ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިރޫޝް ރިޓަޔާރ ކުރުމުން “ބަޣާވާތް” ތަހުގީގުކުރަން ގޮވާލާ އެމްޑީޕީ ރަތަށް!

ޑރ. ފައިރޫޝް ހިދުމަތުން ރިޓަޔާ ކުރެއްވުމުން އޭނާއަށް ހައްސަކޮށް ހެޑްކުއާޓާސްގައި ބޭއްވި ފެއާވެލްގެ ތެރެއިން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ކޮމިޓީ މަރުހަލާ ކުރިޔަށްދިޔައިރު، އެމްޑީޕީއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން އެންމެ ހަރުއަޑުން ދައްކަމުން ދިޔަ އެއް ވާހަކައަކީ “ބަޣާވާތުގެ” ތުހުމަތުތައް ކުރެވޭ އޮފިސަރުންނަށް މަގާމުތަކުގައި ނުތިބެވޭނެ ކަމަށެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހު ހިނގައިދިޔަ ކަންތަކުގައި “ބަޣާވަތް” ކުރަން އިސްކޮށް އުޅުނު ފުލުހުންގެ މައްސަލަ ބަލާނެ ކަމަށް ބުނަމުން ދިޔައެވެ.

އެ ވާހަކަތައް ސީދާ ގޮތެއްގައި ވިޔަސް، އަދި ނުސީދާ ގޮތެއްގައި ވިޔަސް ގޮސް ހުއްޓެނީ އެސިޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ފުލުހުންގެ ހިދުމަތުން އިއްޔެ ރިޓަޔާރ ކުރެއްވި ޑރ. އަބްދުﷲ ފައިރޫޝް އަށެވެ.

ފުލުހުންގެ ބިލް ތަސްދީގުކޮށް ގެޒެޓުކޮށްފައިވާއިރު، ތިން މަސް ދުވަހުން އެ ގާނޫނަކަށް ވެ އަމަލު ކުރަން ފަށާނެއެވެ.

ފުލުހުންގެ ބިލުގައި ބުނެފައިވާ ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ “ބަދަލު ހިފުމުގެ” ރޫހެއްގައި ގެނައި އިސްލާހުތަކެއް ކަމަށް އެތައް ބަޔަކު ދެކެއެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުވެގެން ދިޔަކަމަށް ބުނާ ދުވަހު ފައިރޫޝް “ގިއަރުގައި” ހުންނަވައިގެން ކޮމާންޑު ކުރަމުން ދިޔަ ކަމަށާއި، އެ ގާނޫނު އެންމެ ފުރަތަމަ ވެސް ގޮސް އަރާހަމަ ކުރާނީ ފައިރޫޝްއާއި ކަމަށް ބައެއް މީޑިއާތަކުން ވެސް ރިޕޯޓު ކުރިއެވެ. މީހާ ދަމާ ނުނެރެނީސް، އަމިއްލައިން ރިޓަޔާރ ކުރެއްވި ސަބަބަކީ އެއީކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ. އަދި ބައެއް އެމްޑީޕީ މެމްބަރުން ވަނީ ފުލުހުންގެ ގާނޫނެއް ވުޖޫދު ކުރީތީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ދުވަހު، ފުލުހުންގެ މެދުގައި ވެސް ކުރިމަތިލުންތަކެއް ދިޔައެވެ. އަދި އެ ދުވަހު ހިނގަދިޔަ ކަންތަކުގެ ތެރޭގައި އިސްކޮށް އުޅުނީ ފުލުހުންނާއި، ސިފައިންގެ އިދާރާގެ އިސް އޮފިސަރުން ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

ފައިރޫޝްއަކީ ހަތެއް ފެބްރުއަރީގައި ވަގުތީ ގޮތުން ޕޮލިސް ކޮމިޝަނަރުކަމާއި ހަވާލުވެވަޑައިގެންނެވި ބޭފުޅާއެވެ. އޭރު ކޮމިޝަނަރަކަށް ހުންނެވި އަހުމަދު ފަސީހު އިސްތިއުފާ ދެއްވުމާއި ގުޅިގެން ފުލުހުންގެ ބޯޑުގެ މަޝްވަރާއަށްފަހު އެ ގޮތަށް ނިންމީއެވެ. އެމްޑީޕީއިން ގަބޫލު ކުރާ ގޮތުގައި ފައިރޫޝްއަކީ ފުލުހުންގެ މެދުގައި ބައިބައިވުން އުފެއްދުމުގައި އިސްކޮށް ހުރި މީހާއެވެ. އަދި ފައިރޫޝްއަކީ ބަޣާވާތުގެ އަޑީގައި ހުރި އެކަކެވެ.

ފައިރޫޝް ރިޓަޔާރ ކުރެއްވިއިރު އޭނާ ފުލުހުންގެ އިދާރާގައި ކުރެއްވި ހިދުމަތަށް ވަނީ 20 އަހަރު ފުރިފައެވެ. ހިދުމަތަށް 20 އަހަރު ފުރޭ ދުވަހު ރިޓަޔާރ ކުރައްވާނެކަން ފައިރޫޝް ވަނީ ސިޓީއަކުން މީގެ ހަ މަސް ކުރިން ހުށަހަޅާފައެވެ. އަދި އެކަން ފައިރޫޝް ކުރައްވާފައިވާ ޓްވީޓުން ހާމަވެއެވެ.

ފައިރޫޝް ރިޓަޔަރ ކުރެއްވުމާއި ގާނޫނާއި ގުޅުމެއް ނެތް ނަމަވެސް، އެ މައްސަލަ ބަލަން އެމްޑީޕީގެ މެމްބަރުން ދަނީ ގޮވާލަމުންނެވެ. ހާއްސަކޮށް މަޖިލީހުގައި ބިލުގެ ބަހުސްތައް ކުރިޔަށް ދިޔައިރު ނުސީދާ ގޮތެއްގައި ރައީސް ނަޝީދުގެ ފާޑުކިއުން ފައިރޫޝްއަށް އަމާޒުވެއެވެ. އޭގެ ފަހަތުން އެމްޑީޕީގެ ޕީޖީ މެމްބަރުން ވެސް ފައިރޫޝްއަށް ފާޑުކިޔުން އަމާޒުކޮށް ޓްވީީޓުތައް ކުރެއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދައުރު ކުރި އެއް ވީޑިއޯއަކީ ވެސް އޭރު އިންޓެލިޖެންސް ހެޑަކަށް ހުންނެވި، މިހާރުގެ ޕޮލިސް ކޮމިޝަނަރު “ރާއްޖެ ޓީވީ” ގެ ލައިވް ކަވަރޭޖަކަށް ދިން އިންޓަވިއު އާއި، އެކްޓިން ސީޕީއަކަށް ހުރެ ފައިރޫޝް ފުލުހުން އެއް ކުރައްވާ ދެއްކެވި ވާހަކައެވެ.

އެ ދުވަހު ފައިރޫޝް ވިދާޅުވީ ފުލުހުންނާއި، ސިފައިން ގުޅުގެން ކުރިޔަށް ގެންދާ “ހާއްސަ މަސައްކަތުގެ” ފޮނި ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

“ރާއްޖޭގައި މިހާރު ހިނގަމުންދާ ހަލަބޮލި ކަމާއި ގުޅިގެން ރޭގައި ހިނގާދިޔަ ހާދިސާތަކަށް ފަހު، ފުލުހުންނާއި ސިފައިންނާއި ރައްޔިތުން، އެއްބައިވެގެން މި ކުރިއަށް ގެންދިޔަ މި ހާއްސަ މަސައްކަތުގެ ނަތީޖާއެއްގެ ފޮނިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ލިބިގެންދާނެ ކަަމަށް ޔަގީންކުރަން” ފައިރޫޝް ވިދާޅުވެއެވެ.

މި ވާހަކަތަކަކީ ފައިރޫޝް ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރާ އެންމެ ބޮޑު އެއް ސަބަބެވެ. އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ފައިރޫޝް އައްޔަން ކުރި ދުވަހު އަދި އިއްޔެ ފުލުހުންގެ ހިދުމަތާއި ވަކިވުމުން ވެސް އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލް ކުރީ އެ ވީޑިއޯ ކޮޅެވެ.

ފުލުހުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން އުޅޭކަމުގެ ތުހުމަތުގައި ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު ފައިރޫޝް ހުންނެވީ ޕީއެޗްޑީ ހާސިލް ކުރެއްވުމަށް އޮސްޓްރޭލިއާގައެވެ. ރައީސް ޔާމީންގެ ސަރުކާރާއި ވެސް ދެކޮޅަށް ފައިރޫޝް ވާހަކަ ދައްކަވާފައި ވެއެވެ. އަދި ފުލުހުންގެ އިދާރާ ހިންގުމާއި ގުޅުވާ ވެސް ވާހަކަތައް ހިއްސާ ކުރެއްވިއެވެ.

މަގާމުން ވަކި ކުރުމާއި އެކު ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުކޮށް ފައިރޫޝް ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.

ފައިރޫޝްއަށް އަލުން ވަޒީފާ ދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެއީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންއިން އެގޮތަށް ހުކުމް ކުރުމުންނެވެ. އަދި ހުކުމަށްފަހު ފައިރޫޝް އަލުން ވަޒީފާއަށް ނިކުމެވަޑައިގަންނަވަން ފެއްޓެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއަށްފަހު ފައިރޫޝް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވުނެވެ. އޭރު ވެސް ފައިރޫޝްއަށް އެމްޑީޕީގެ މެމްބަރުން ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

“ވީ ވިލް މިސް ޔޫ” ޖަހާފައިވާ ކޭކެއް ފެޅުން: އެމްޑީޕީ މެމްބަރުން ރަތަށް!

ފައިރޫޝް ރިޓަޔާރ ކުރެއްވިކަން ހާމަކޮށް އެންމެ ފުރަތަމަ ޓްވީޓެއް ކުރެއްވީ ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އެ ޓްވީޓުގައި 20 އަހަރު ދުވަހު ފައިރޫޝް ދިވެހި ފުލުހުންގެ އިދާރާގައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާ ކުރެއްވިއެވެ. ހަމީދު ވަނީ ފައިރޫޝްއަށް ތައުރީފު ކުރައްވާ، ފާގަތި މުސްތަގުބަލަކަށް އެދޭކަން ފާހަގަ ކުރައްވާފައެވެ. ފައިރޫޝް ރިޓަޔާރ ކުރެއްވުމާއި ގުޅިގެން އޭނާއަށް ހާއްސަކޮށް ޕޮލިސް ހެޑް ކުއާޓާސް ގައި ފެއާވެލް ޕާޓީއެއް ބޭއްވިއެވެެ.

އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އަމާޒުވީ ހިސާބަކީ އެއީ އެވެ. ހަމީދުއަށް ރައްދު ދެއްވައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ، ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެގޮތަށް ތައުރީފުކޮށް ވާހަކަ ދައްކަވަން ހަމީދު ލަދުގަންނަން ޖެހޭ ކަމަށެވެ.

ހަމީދުއަށް ރައްދު ދެއްވައި، މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ހަމީދު ފައިރޫޝްއަށް ތައުރީފް ކުރެއްވުމުން ދޭހަވަނީ ފެބުރުއަރީ 7 އަކީ ބަގާވާތެއް ނޫން ކަމެވެ. އަދި ހަމީދު ކުރެއްވި ޓްވީޓުގައި ހިމަނާފައިވަނީ ރައްޔިތުންނަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ހަމީދުއަށް ރައްދު ދެއްވައި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޓްވީޓު ފެނި ގަބޫލު ކުރަންވީ ކާކު ވާހަކައެއްކަން ނޭނގުނު ކަމަށެވެ. އަދި އިންތި ވަނީ އެ ޓްވީޓުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅޭގޮތުން ކޯނީއިން އެކުލަވާލި ރިޕޯޓު މަޖިލީހުން ދިރާސާކުރިއިރު ހަމީދު ރާއްޖެ ޓީވީއަށް ދެއްވާފައިވާ އިންޓަވިއު ހިމަނާފައެވެ. ހަމީދު ހިއްސާ ކުރައްވާފައިވަނީ އެ ދުވަހު އޭނާއަށް އަނިޔާ ކުރި ވާހަކަތަކާއި، އަދި ފައިރޫޝް ރައީސް ނަޝީދާއި ދެކޮޅަށް ހިންގަން ރާވާފައިވާ އަމަލުތަކާއި ގުޅޭގޮތުންނެވެ.

ހަމީދު ހިއްސާކުރެއްވި ވާހަކަތަކުން ދޭހަވާ ގޮތުގައި، ފައިރޫޝް އެދުވަހު ފުލުހުންގެ އިދާރާ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވަނީ އަމިއްލައިން އެދިގެންނެވެ. ނުވަތަ ގަދަ ބާރުންނެވެ. އަދި ފަސީހު އިސްތިއުފާ ދިނުމުގެ ކުރިން އޭނާގެ ކެބިން ހުންނަވަނިކޮށް ފައިރޫޝްއާ އިތުރު އޮފިސަރުންތަކެއް އައިސް އަޑުހަރުކޮށް ވާހަކަ ދެއްކިކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދުގެ މި ޓްވީޓަށް ރައީސް ނަޝީދުގެ ފޭކް އެކައުންޓެއްކަމަށް ބުނާ “އެލެކްސް އަހުމަދު” ވެސް ރައްދު ދިނެވެ. އޭގައި ސުވާލު ކުރަނީ ފައިރޫޝް ކުރި ބަޣާވާތަށް ވެސް ޝުކުރު އަދާކުރެއްވި ތޯ އެވެ.

ރައީސް ސޯލިހު، ފައިރޫޝް އާއި ބައްދަލު ކުރެއްވިކަމުގެ އަޑުތަކެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ އިދާރާއަށް ވަޑައިގެެން ފައިރޫޝްއާ ބައްދަލު ކުރެއްވިކަމަށް ރިޕޯޓުކޮށްފައިވަނީ އޮންލައިން މީޑިއާ “އަވަސް” އިންނެވެ. އަވަސް އިން އިތުބާރު ކުރެވޭ މަސްދަރަކާއި ހަވާލާދީ ބުނެފައިވަނީ ފައިރޫޝްގެ ހިދުމަތްތަކަށް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށެވެ. އަދި ފައިރޫޝްގެ ހިދުމަތް ގައުމަށް ބޭނުންވާކަން ފާހަގަކޮށް، ރިޓަޔާރ ކުރެއްވުމަށް އަދި މާ އަވަސްކަމަށް ވިދާޅުވިކަމަށް އަވަސްއިން ވަނީ ބުނެފައެވެ.

އިދިކޮޅުގެ ތާއީދު ފައިރޫޝްއަށް!

ފައިރޫޝްއަށް އެމްޑީޕީއިން ފާޑުކިއުން އަމާޒުކުރާއިރު އިދިކޮޅު ޕީޕީއެމްއިން ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރީ ވެސް މި ސަރުކާރުންކަން ފާހަގަކޮށްފައެވެ. އަދި އެސިސްޓެންޓު ކޮމިޝަނާރ ކަމުގައި ފައިރޫޝް ހުންނެވިއިރު، ބަޣާވާތުގައި އޭނާ ބައިވެރިވިކަން ހަނދާން ނެތުނީތޯ އިދިކޮޅުގެ ބައެއް ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ.

ރިޓަޔާރ ކުރުމާއި ގުޅޭގޮތުން ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނޯޓިސް ދެއްވީ ހަތް މަސް ކުރިން މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: