ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2021: އިގުތިސާދު އަދި ސިނާއަތްތައް ކުރިއެރުވުމަށް 7 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި މީޑިއާތަކަށް މައުލޫމަތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި އިގުތިސާދު އަދި ސިނާއަތްތައް ކުރިއެރުވުމަށް 7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނެފައިވާ ގޮތުގައި އިގްތިސާދު ކުރިއެރުވުމަށް ކަނޑައަޅާފައިވާ ބަޖެޓުކީ އިޤްތިސާދު އާރާސްތުކޮށް، ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައިވާ ބަޖެޓެކެވެ.

ބަޖެޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ޖުލައި 15 ގައި ފަތުރުވެރިކަމަށް އަލުން ހުޅުވާލުމާއެކު ފާއިތުވި ދުވަސްތަކުގައި ދަނީ އުންމީދީ ނިޝާންތަކެއް ފެންނަމުންނެވެ. އެއާލައިންތަކުން ދަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށައިގަންނަމުންނެވެ. އާ އެއާލައިންތައްވެސް ރާއްޖެއަށް އަންނަނީ ދަތުރުތައް ފަށަމުންނެވެ.

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތައް ދަނީ އިތުރުވަމުންނެވެ. އިތުރު ރިސޯޓުތަކާއި ގެސްޓް ހައުސްތައް ދަނީ އަލުން ހުޅުވަމުންނެވެ. ގައުމުތަކުން ދަނީ ރާއްޖެއިން ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުއިތައް ދެމުންނެވެ. ދުވަހަކަށްވުރެ ދުވަހެއް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ދަނީ އިތުރުވަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މި ހޯދާ ކުރިއެރުން އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރުމެވެ.  ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވާދަވެރިކަން އިތުރުވެގެންދާ މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓު ކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް ބަޖެޓުގައި ވާނީ ދީފައެވެ. ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ  ވާނީ މިބަޖެޓުގައި ކަނޑައަޅާފައެވެ.

ބަޖެޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު އެއް ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމެވެ.

އެގޮތުން  2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައެވެ. ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ރޭވިފައެވެ. މިއާއެކު އުތުރާ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އެސަރަހައްދު ތަކުގައި ތަނަވަސް ވެގެންދާނެކަން ބަޖެޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ޑޮމެސްޓިކް ގިނަ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ވެސް ވާނީ މިބަޖެޓުގައި ރޭވިފައެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމް އަލުން ރިކަވަރ ވާއިރަށް މި މަޝްރޫއުތައް ނިމި، މިވަސީލަތްތަކުގެ އިގުތިސާދީ ފައިދާ ލިބި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: