ކޮރަޕްޝަނާއި، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ އަމިއްލަ މަންފާއަށް ކޮވިޑުގެ ތެރޭގައި މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެދުގައި ނެގި ވޯޓުން ފާސްވެއްޖެއެވެ.
“ސަންގު” އަށް އެމްޑީޕީގެ ޕީޖީ ބައެއް މެމްބަރުން ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ. އަމީނަށް އިތުބާރު ނެތް ކަމަށް 27 މެމްބަރަކު ވޯޓު ދިނެވެ.
މި މައްސަލައިގައި ވޯޓު ބައްދަލުވުން ކުރިޔަށް ދިޔަ ވަގުތު މެމްބަރު ވިދާޅުވީ، މިއަދު ޖޭޕީގެ ސްލޮޓުގައި އެ މަގާމުގައި ހުރި ވަޒީރަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިނަމަ އެމްޑީޕީ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ. ނޫނީ އެމްޑީޕީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ. އަދި އެކަން އެހެން ނޫނީ ވާނީ އަމީން ފާޅުގައި ކުރި ވައްކަމަކަށް ކުރި “ތާއީދަކަށް” ކަމަށް މެމްބަރު ވިދާޅުވިއެވެ.
މި މައްސަލައިގައި މެމްބަރު ވިދާޅުވީ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީ އާއި ރައްޔިޔުން ހަވާލު ކުރީ ވަރަށް އިތުބާރުކޮށްފައި ކަމަށެވެ. ވަޒީރަށް އެމްޑީޕީއިން ރުހުން ދިނުމުން، އެ މެމްބަރު މަސައްކަތްކޮށްފައިވަނީ ވެސް އެ ރުހުމާއި ހިލާފަށް ކަމަށާއި، ކުރީ ބޮޑު ވައްކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެން ކަމުން މިއަދު ޖޭޕީގެ ވަޒީރު ބޭރު ކުރަން ވީކަމަށް ސާބިތުކަމާއި އެކު ބުނަން ކެރޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިހާރު ކުރިޔަށް ދަނީ މައްސަލަ މަޖިލިސްއަށް ވެއްދުމުގެ މަަސައްކަތެވެ.