ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ރައްދު އާޒިމްއަށް: ދައުލަތުގެ ކުންފުނިތަކަށް ބަސް ކިޔޭނެ، އެކަމާ އެހެން މީހުން ކަންބޮޑުވާން ނުޖެހޭ!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކުންފުންޏެއް ނަމަ އޭގެ ތެރެއަށް އިގްތިސޯދީ ވަޒީރުގެ ބަސް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާ، މި ހަފްތާ ނިމިގެން ދިޔައީ ބަޖެޓު ބަހުސްގެ ތެރެއިންނެވެ. ތަފާތު އެކި ހިޔާލުތަކަށް މެމްބަރުން ވާހަކަ ދެއްކެވިއިރު، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވެސް ވަނީ ހިޔާލުތަފާތު ވުން އުފެދި، އެކަމަށް ބަހުސްކޮށްފައެވެ. ބުދަ ދުވަހު ކުރިޔަށް ގެންދިޔަ އެ ޖަލްސާގެ ތެރެއިން، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ވަނީ ނުސީދާގޮތަކަށް ފައްޔާޒަށް ފާޑުވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރޭގައި، އާ ކުންފުނިތަކެއް އުފެދިގެން އައި އިރު އެ މަސައްކަތަކުގެ ތެރެއަށް ސަރުކާރުން ވަދެގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ ވައުދަކީ ވެސް އެއީ ކަމަށާއި، “ބޮޑު މިނިސްޓަރަކަށް ވެގެން” އަނެއް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް އެއްވެސް ބޭފުޅަކު ވަދެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތައް އަމާޒު ކުރެއްވީ، ފައްޔާޒަށް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި އެ ވާހަކަތަކާއި ގުޅިގެން “ސަންގު ޓީވީ” ގެ ހާއްސަ ކަވަރޭޖެއްގައި ފައްޔާޒް ވިދާޅުވީ އެ ވާހަކަ ދެއްކެވި ބޭފުޅަކު އެ ދެއްކީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.

“އޭގެ ޒާތުގައި އެއީ ވަރަށް ރަނގަޅު ވާހަކައެއް. ވަރަށް ރަނގަޅު ހަގީގަތެއް އެއީ އިނގޭތޯ. އެކަމާ ކަންބޮޑުވެއްލައްވާކަށް ނުޖެހޭނެ އެހެން ބޭފުޅުންނެއް. އެކަމަށް ކަންބޮޑުވާނީ ދައުލަތުގެ މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ކުރެވޭކަމެއް އެގޮތަށް ކުރެވެނީ ސަރުކާރުން ބޭނުންވެގެންނޭ.” ފައްޔާޒް

ފައްޔާޒް ވިދާޅުވީ އޭނާއަކީ އިގްތިސޯދީ ވަޒީރު ކަމަށާއި، ގިނަ މިނިސްޓްރީތަކުން އިގްތިސޯދާއި ގުޅުން ހުރި މަސައްކަތްތަށް ކުރާއިރު އެކަމުގައި އޭނާގެ ބައިވެރިވުން ވެސް އޮންޏާނެ ކަމަށެވެ. އާޒިމް ދެއްކެވި ވާހަކައިގެ ރައްދުގައި ފައްޔާޒް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް ބަސް ވިދާޅުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ މާނައަކީ މިނިސްޓަރު އަންގާހާ ގޮތަކަށް މަސައްކަތް ކުރުމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް އޭނާ ބަސް ވިދާޅުވާނެ ކަމަށެވެ. އަދި ކުންފުންޏެއްގެ ސިޔާސަތެއް ކަނޑައެޅުން އެއީ އެއްގޮތަކަށް ވެސް އޭނާ ދައްކަވާހާ މަގަކުން ކުންފުންޏަކުން ކުރިޔަށް ދިއުމެއް ނޫންކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

“ބްރޯއަށް” ވާން ނޫޅުމަށް ފައްޔާޒަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެއަށްފަހު އުފެދިގެން އައި މައްސަލަގަނޑުގެ ތެރެއިން ފައްޔާޒް ވަޒީރުކަމުން ވަކި ކުރުމަށް ރައީސް ނަޝީދާއި އެކު މަސައްކަތް ކުރެއްވީ އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުންކޮޅެކެވެ. ފައްޔާޒާއި މެދު ހިތް ހަމަނުޖެހުން އޮތްކަން އެނގޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕެއްގެ ސްކްރީންޝޮޓުތަކެއް ލީކުވެފައިވެއެވެ. އަދި އެ ޗެޓުލޮގުތަކުގައި ވަނީ ރައީސް ނަޝީދު ފައްޔާޒާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކެވެ.

އޭގެ ތެރޭގައި ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ވެސް ކުރައްވާފައިވާއިރު، ޕާޓީގެ ތެރޭގައި “ބްރޯ” ހެދިގެން ނޫޅުމަށް ރައީސް ނަޝިދު ފައްޔާޒަށް ގޮވާލާފައިވެއެވެ. އަދި މެމްބަރުންގެ ސޮއި ހަމަ ކުރުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނާއި ވެސް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ވެސް ތަފާތު އެކި ބައްދަލުވުންތަކުގައި ރައީސް ނަޝީދު ފައްޔާޒާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.

މިދިޔަ މަހު މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ވެސް އެމަނިކުފާނު ވިދާޅުވީ ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުގައި މިވަގުތު ނުހިނގާ ކަމަށާއި އެކަމަކު އެކިއެކި ވަޒީރުންނާ ގުޅޭ ކަންކަން އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ހިނގަމުންދާ ކަމަށެވެ. އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުމަކީ އެ ޕާޓީން އަބަދުވެސް އެންމެ ބޮޑަށް މަސައްކަތް ކުރާ ކަންކަން ކަމަށާއި އެކަމާ ގުޅިގެން އެމްޑީޕީން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވިދާޅުވި އެވެ. އެއަށް ފަހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒް މަގާމުން ވަކި ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދާއި، ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސޯޝަލް މީޑިއާ

މީގެ އިތުރުން އެގްރޯނެޓަކީ އެގްރިކަލްޗާ މިނިސްޓްރީން ބޭނުންވެގެން އުފެއްދި ކުންފުންޏެއް ކަމަށާއި، ކުންފުނި އުފެއްދުމަށް ފަހު ކުންފުނީގެ ކަންކަން ހިންގުމަށް އެގްރިކަލްޗާ މިނިސްޓްރީން ނޫޅޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ ންފުންޏެއް އުފައްދަނީ ކެބިނެޓަށް ހުށަހަޅައި، އެ ފާސްކޮށް، ސަރުކާރުން ބޭނުންވެގެން ކަމަށެވެ. އަދި އެ ތަންތަނުގެ ސްޓްރެޓީޖިކް ޑިޒިޝަންތަކުގައި އިގްތިސޯދީ ވަޒީރު އިސްރޯލެއް އަދާކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ

“ސިޔާސަތު ކަނޑައެޅުމުގައި އަޅުގަނޑަށް ބަސް ކިޔޭނެ އިނގޭތޯ. އެހެން ވީމަ ވަރަށް ރަނގަޅު ވާހަކަފުޅެއް އެއީ. އަދި އެގްރޯ ނެޓަސް، އެހެން އެއްޗަކަސް، ދައުލަތުގެ ކުންފުންޏެއް ވިއްޔާ އެއަށް އަޅުގަނޑު ބަސް ކިޔާނެ. ދެން އެބޭފުޅާއަށް ރަނގަޅަށް ފަހުމްވެ ވަޑައިނުގެންނެވީ ކަންނޭނގެ މިކަންކަން ހިނގާ ގޮތް……… އެހެންވީމަ އަޅުގަނޑުގެ ބާރު ފޯރާނެ އެތަން ތަނަށް. ހަމަ ރަނގަޅު ވާހަކަފުޅެއް އެ ދެއްކެވީ” ފައްޔާޒް

ފައްޔާޒް މަގާމުން ދުރުކުރުމުގެ އަޑުތަކެއް މީޑިއާތަކުގައި ފެންމަތިވެގެން ދިއުމާއި، އަދި ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ ނަފްރަތު ކުރާ މީހުން އެ މީހަކާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ގަބޫލު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އިތުބާރު ކުރައްވާ ބޭފުޅުން އަބަދުވެސް ގަބޫލު ކުރާނެ ހަގީގަތަކީ ގޯސް މަގަކުން ނުހިންގަވާނެ ކަމުގެ ޔަގީންކަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ވައްކަމެއް ނުކުރާނަން. އަދި ތި ވިދާޅުވާ ބޭފުޅުންނަށް ހީވާގޮތަށް ބްރޯއަކަށް މެސެޖުކޮށްގެން ކަންކަން ކުރާ ގޮތަށް އަޅުގަނޑު ކުރިޔަސް ނުކުރާނަން. އެއަށްވުރެ މާ ފެންވަރު ރަނގަޅުވާނެ އަޅުގަނޑުގެ. އަޅުގަނޑު ވައްކަން ކުރިޔަސް ނޭނގޭނެ އެބޭފުޅުންނަކަށް” ފައްޔާޒް

އެކި ބޭފުޅުން އަމާޒު ކުރާ ތުހުމަތުތަކުގެ ފަހަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: