ވިޔަފާރީގެ ދާއިރާގައި ޒުވާނުން އާ ޓޮކްނޮލޮޖީގެ ބޭނުން ކުރާ ތަން ފެނުމަކީ ޒުވާނުންނަށް ކުރެވޭ އުންމީދު އާވާކަމެއްކަމުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް ރިއަލިޓީގެ ހިދުމަތް ދިނުމަށް ހާއްސަ ކެފޭއެއްގެ ގޮތުގައި “ވީއާރް ކެފޭ” ރަސްމީކޮށް މާލޭގައި ހުޅުވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
“ވީއާރް ކެފޭ” ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަޚުލޫފް ވިދާޅުވީ، ދިވެހިންނަކީ ހާއްސަކޮށް ޒުވާނުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވަރަށް ރައްޓެހި ބައެއްކަމަށާއި އަބަދުވެސް މިއުޅެނީ ޓެކްނޮލޮޖީގެ ތެރޭގައިކަމަށެވެ.
މިކެފޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މިނިސްޓަރ މަޙްލޫފް އިތުރަށް ވިދާޅުވީ، ވީއާރ ޓެކްނޮލޮޖީއަކީ މުސްތަޤުބަލުގައި ކުރިއަރާނެ ވަރުގަދަ ޓެކްނޮލޮޖީއެއް. އެހެންވީމާ މިކަން ވީއާރު ކެފޭގެ އިސްނެގުމުގެ މަތިން ކުރުމަކީ މިކެފޭއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.
“ކެފޭ އަކީ ހަމަ އެކަނި އައިސް ސައި ބޯލާ ތަނަކަށް ވުމުގެ ބަދަލުގައި އިޖްތިމާޢީ ގުޅުން ވަރުގަދަ ކުރާ ތަނަކަށް ވާންޖެހޭ. ކުޅިވަރުގެ ތެރެއިން ގުޅުންތަށް ބަދަހިވެގެން ދިއުމަކީ ލިބޭ އިތުރު އުފަލެއް. ވީއާރު ކެފޭ ގެ ޒުވާން ޓީމުން މިހާކޮށްދެނީ އާ ހިޔާލުތަކުންވެސް ވިޔަފާރިކޮށް ހިތްހަމަ ޖެހުން ލިބިދެވޭނެކަން.”
މަޙްލޫފް ވިދާޅުވި އެވެ.
އަމީނީ މަގުގައި ހުންނަ މާލެ ސްކޮޔާގެ ފުރަތަމަ ފްލޯގައި ރޭ ހުޅުވި “ވީއާރް ކެފޭ” އަކީ ރާއްޖޭގައި އެޅިގެން ދިޔަ ވާޗުއަލް ރިއަލިޓީގެ މުހިންމު ބިންގަލެއްކަމަށާއި އަދި މިކެފޭ އަކީ ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ކެފޭކަން މަޙްލޫފް ފާހަގަ ކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވީއާރް ކެފޭގެ ޕާޓްނަރެއްގެ ގޮތުގައި މިނި މޮންސްޓާ އަދި ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކެފޭގެ ބްރޭންޑް އެމްބެސެޑަރގެ ގޮތުގައި ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖައްސައި އެކަން ވަނީ އިއުލާނުކޮށްފައެވެ.
ެއެންމެ ފަހުގެ ޒަމާނީ ވަސީލްތަކާއެކު ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް މުނިފޫހިފިލުވައިދުމުގެ ހިދުމަތްދޭ މި ކެފޭގައި ދުނިޔޭގެ ފަހުގެ ޒަމާނީ ވާޗުއަލްގެ އާލަތްތަކާއި އެންމެ ފަހުގެ ވީއާރު ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އިންޑޯ އަދި އައުޓްޑޯ ބައެއް ހިމެނޭހެން ފަރުމާކޮށްފައިވާ މިކެފޭގެ އިންޑޯ އޭރިއާގައި ވީއާރް ގޭމް އޭރިއާގެ އިތުރުން ގޭމަށް ފަހު އަރާމުކޮށްލާ ހަމަޖެހިލުމަށް ހާއްސަ ސަރަހައްދެއް ވެސް ވެއެވެ. ކެފޭގެ އައުޓްޑޯ އޭރިއާ ހާއްސަކުރެވިފައިވަނީ ޑައިނިން އަށެވެ. އެގޮތުން މި ކެފޭއިން މީރު ބުއިންތަކުގެ އިތުރުން ތަފާތު އެކި އެކި ކާ އެއްޗެހި ވެސް ލިބިގެންދާނެއެވެ. މި ކެފޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރެވިފައިވާ ކަމުން މިތަނަކީ ރާއްޓެހިންގެ އިތުރުން އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ވެސް އެންމެ ކަމުދާނެ ތަނެކެވެ.
ކޮވިޑް-19 އާ ގުޅިގެން ވީއާރް ކެފޭއިން ވެސް ވަނީ ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކެފޭގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް މާސްކު އަޅައި ރައްކާތެރިވެ ތިބޭއިރު، ކޮންމެ ވީއާރް އެކްސްޕީރިއެންސަކަށް ފަހު، ޔޫވީސީ ޑިސްއިންފެކްޓިން ބޮކްސްތަކުގެ އެހީގައި ހުރިހާ ގިއަރެއް ސެނިޓައިޒް ކުރެވިގެންދާނެއެވެ. ހަމައެހެންމެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވީއާރް ހެޑްސެޓު ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ފޭސް މާސްކުގެ އިތުރުން ވީއާރް ހެޑްސެޓް މާސްކު ވެސް އަޅަން ޖެހޭނެއެވެ.