ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބިލު ފާސްވުމުން ފުލުހުންގެ ތަޞައްވަރަށާއި ކުރިއެރުމަށް ހެޔޮ ބަދަލެއް އަންނާނެ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން ފުލުހުންގެ ތަޞައްވަރަށާއި ކުރިއެރުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒުކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެއްކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ ޢަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހޭކަމަށެވެ. އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހޭކަމަށެވެ. މި ޤާނޫނު ތަންފީޒުވެގެންދާއިރު އެކަން ޙާޞިލުވެގެންދާނެކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

“މި ޤާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުން. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުން. އަދި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ޤާނޫނީ ޙައިޞިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިއުން.” އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން މި ޤާނޫނުން ބައްޓަންކޮށްދޭއިރު، ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންތައްތަކެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލަކީ، ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި ޢާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެކެވެ. އަދި މިއީ އެމް.ޑީ.ޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެއްކަމަށެވެ. މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެއްކަމަށް އެމްޑީޕީނެ ބުނެއެވެ.

އެމްޑީޕީން ފުލުހުންގެ ބިލާއި ގުޅޭގޮތުން ބަޔާނެއް ނެރެފައިވާއިރު، ބިލުގެ ކޮމިޓީ މަރުހަލާގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބިލަށް ހުށަހެޅުއްވި އެއްވެސް އިސްލާހެއް ކޮމިޓީން ބަލައި ގެންފައި ނުވެއެވެ. އަދި ފުލުހުންނަށް ހަތިޔާރު ދިނުމަށް ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ދެކޮޅު ހެއްދެވި ނަމަވެސް ކޮމެޓީން ބިލު ފާސްކޮށްފައިވަނީ އެބާރު ފުލުހުންނަށް ދިނުމަށެވެ. މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާގައި މިބިލު މަޖިލީހުން ފާސްކުރާނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: