ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު-19: މިއީ އާދައިގެ ކަމެއްގެ ގޮތުގައި ހެދީ އެޗްޕީއޭއިން!

ހުޅުމާލޭގެ މެޑިކަލް ފެސިލިޓީޒްގެ އައިސީޔޫގައި ބަލިމީހަކަށް ފަރުވާދެނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލިމަޑުކަން ދިވެހިންގެ ތެރޭގައި ފެތުރުނުތާ، އަހަރަކަށް ވުރެ ގިނަދުވަސް މި ވަނީ ވެފައެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން ފެނުން މި ބަލިމަޑުކަމުގެ ކަޅު ވިލާގަނޑު ރާއްޖޭގައި އަދިވެސް ވަކި ހިއްޕާލައިފާ ވާއިރު ދިވެހިންގެ ތެރެއިން މި ފެންނަނީ މި ބަލިމަޑުކަން ކުޑަކަމެއްގޮތުގައި ދެކެމުން ދާތަނެވެ. މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށް އެތައް އާއިލާތަކެއް ހާލުގައިޖެހި މަގުމަތިވެގެން ދިޔަ ހިތި ހަނދާންތައް ނެތެމުން ދާތަނެވެ. ދެމުން ގެންދާ ލުއިތަކުގެ ނާޖާއިޒް ފައިދާ ދިވެހިން މިދަނީ ނަގަމުންނެވެ. ސަބަބުތަކެއް ނެތިއެކޭ ބުނެވޭކަށްވެސް ނެތެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ކުއްލިޔަކަށް ގެންނަންފެށި ބަދަލުތަކުގެ ސަބަބުން ރާއްޖެގައި ކޮވިޑް ނެތް ކަހަލައެެވެ.

އެންމެ ފުރަތަމަ ރާއްޖެގައި މާލެ ސަރަހައްދުން އެކްޓިވް ކޭސްއެއް ފެނުން ހިސާބުން ރާއްޖެ ލޮކްޑައުންއަކަށް ދިޔައެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރާއްޖޭގެ އިގްތިސާދު މުޅިން ހުއްޓުމަކަށް އައެވެ. ފުރަބަންދުގެ މުއްދަތު ވެގެން ދިޔައީ ވަރަށް މާޔޫސް ދުވަސްވަރަކަށެވެ. ގިނަ ބަޔަކު އާއިލާ އާއި ދުރުގަ ރަށަށް ނުދެވި އެމީހަކު ހުރިތަނެއްގައި ބަންދުވިއެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި ކާންބުއިމަށް ކުރި މަސައްކަތް ހުއްޓާލައި ގިނަ ބަޔަކު ގޮތް ހުސްވެ ހާލުގައި ޖެހުނެެވެ. އެތައް އާއިލާތަކެއް މަގުމަތިވިއެވެ. ރާއްޖޭގެ ހާލަތު ގޯސްވެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މައިންބަފައިން ނިޔާވުމުން މޫނު ބަލާލަން ނުދެވޭހާ ބޮޑަށް ރާއްޖޭގެ ފިޔަވަޅުތައް ވަރުގަަދަ ކުރުމެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ މި ހުރިހާ ފިޔަވަޅުތައް ކުއްލިއަކަށް އުވާލާ ސަރުކާރުގެ ކުޅިވަރު ކުޅޭތަނަކަށް އެޗްޕީއޭ ބަަދަލު ވެފައިވާ ތަނެވެ.

ހާއްސަކޮށް ކަމާބެހޭ މުވައްސަސާތަކުން ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ކުއްލިޔަކަށް މިވަނީ އުވާލާފައެވެ. ފުރަބަންދަށްފަހުވެސް މާލެ ސަރަހައްދުން ދުވާލަކު 100 އަށް ވުރެ ގިނަ މީހުން ދިޔައީ ޕޮޒިޓިވް ވަމުންނެވެ. ކެފޭ ރެސްޓޯރެންޓް ތަކުގެ އިތުރުން މިސްކިތްތައް ނުހުޅުވައި ގިނަ ދުވަސްތަކެއް ހޭދަވެފައެވެ. އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކާއިއެކު ޖުލައި 01 ވަނަ ދުވަހުުން ފެށިގެން މިސްކިތްތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓް ހުޅުވުމުގެ ހުއްދަ ދިނެވެ.

ފިޔަވަޅުތައް ލުއި ކުރިތާ މާ ގިނަ ދުވަހެއް ނުވެ، މާލޭގެ ހާލަތު ގޯސްވެ ދުވާލަކު 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާން ފެށުމުން ކާފިއު އިއުލާން ކުރިއެވެ. އަދި ވަކި ގަޑިތަކެއްގައި އެއްގަމުގައި ދުއްވާ އުޅަނދުތައް ނުދުއްވޭގޮތަށް ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. ނަމަވެސް މީހުން އެއްވެ އުޅުން މި ފިޔަވަޅުތަކުން ވެސް މަދެއް ނުވެއެވެ. ހިނގާ އުޅޭ މީހުން ގިނަވެ ކޮވިޑަށް ޕޮޒިޓިވްވާ މީހުން މަދެއް ނުވެއެވެ. ދުވަހަށް ދުވަހަކަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުގެ ސަބަބުން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރާ އެޗްޕީއޭއަށް ދިޔައީ އަމާޒު ވަމުންނެވެ.

އެޗްޕީއޭއަށް އެންމެ ބޮޑު ފާޑުކިއުންތައް އަމާޒުވި ދުވަހަކަށްވާނީ، މި މަހުގެ 10 އެއްގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހަބާއި ދިމާކޮށް ސިޔާސީ ޕާޓީތަކުން ކެމްޕެއިން ކުރުމަށް ޓީމުތަކާއި އެކު ކަރަންޓީނުވުމެއް ނެތި ފަސް ދުވަހުގެ މުއްދަތަކަށް ރަށްތަކަށް ދެވޭނެކަމަށް އިއުލާނު ކުރި ހިސާބުންނެވެ. މީޑިއާތަކާއި އާއްމުންގެ ފާޑުކިއުންތައް އަމާޒުވެ، އުސޫލު އުވާލީ ގެޒެޓުގައި ޝާއިއު ކުރިތާ24 ގަޑިއިރު ވެސް ނުވަނީހެވެ. އެއަށްފަހު އަނެއްކާވެސް އިންތިހާބުގައި ވޯޓުލާން 48 ގަޑިއިރަށް ރަށަށް ދެވޭ ގޮތަށް އުސޫލެއް އެކުލަވާލިއެވެ. އަދި މާލޭން އެތައް ބަޔަކު ރަށްތަކަށް ދަތުރުކޮށް ވޯޓުލާފައި ވެއެވެ.

އާދައިގެ ނިކަމެތި ރައްޔިރު މީހާ ރަށަށްގޮސް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ކަރަންޓީން ނުވާގޮތަށް މީހުން ދިޔުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަތޮޅުތެރޭ ކޭސްތައް ފެންނަން ފެށުމެވެ. ރޯދަ މަސް ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން މުޅި ޅ އަތޮޅަށް ކޮވިޑު ފެތުރިގެން ދިޔައެވެ. އެ ރަށްތަކުން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު 800 އިން މައްޗަށް އަރައެވެ. އަދި އެތައް ރަށައެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ހާއްސަ ހުއްދައިގެ ދަށުން، ފަސް ދުވަހުގެ މުއްދަތަކަށް ސަރުކާރުގެ އިސް ފަރާތްތަކަށް ރިބަން ފަށެއް ކަނޑާލުމަށް ރަށްތަކަށް ދެވެއެވެ. އާއްމުންގެ އެންމެ ބޮޑެތި ފާޑުކިއުން މި އުސޫލަށް އަމާޒުވަނީ، މީގެ ސަބަބުން ރަށްތަކުގައި ކޮވިޑު ފެތުރިފައި ހުރުމުގެ ސަބަބުންނެވެ. ޕޭޝަންޓް 0 ނޭނގޭ ގިނަ ކޭސްތަކަކަކީ، ހާއްސަ ހުއްދައިގެ ދަށުން ރަށަށް އައި މީހެއްގެ ފަރާތުން ބަލި ފެތުރުންގެ ގޮތުގައި ގަބޫލު ކުރެވެއެވެ. މި ގޮތަށް ކަން ހިނގާފައި ވެސް އެބަހުއްޓެވެ. އަތޮޅަކުން މިހާތަނަށް ފެނުނު އެންމެ ބޮޑު ކްލަސްޓާ އަކީ ޅ އަތޮޅު ކްލަސްޓާ އެވެ. އިހުމާލުގެ އެންމެ ރަނގަޅު އެއް މިސާލަކީ ވެސް އެއީ އެވެ. އެ އަތޮޅު ފެލިވަރަށް ބަޔަކު ދަތުރު ކުރިތާ މާ ގިނަ ދުވަހެއް ނުވެ ފެލިވަރުގައި ކޮވިޑު ފެތުރުނެވެ. އަދި އެކަން އެނގުނުއިރު، މުޅި ބަލި އޮތީ ކައިރި ރަށްތަކަށް ފެތުރިފަ އެވެ. ފެލިވަރު ކްލަސްޓާއާ ގުޅުންހުރި 460 އަށް ވުރެ ގިނަ ކޭސް ފެނިފައި ވެއެވެ.

ކުޅުދުއްފުށި، ކޮޗިން ދަތުރު ފެށުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު މާލެއިން އެ ރަށަށް ދިޔައެވެ. އަދި އޭގެ މާގިނަ ދުވަހެއް ނުވަނީސް ރަށުން ކޮވިޑުގެ ކޭސްތަކެއް ފެނުނެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން އޭރު ބުނި ގޮތުގައި، ހުއްދައިގެ ދަށުން އައި ބައެއް މީހުން ވަނީ އާއްމުން ދިރިއުޅޭ ބައެއް ސަރަހައްދުތަކަށް ގޮސްފައެވެ. އައްޑޫ ސިޓީގައި ވެސް ދިމާވީ އެފަދަ ހާލަތެކެވެ. ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީ އާއްމު ހާލަތަކަށް ގެނެސްފައިވަނީ ދޮޅު މަސް ފަހުންނެވެ. ހާއްސަ ހުއްދައިގެ ދަށުން މާލެއިން ޓީމެއް އައިސް ހިންގި އޭވިއޭޝަންގެ ކޮމާންޑުގެ ޓްރެއިނިންގައި ބައިވެރިވި އެއާޕޯޓުގެ ބައެއް މުވައްޒަފުންނާއި، އެ މީހުންގެ ގިނަ ކޮންޓެކްޓުންތަކެއް ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެއަށްފަހު، އައްޑޫ ސިޓީއާއި ވަކިން އޮންނަ މީދޫން ކޮވިޑު ފެނުނު ގޮތެއް މިއަދާއި ހަމައަށް ވެސް ސާފެއް ނޫނެވެ. އެއީ ހާއްސަ ހުއްދައިގެ ދަށުން ދިޔަ މީހެއް ނުވަތަ، ކަރަންޓީނާއި ހިލާފު މީހެއްކަމެއް ވެސް ސާފެއް ނޫނެވެ.

އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ މީހުން ފާހަގަކުރަނީ، އާއިލާ މީހަކު ނިޔާވެ ނުވަތަ ބަލި އެނދުގައި އޮތް އާއިލާ މީހެއްގެ ގާތަށް ދާން އެދުމުން ވެސް ހުއްދައެއް ނުދިނުމުވެ. އެބުނާ ހާއްސަ ހުއްދައަށް އެދިގެން، އެ ހުއްދަ ނުލިބި އާއިލާގެ މެމްބަރުން ވަކިވެ ދިޔަ އެތައް ބަޔަކު އެބަތިއްބެވެ. އަދި ޖަނާޒާއަށް ދިއުމުގެ ހުއްދައެއް ވެސް ނުދިން އެތައް ބަޔަކު އެބަތިއްބެވެ. މީގައި ކަންބޮޑުވަނީ ސަރުކާރުގެ އިސްވެރިންނަށް، ރިބަންފަށެއް ކަނޑާލުމަށް މާލެއިން ރަށްތަކަށް އާދެވޭތީ އެވެ. ރަށަށް އައިސް ރަށުގެ ޕާޓީގެ މީހުންނާއި ބައްދަލުވެސް ކުރަނީއެވެ. ކެމްޕެއިން ވެސް ކުރަނީއެވެ.

ގައިޑަލްނައިނާއި ހިލާފުވެގެން ފިޔަވަޅު ވެސް އެޅެނީ ވަކި ބަޔަކަށެވެ. ހުއްދަ ދިނީ ޝަރުތުތަކެއް ކޮށްފައި ކަމަށްވާއިރު، އެ ޝަރުތުތަކާ ހިލާފުވެ، ގައިޑްލައިނާ ހިލާފުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޮލާލާ ޖެހުމުން، އެކަމާ ވެސް ފިޔަވަޅެއް ނާޅައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: