މަސްވެރިންނަށް ވައުދު ވެފައިވާ ކަންތައްތައް ކޮށްދިނުމުގައި މިސަރުކާރު ފަހެއް ނުޖެހޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ބުނެފިއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާ ތަކަށާއި، ފިޝަރީޒް މިނިސްޓަރު ޒަޙާ ވަޙީދާއި އެ ޞިނާޢަތުގަ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އަރިސް ކޮށްފައެވެ.
އެ ޕާޓީން ބުނީ މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި މަސްވެރިކަމުގެ ދާއިރާގައި މިހާރު ދިވެހިރާއްޖެ މިވަނީ އެތައް ގުނައެއް ކުރިޔަށް ޖެހިފައި ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ދިވެހީންވެސް މިއަދު ފަޚުރުވެރިވާ ކަމަށާއި އަދި މިދުވަހުގެ މުނާސަބަތުގައި، ދިވެހި މަސްވެރިންނަށާއި މި ޞިނާޢަތުގައި ޚިދުމަތް ކުރައްވާ އެންމެހާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތް ތަކަށް ޝުކުރު ދަންނަވާ ކަމަށް އެމްއާރުއެމް އިން ބުނެއެވެ.
އެމްއާރުއެމްގެ ބަޔާނުގައި ވަނީ މަސްވެރިކަމުގެ ޞިނާޢަތަކީ ދިވެހިރާއްޖެ އަށް ވަރަށް ބޮޑު އާމްދަނީ އެއް ލިބޭ އެއް ސިނާޢަތް ކަމަށާއި އަދި މިއަދު މިދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެފައި ވުމަކީ، މިދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.
”ދިވެހިރާއްޖެ ކުރި އަރައިގެން ދިއުމުގައި، ޒުވާނުން ނަކީ ވަރަށް ބޮޑު ޙިއްސާ އެއް ވާ ބައެއްކަމުގައި ދެކެމެވެ. މި ޞިނާޢަތު ކުރި އެރުވުމަށްޓަކައި އަދިވެސް އެތައް ގުނަ މަސައްކަތް ތަކެއް މިއަދު ވެސް މިވަނީކުރަން ޖެހިފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް އެކަށީގެން ވާ ރަނގަޅު އަގެން ލިބުމާއި، އެމަސް ކިރޭނެ އެކަށީގެންވާ އިންތިޒާމު ތަކެއް ނެތުމުގެ ޝަކުވާ އަކީ، މިއަދު މަސްވެރިން އެންމެ ގިނައިން ކުރަމުން ގެންދާ އެއް ޝަކުވާއެވެ.“ ބަޔާނުގައި ވެއެވެ.
މިވޭތުވެ ދިޔަ ކޮވިޑް ގެ ދަތިހާލުގައިވެސް ކަންނެލި މަސްގަނެ ބޭރުކުރާ ކުންފުނިތަކަށް 100 މިލިއަން ގެ ލޯން ފެސިލިޓީއެއް ހަމަޖައްސައިދީ އަދި ކަޅުބިލަ މަސްގަތުމަށް އޮތް އެކްސްކުލޫ ސިވިޓީ އުވާލުމާއި، މަސްވެރިން ބާނާ މަހަށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމަކީ މިސަރުކާރުން މަސްވެރިންނަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެން ދާ ކަމެއް ކަމަށް އެމްއާރުއެމްއިން ބުނެއެވެ.

