ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނަގާތީ ދައުލަތަށް ބުރަވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާތީ ދައުލަތަށް ބޮޑު ބުރަޔަކަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އާސަންދަ ނިޒާމް ރާއްޖެއަށް ތަޢާރަފު ކުރެއްވި، ރައީސް ނަޝީދު ވިދާޅުވީ އާސަންދައިގެ ނިޒާމް އެންމެ ފުރަތަމަ ތައާރަފްކުރީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި ކަމަށް ވިޔަސް މިހާރު އެ ނިޒާމް ހިނގަމުން އަންނަނީ އެ އުސޫލުން ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އާސަންދައަށް މިހާރު ދައުލަތުން އަހަރަކު ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި އާސަންދައިގެ ދަށުން އުސޫލެއްނެތި ބައެއް ކަންކަން ހިނގަމުންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ބޭސް ލިޔެދިނުމާއި އެންމެ އާދައިގެ ޓެސްޓްތައްވެސް އިންތިހާ އަށް ގިނައިން ހައްދުވާ ކަމަށް ވިދާޅުވިއެވެ.

އާސަންދައިގެ ބިލް ބޮޑުވާއިރު، ސަރުކާރުގެ ބޭނުމަކީ ބަލިވާ މީހުންނަށް އަދި ވަކިން ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަންޖެހޭ ނިކަމެތި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އާސަންދައިގެ ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިސާ ނެގެނީ މަޖިލީހުން އެކަން ނުބަލާތީ އެވެ.

“މި ނިޒާމުގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮންނަ އޮތުން އެއީ މި މަޖިލީހުން މި ކަންކަން ނުބެލޭތީ ވާ ކަމެއް، އާސަންދަ ފެށިގެން އައީ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ވިސްނުމުގެ ތެރޭގައި. އެހެން ނަމަވެސް މިހާރު އާސަންދަ ވަކިން ހިނގަމުން އަންނަނީ، ޓެސްޓު ހެދުމާއި ބޭސް ޕްރިސްކްރިޕްޝަން ދިނުމުގެ މަސައްކަތުގެ ތެރޭގައި ގޮސް އާސަންދަގެ ބިލު އެބަދޭ އެތައް ބިލިއަން ރުފިޔާއަކަށް” ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވިސްނާފައިވާ ގޮތަށް، ގާނޫނު އަސާސީގައިވާ ގޮތަށް ދައުލަތް ހިންގާ ނަމަ ދައުލަތް ނެގެހެއްޓޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އާސަންދައިގެ ވާހަކަ ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ އިންޝުއަރެންސްގެ ބިލުގެ ބަހުސް ހުސްވަގުތުކޮޅަކަށް މެދުކަނޑައިލެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.

އާސަންދަ ފުރަތަމަ ތައާރަފު ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 އިގަ އެވެ. ކޮންމެ މީހަކަށް ވެސް އަހަރަކު ވަކި އަދަދަކަށް ދައުލަތުން ފައިސާ ހަރަދުކުރާ ގޮތަށް އޭރު އޮތް ނިޒާމް ބަދަލުކޮށް ވަކި އަދަދެއް ކަނޑައަޅައި ހުސްނުވާ އާސަންދައަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: