ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ ރައްޔިތުންގެ “ހުވަފެނީ, ދިޔަވަރަށް ހިކުނު އެއާޕޯޓް” ހަގީގަތަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ އަހަރުތަކެއް ކުރިއެވެ. ހއ އަތޮޅަށް ކުރި ދަތުރެއްގައި އެއަތޮޅު ހޯރަފުށީގެ ރައްޔިތުންނާއި ވާހަކަ ދައްކާލަން ފުރުސަތު ލިބިނެވެ. ހއ އަތޮޅުގެ ރައްޔިތުންނަށް އޭރުގައި އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ވާހަކަދެއްކީ ދަތުރުފަތުރުގެ ނިޒާމަށް އޮތް ދަތިކަމުގެ ވާހަކައެވެ.

އެރަށުގެ ރައްޔިތުން ބުނި ގޮތުގައި ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށް އެއާޕޯޓް އަޅާދޭނޭކަމަށް ބުނެ އެރަށުގެ ރައްޔިތުންގެ ލޮލުގައި އަދުންއަޅުވައެވެ. އެހެންނަމަވެސް ހޯރަފުށީ ރައްޔިތުން ނުހަނު އުންމީދު ކުރި އެއާޕޯޓްގެ ހުވަފެން އޭރު ހަގީގަތަކަށްނުވިކަމަށެވެ.

ހޯރަފުއްޓަށް އަޅުގަނޑު ކުރި ދަތުރުގައި އެއާޕޯޓްގެ ވާހަކަ އެ ރަށު މީހެއްކުރެ އަހާލުމުން ބުނީ ދިޔަވަރު ހިކޭ ވަގުތަށް، އެރަށާއި އެއް ފަޅުގައި އޮންނަ ކުޑަ ފިނޮޅާއި ދިމާލުން އެއާޕޯޓް ހިކޭނެވާހަކައެވެ. އަދި  ދިޔަވަރު ހިކޭ ގަޑިއަށް އެއާޕޯޓް ބަލަން މަޑުކުރަންވެސް ބުންޏެވެ.

މިބުނި ވާހަކައެއް އޭރަކު އަޅުގަނޑުގެ ސިކުނޑި އަކަށް ނުވިސްނުނެވެ. ފަހުން އެހެން އެބުނީ ކީތްވެތޯ އެރަށުގެ ރައްޓެއްސެއް ކައިރިން އެހުމުން އެނގުނީ އެއީ އެއާޕޯޓާ ގުޅުވައިގެން އެ ރަށު މީހުން ޖަހާ މިސާލެއްކަމަށެވެ. ސަރުކާރުތަކުން ހުވަފެން ދައްކާ ދައްކާ އެރަށު ރައްޔިތުން ހުވަފެން ހަގީގަތަކަށް ވާނޭ ކަމަށް ގަބޫލުކުރަން ދަތިވީއެވެ. އެއާޕޯޓްގެ ވާހަކަ ދެކެވޭ ގިނަ ފަހަރު “ދިޔަވަރު ހިކޭ ގަޑިއަށް އެއާޕޯޓް ބަލަން މަޑުކުރާށޭ” ބުނުމަކީ ފަހަކަށް އައިސް އެ ރަށު ރައްޔިތުންގެ އަތްމަތީ ބަހެކެވެ.

އެއީ ސަމާސާއަކަށް ބުނި ބަހެއް ނަމަވެސް އަޅުގަނޑަށް އިހުސާސްވީ އެ ރަށު ރައްޔިތުން އެއާޕޯޓެއް ބޭނުންވެފައި ތިބި މިންވަރެވެ. އެއާއެކު އެރަށުގައި އެއާޕޯޓްއެއް އެޅިގެންދާނޭ ދުވަހެއްގެ އިންތިޒާރު ހުދު އަޅުގަނޑަށްވެސް ކުރެވެން ފެށިއެވެ.

އޭގެ އަހަރުތަކެއް ފަހުން , މިއަދު ރައީސް އިބްރާހީމް މުހަންމަދު ސޯލިހްގެ ސަރުކާރަށް ދެއަހަރުވެފައި ވަނިކޮށް ހޯރަފުށީ ރައްޔިތުން ހުވަފެނުން ބެލި އެއާޕޯޓް ބިލާހަކަށްނުވެ, އެރަށުގެ އެއާޕޯޓަށް މިއަދު ޓެސްޓު ފުލައިޓް ޖައްސާފިއެވެ.

ހޯރަފުށީ ރައްޔިތުން މިއަދު ތިބީ އުފަލުންނެވެ. އެތަކެއް އަހަރުތަކެއްވަންދެން ދިޔަވަރު ހިކޭގަނޑީގައި ބެލި އެއާޕޯޓްގައި މިއަދު ހަގީގީ ކުލަ ޖެހުނީއެވެ. މުޅި ހއ އަތޮޅަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ހައްލު ލިބުނީ އެވެ.

ދެން ހަަމަ ގައިމުވެސް ހޯރަފުށީ ރައްޔިތުން ކައިރީ އެއާޕޯޓް ކޮބާތޯ އެހުމުން ދިޔަވަރު ހިކޭ ގަނޑިއަށް އެއާޕޯޓް ބަލަން މަޑުކުރާކައް ނުބުނާނެއެވެ.

 

 

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޔާމީން ދައުރު ހުރިހާ ކަމެއް ނިމި ހަމައެކަނި ތަން ބަދަލުވީ…ޝުކުރިއްޔާ ރައީސް ޔާމިން…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: