ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ނުވަ ލައްކަ ރުފިޔާ ދޫކުރުމުގެ އަމުރެއް ހައިކޯޓުން ނުދިން!

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އިސްހާގު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިސްހާގު ހުސެއިންގެ ގެއިން ފެނުނު ނުވަލައްކަ ރުފިޔާ އާއި، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ކަމަށް ތުހުމަތުކޮށް އެ ފައިސާ ފުލުހުންގެ ދަށުން ދޫކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް، ހައިކޯޓުން ތާއީދުކޮށްފިއެވެ.

ސެޕްޓެމްބަރު 2015 ގައި ރިއާސީ ލޯންޗްކޮޅު “ފިނިފެންމާ” ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ނުވަ ލައްކަ ރުފިޔާ ފެނުނީ ގ. އޮއިވާލި އިސްހާގު ހުސައިންގެ ގެއިންނެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވި، އޭނާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރި އިރު ފެނުނު ފައިސާ އެވެ.

އެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފިނިފެންމާ މައްސަލައާ ގުޅުވައިގެން ކަމަށް ވިޔަސް، ފަހުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުތަކާއި، ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބް ރައީސާއި އިސްހާގު އާއި ގުޅުން އޮތްކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރިއެވެ، މައްޗަށް ކުރި އެވެ.

މައްސަލައިގައި ހައި ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ މިއީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އާއި، އަނބިކަބަލުން އަދި ދައުލަތުގެ ބައެއް އިސްވެރިން ދަތުރުކުރި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އިސްހާގުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވި އޭނާއާއި ގުޅުން ހުރި ތަންތަން ބަލައި ފާސްކުރި މައްސަލައެއް ކަމަށެވެ. ކްރިމިނަލް ކޯޓުން ދޫކުރި އަމުރާއި އެކު އިސްހާގާއި ގުޅުން އޮންނަ ތަންތަނުގެ ތެރެއިން ގ. އޮއިވާލި ބަލާ ފާސްކުރުމުގައި އެގެއިން ފެނުނު ތަކެތީގެ ތެރޭގައި ނަގުދު ފައިސާގެ ނުވަ ލައްކަ ރުފިޔާ ފެނިފައި ވެއެވެ. އަދި މިއީ އިސްހާގު ދިރިއުޅޭ ކޮޓަރީގެ ތެރެއިން ފެނުނު ފައިސާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގައި އިސްހާގުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިއެވެ. ފިނިފެންމާ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލުމުގެ މައްސަލައިގައި އިސްހާގުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ފިނިފެންމާ ލޯންޗުގައި އައިއީޑީއެއް ގޮއްވާލުމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައި ވުމެވެ. ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 95 ވަނަ މައްދާގައި ވަކި މުއްދަތެއް އޮންނައިރު، އެ މައްސަލައިގައި ދައުވާ ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް އިސްހާގުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ނުވާތީ، މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީއިން ފުލުހުންނަށް އެންގިއެވެ.

ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން އިސްހާގުގެ ކޮޓަރިން ފެނުނު ނަގުދު ފައިސާ އޭނާއާއި ހަވާލުކޮށްފައި ނުވެއެވެ. އަދި އެ ފައިސާ އަނބުރާ އިސްހާގު އާއި ހަވާލު ނުކުރި ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ގޮތުގައި ތުހުމަތު ކުރެވުމެވެ. އަދި އިސްހާގުގެ މައްޗަށް އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާރ ކުރިކަމުގެ ތުހުމަތު ވެސް ކުރެވުމެވެ.

އިސްހާގުގެ ފަރާތުން މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިން ފައިސާ ނަގާފައިވަނީ ތަހުގީގުގެ ބޭނުމަށް ކަމަށް ބުނެ އެ ފައިސާ ހަވާލުކޮށްފައި ނުވާތީ އެވެ. އަދި އެ ފައިސާ ހިފަހައްޓާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެއެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ އެ ފައިސާ އަކީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި އިސްހާގުގެ ގެ ބަލާ ފާސްކުރި އިރު ފެނުނު ފައިސާކަން އެނގެން އެބައޮތް ކަމަށެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނުންނާއި، ފުލުހުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާކަމަށް ބުނެފައި ވެއެވެ.

މި މައްސަލަ އިދާރާތަކުން ބެލއިރު އިސްހާގުގެ ގުޅުމެއް ހިޔާނާތާއި އޮތްކަމުގެ ހެކި ހުރިކަމަށް އެ އިދާރާތަކުން ބުނެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ. އެހެންކަމުން ނުވަލައްކަ ރުފިޔާއާއި އެއާއެކު ތަހުގީގަށް ނެގި ތަކެތި ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުން ރަނގަޅުކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވަނީ ބުނެފައެވެ. އަދި އެއީ އިސްހާގު ހުށަހެޅި މައްސަލައިގައި ވާ ގޮތަށް، ގާނޫނުތަކާއި ހިލާފަށް ހިފަހައްޓާފައިވާ ފައިސާ ކަމަށް ނުބެލެވޭތީ، އޭނާ އެދިފައިވާ ގޮތަށް އެ ފައިސާ ދޫކޮށްލެވެން ނެތްކަމަށް ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާއި އެކު، އިސްހާގު ވަނީ އެއީ ގާނޫނީ އުސޫލުތަކާއި އެއްގޮތް ނިންމުމެއް ނޫންކަމަށް ބުނެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ.

ބަލާ ފާސްކުރުމުގެ ތެރޭގައި ހިފެހެއްޓޭ މުދާތައް ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގައި ބެލުމުގެ ދަށުގައި ބެހެއްޓިދާނެ ހާލަތްތައް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. އެތަކެއްޗާއި މެދު އަމަލު ކުރާނެ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރެއެވެ. އެ މައްދާގައި ބުނާގޮތުން ޖިނާއީ ކުށެއްގެ ތަހުގީގެއްގައި އެ އެއްޗެހި ބޭނުން ކުރުމަށް ތަކެތި ހިފެހެއްޓިދާނެ އެވެ. އަދި ޖިނާއީ ކުށެއްގެ ޝަރީއަތުގައި ހެއްކެއްގެ ގޮތުގައި އެ އެއްޗެހި ބޭނުން ކުރުމަށް ވެސް ހިފެހެއްޓިދާނެ އެވެ. އޭގެ އިތުރުން އެއީ ގާނޫނާއި ހިލާފަށް ހޯދާފައިވާ އެއްޗެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުމަށް ވެސް ތަކެތި ހިފެހެއްޓޭނެއެވެ.

ފައިސާ ދޫކޮށްފައި ނުވާ ސަބަބެއްކަމަށް ދައުލަތުން ބުނެފައިވަނީ ފައިސާ ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން އެއީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުށްކޮށްގެން ހޯދުމަށްފަހު އިސްހާގާއި ހަވާލުކޮށްފައިވާ ފައިސާކަމުގެ ހެކި ހުރި ކަމަށެވެ.

ޤާނޫނާ ޚިލާފަށް ހޯދާފައިވާ މުދަލެއްކަމުގައި ބެލުމުގެ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ހަގީގޫ ވެރިފަރާތް ހޯދުމަށް އެއެއްޗެއް ހިފެހެއްޓިދާނެކަން ޖިނާއީ އިޖުރާއާތުގެ ގާނޫގައި ބަޔާންކޮށްފައި ވެއެވެ.

ދިރިއުޅޭ ކޮޓަރީގެ ތެރެއިން ފެނުނު ފައިސާ އެއީ ކިހިނެއް، ކޮން ގޮތަކުން ހޯދި ފައިސާއެއްކަން އިސްހާގުއަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. އަދި ދައުލަތުން ވަނީ އެމްއެމްޕީއާރުސީގެ ތަހުގީގުގެ ތެރެއިން އަދީބު ދިން ބަޔާނުގައި ހިޔާނާތުގެ ފައިސާ ލޯންޑާރ ކުރުމުގައި އިސްހާގުގެ އެހީ ލިބުނުކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ އިތުރުން އިސްހާގުގެ ފޯނު އެނަލައިޒް ކުރިއިރު އަދީބާއި އިސްހާގުގެ ދެމެދު މުއާމަލާތްތަކެއް ހިންގާފައިވާކަމަށް ދައުލަތުން ބުންޏެވެ.

އިސްހާގު ބުނެފައިވާ ގޮތުން ހިފަހައްޓާފައިވާ ފައިސާއަކީ އޭނާ އާއި މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރެވުނު މަސައްކަތަށް ލިބިފައިވާ ފައިސާ އެވެ. އެހެން ނަމަވެސް އެކަން އޭނާއަށް ސާބިތުކޮށް ނުދެވެއެވެ.

އެހެންކަމުން އެ ފައިސާ އިސްހާގު އާއި ހަވާލު ނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި ހުރުމަކީ ގާނޫނީ ގޮތުން ޖާއިޒު ސަބަބެއް ކަމުގައި ބަލައި، އެއީ ގާނޫނާއި ހިލާފަށް ހިފަހައްޓާފައިވާ ފައިސާއެއް ކަމަށް ނުބެލެވޭކަމަށް ކަނޑައެޅުމާއެކު، އިސްހާގު ހުސައިން އެދިފައިވާ ގޮތަށް އެ ފައިސާއަކީ ދޫކޮށްލެވެން އޮތް ފައިސާއެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ނުފެންނަ ކަމަށް ހައިކޯޓުން ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: