް ގެންނަނީ އެއީ ކުށްވެރިއެއްގެ ގޮތުގައި ސިފަކޮށްކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެ ޝަކުވާއަށް ފަހު، ޝަރީއަތް ނިމުނުތާ މާގިނަ އިރެއް ނުވެ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ބުނީ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެކަމަށް ކަނޑަނާޅާހާ ހިނދަކު އޭނާއަކީ މައުސޫމް މީހެއް ކަމަށް ބެލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އަމީންގެ ޝަރީއަތުގެ ހަބަރުތައް ގެނައުމުގައި އަމިއްލަ ހިޔާލު އޭގައި ގެނެސް، އެއީ ކުށްވެރިއެއްގެ ގޮތުގައި ލޭބަލް ކުރާނަމަ އެކަން ބެލެވޭނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއްގެ ގޮތުގައިކަން ފާހަގަކޮށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނީ އެފަދަ އަމަލެއް ކުރާ މީހަކާއި މެދު ފިޔަވަޅު އަޅައި އެކަން ބަލާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: