ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން މުއައްސަސާތަކަށް މުގައްރިރުގެ ރައްދު: އެއްވެސް ބަޔަކު ބޭނުންވާވަރުގެ ބަޖެޓެއް މިހާތަނަށް ސަރުކާރަށް ދެވިފައެއް ނެތް!

ބަޖެޓު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މުއައްސަސާއަކުން ބޭނުންވާ އަދަދުގެ ބަޖެޓެއް މިހާތަނަށް އެއްވެސް ސަރުކާރަކަށް ދެވިފައިނުވާކަމަށް ބަޖެޓު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާޝިޒް ވިދާޅުވީ، އެކަށީގެންވާ ބަޖެޓެއް މިއަހަރު ނެތްކަން ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް، ބަޖެޓަށް އިތުރުކުރާ ކޮންމެ އިތުރުކުރުމަކީ ދަރަންޏަށް އިތުރުވާ ބައެއްކަން ނާޝިޒް ފާހަގަކުރެއްވިއެވެ.

ބަޖެޓާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކުރިއަށްގެންދާ ބަޖެޓު ކޮމެޓީގެ ބައްދަލުވުންތަކަށް ބައެއް މިނިސްޓްރީތަކުންނާއި، މިނިވަން މުއައްސަސާތަކާއި، ފަންނީ ލަފާ ދެއްވުމަށް އެޓާނީ ޖެނެރަލް އޮފީހުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވަނީ މިހާތަަނަށް ކޮމެޓީއަށް ވަޑައިގެންފައެވެ. އެގޮތުން ހިޔުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުން ވަނީ ބަޖެޓުގެ ދަތިކަން ވަރަށް ބޮޑަށް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ގާނޫނީ ޒިންމާ އަދާކުރުމަށް އެކަށީގެންވާ ބަޖެޓެއް ނެތްކަމަށާއި، ޒިންމާ އަދާކުރުމަށް އެކަށީގެންވާ ބަޖެޓެއް ބޭނުންވާކަމަށް ވިދާޅުވެފައިވެއެވެ.

ނާޝިޒް ވިދާޅުވީ، ބަޖެޓު މެނޭޖްކުރުމުގައި ހުރި ދަތިތައް މިނިވަން މުއައްސަސާތަކުން ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ކުލި ބޮޑުވުމުގެ ސަބަބުންނާއި، ދަަތުރުފަތުރުކުރުމަށާއި، މުވައްޒަފުން ތަމްރީންކުރުމަށް ހަރަދުކުރުމަށް ފައިސާ ބޭނުންވާ ކަމަށާއި އެހެންނަމަވެސް އެކަށީގެންވާ ބަޖެޓެއް ނެތުމުގެ ސަބަބުން މަސައްކަތަށް ބުރޫ އަރާކަމަށް މިނިވަން މުއައްސަސާތަކުން ފާހަގަކޮށްފައިވާކަމަށް ނާޝިޒް ވިދާޅުވިއެވެ. އަދި ބައެއް ކަންކަން ހައްލުވެއްޖެނަމަ ބަޖެޓު ސަލާމާތް ކުރެވޭނެކަމަށް ނާޝިޒް ވިދާޅުވިއެވެ.

“ކޮންމެ މިނިވަން މުއައްސަސާއަކުން ވަކި ވަކިން ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ވަކި ބައިތަކަކަށް ބަހާލައިގެން ކުރިއަށްގެންދެވިދާނެ. މިސާލަކަށް ޓީމް ސްކިލްސް، މެނޭޖްމަންޓް ސްކިލްސް މިއީ އާންމުކޮށް ހުރިހާ އިދާރާއަކުންވެސް ހިންގަން ބޭނުންވާ ކްލާސްތައް ކަމަށްވާނަމަ، އެންމެން ގުޅިގެން މިފަދަ ކްލާސްތައް ބޭއްވިދާނެ”

ބަޖެޓު ކުޑަކުރުމުން މިނިވަން މުއައްސަސާތަކާއި އެހެން ފަރާތްތަކުގެ ޕްރޮޑަކްޓިވިޓީ ދަށްވެގެންދާނެކަމަށް ގަބޫލުކުރައްވަންތޯ ކުރި ސުވާލުގެ ޖަވާބުގައި ނާޝިޒް ވިދާޅުވީ ބަދަަލުކުރަންވީ ވިސްނުން ކަމަށެވެ. އެގޮތުން ނުލިބޭ އާމްދަނީއަކުން ހަރަދުނުކުރެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި އާމްދަނީ ލިބެން އޮތް ހަމައެކަނި ދެގޮތަކީ ޓެކުހުންނާއި ދަރަނިންކަމަށް ނާޝިޒް ވިދާޅުވިއެވެ. ދަރަނި އިތުރުވަމުންދާ ވަރަކަށް ޑެފިސިޓް ފައިނޭންސްކުރުމަށް އުނދަގޫވާނެކަމަށް ނާޝިޒް ވިދާޅުވިއެވެ. އެހެންކަމުން، މިއީ ހުރިހާ ބޭފުޅުން ޒިންމާ ނަގައިގެން ލިމިޓެޑް ރިސޯސަސްގެ ތެރެއިން ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.އަދި ބަޖެޓުގައި ލިމިޓޭޝަން ހުރުމުން ދަތިތަކެއް ދިމާވާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

“މިއަހަރު އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާާޒާ. އެކަމަކު މިހާރު ލިބޭނެކަމަސް މިއަންދާޒާކުރަނީ އެންމެ 14 ބިލިއަން ރުފިޔާ”

އާމްދަނީ ހޯދުމަށް އަލަށް ބައެއް ކަންކަން ކުރުމަށް ޕްރޮޕޯޒްކުރުމަށް ހުށައަޅާފައިވާކަން ނާޝިޒް ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިންނަށް ދިގު މުއްދަތަށް ބިން ދޫކޮށްގެން އާމްދަނީ ހޯދުން ފަދަ ކަންކަން ހިމެނޭ ކަމަށާއި އެކަމަކު މިފަދަ ކަންކަމަކީ ގާނޫނުތަކާއި ގުޅުންހުރި ކަންކަންކަމަށް ވިދާޅުވިއެވެ. އަވަހަށް ގާނޫނުތަކާއި އުސޫލުތައް ރޭވިގެންގޮސް، މިކަންކަމަށް މަގުފަހިވެއްޖެނަމަ އާމްދަނި ހޯދުމަށް ފަސޭހަވާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަން ނުވެއްޖެނަމަ ދަރަނި އިތުރުވުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓުގައި އަންދާޒާ ކޮށްފައިމިވަނީ 17 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އެހެންނަމަވެސް، ރިކަރަންޓް ހަރަދަށް އެކަނިވެސް 21 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ނާޝިޒް ވިދާޅުވީ އާދައިގެ ހަރަދުތައް ކުރުމަށްވެެސް ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ބަޖެޓު ކުޑަކުރާ ވަރަކަށް އިގްތިސާދު ކުޑަވެގެންދާ ކަމަށާއި އެހެންނަމަވެސް، މަޝްރޫއުތައް ކުރިއަށްގެންދާ ވަރަކުން އިގްތިސާދު ފުޅާވެ ހާލަތު ރަނގަޅުވެގެންދާނެކަމަށް ނާޝިޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: