ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ފުރުސަތު ގެއްލިއްޖެނަމަ، ވަހީދު ރިޔާސީ އިންތިހާބަށް ވާދަކުރަން ތައްޔާރު!

އިދިކޮޅުން މާލޭގައި ބޭއްވި އިހުތިޖާޖެއްގެ ތެރެއިން ޑރ. ވަހީދު/ ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެނަމަ ގައުމަށް ހިދުމަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ދޮޅު އަހަރު ދުވަހަށް ވެރިކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި އާއްމުންގެ ފަރާތަކުން ފޮނުވި ސުވާލަކަށް، ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީނަށް އިއްވާ އިތުރު، ޝަރީއަތްތަކެއް ކުރިޔަށް ދަނީ އިންސާފުން ނޫން ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. ސިޔާސީ ކަންކަތައް “މާދަމާ ވެސް އެހެން ގޮތަކަށް ފުރޮޅިގެން” ހިނގައިދާނެ ކަމަށާއި، ފެންނަން އޮތް ހަގީގަތަކީ ރައީސް ޔާމީނަށް ކުރެވެނީ ސިޔާސީ ދައުވާތަކެއްކަން ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ގެއްލިއްޖެ ހާލަތެއްގައި، އިންތިހާބަށް ވާދަކޮށްފާނަންތޯ ސުވާލު ކުރުމުން ޑރ. ވަހީދު ވިދާޅުވީ އެއީ ޕީޕީއެމް، ޕީއެންސީގެ ނިންމުމެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތިނުލެވޭ ހާލަތެއްގައި، ޕްރޮގްރެސިވް ކޯލިޝަނުން ޕްރައިމެރީއެއް ބާއްވާނެކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

“އަޅުގަނޑު ގަބޫލު ކުރާގޮތުން ރައީސް ޔާމީނަށް ކުރިމަތިނުލެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕާޓީގެ ފަރާތުން ޕަރައިމެރީއެއް ބާއްވަވާނެ. އޭރުން ދެން އެނގޭނީ.” ޑރ. ވަހީދު

ޑރ. ވަހީދު ވިދާޅުވީ ޕްރައިމެރީއަށް ނިކުތުމާއި މެދު ބަހެއް ބުނަން އަދި މާ އަވަސް ކަމަށާއި، ގައުމަށް ހިދުމަތް ކުރުމަށް އަބަދުވެސް ތައްޔާރަށް ހުންނަވާނެ ކަމަށެވެ.

“ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ދެން ޕާޓީން ނިންމަވާނީ ގައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅަށް. އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށް ވާ ނަމަ އެއީ އެންމެ ރަނގަޅު ގޮތް” ޑރ. ވަހީދު

ޕްރެޒެންޓަރު ދެން ސުވާލު ކުރީ، ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ދުވަސްތަކެއް ކުރިން ޕާޓީގެ ސަޕޯޓަރުންނާއި ލީޑަރުންނަށް ދެއްވި މެސެޖާއި ގުޅޭގޮތުންނެވެ. ރިޔާސީ އިންތިހާބުން ކުރިމަތިވި ނާކާމިޔާބީ އާއި އެކު އެމަނިކުފާނާއި އަރިސް އެތައް ބޭފުޅަކު ޕާޓީ ދޫކޮށް ވަޑައިގެންފައިވާތީ އެކަމަށް އިޝާރާތްކޮށް ރައީސް ޔާމީން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި “މިނިކާ ބާޒުންތަކެއް” ޕާޓީއަށް ވެރިވެގަންނަން މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތު އެފަދަ އެއްވެސް ބޭފުޅަކަށް ނުދެއްވަން ރައީސް ޔާމީން އިލްތިމާސް ކުރެއްވިއެވެ.

މިނިކާ ބާޒަކަށް ނުވާނެކަމުގެ ކިހާވަރެއްގެ ޔަގީންތަން ޕާޓީގެ ސަޕޯޓަރުންނަށް ދެއްވަންތޯ ސުވާލު ކުރުމުން، ޑރ. ވަހީދު ވިދާޅުވީ ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ އިންތިހާބާއި ކައިރިކޮށް ޕާޓީއާއި ގުޅޭނެ ބޭފުޅުންގެ ވާހަކައަށް ކަމަށެވެ. އަދި ވިދާޅުވީ، އޭނާއަކީ 2013 ގައި ޕާޓީއެއް އުވާލައި، އެ އަހަރު ޕީޕީއެމްއަށް ޕާޓީގެ 10،000 މެމްބަރުންނާއި އެކު ސޮއި ކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން، ބޭރުން އަންނަ ބަޔަކާއި އޭނާއާއި ވަރަށް ތަފާތުވާނެކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް ރަޝީދުގެ ނައިބަކަށް ހުންނެވުމަށްފަހު، ވެރިކަން ބަދަލުވުމުން ވެރިކަމާއި ހަވާލުވެވަޑައިގަތީ ޑރ. ވަހީދެވެ. އެއަށްފަހު އެ ދައުރު ނިމި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ނަމަވެސް ޑރ. ވަހީދަށް ލިބިވަޑައިގަތީ އެންމެ 05 އިންސައްތަ ވޯޓެވެ.

އަމިއްލަ ޕާޓީ އުވާލެއްވުމަށްފަހު ރައީސް ވަހީދު އޭގެ ފަހުން ޕީޕީއެމާއި ގުޅިވަޑައިގެތެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ، އެޑްވައިޒަރުގެ މަގާމު ދިނުމާއި ހަމައަށް ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން ޑރ. ވަހީދު ފެނިފައި ނުވެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ސިޔާސީ އެއްވެސް މަސައްކަތެއް އެމަނިކުފާނު ނުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: