ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް އެރުވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި މައްސަލާގައި ޝާމިލްވާ މީހުންހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.

އެގޮތުން ތަހުގީގަށް ބޭނުންވާ ހުރިހާ ރިސޯސްތަކެއް މިހާރު ބޭނުންކުރަމުން އަންނަ ކަމަށާއި ބޭރުގެ ތަޖުރިބާކާރުން ވެސް މި ތަހުގީގުގައި ބައިވެރިވެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާ އާއި ބޭސްފަރުވާއާ ގުޅޭ ކަންކަމުގެ މައުލޫމާތު ރައީސް ސޯލިހަށް ދެއްވި ކަމަށާއި، އެ ހަމަލާއާ ގުޅޭ ތަހުގީގު ކުރިއަށް ދާ ގޮތުގެ ފުރިހަމަ މައުލޫމާތުވެސް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ހަމަލާ ދިން އިރު ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތާ ބެހޭ ރިޕޯޓު މިހާރު ލިބިވަޑައިގެންފި ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އެ ތިން މީހުންގެ ބަންދަށް ވެސް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: