ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ދިން އިންޒާރު ބަލަން ޖެހޭ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވެސް އިހުމާލެއް: ޣައްސާން

މޯލްޑިވްސް ޔޫތް ފޯސްގެ ނަމުގައި ރައީސް ޔާމިންއާއި ދެކޮޅަށް ހިންގި މުޒާހަރާގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް މަގުފަހިވެގެން ދިޔަ ސަބަބަކީ ރާއްޖޭގެ ސަލާމާތީ ބާރުތަކުން މިފަދަ މައްސަލަތައް ބެލުމުގައި ދޭންވީ އަހައްމިޔަތު ނުދެވި އޮތުން ކަމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣާއްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް “ސައިޒުކޮށް” ގެއްލުންދޭނެކަމަށް ބުނެ އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޣާއްސާން ވިދާޅުވީ “މޯލްޑިވްސް ޔޫތް ފޯސް” ގެ ނަމުގައި ހަދާފައިވާ ޓްވިޓާރ އެކައުންޓެއް މެދުވެރިކޮށް ރައިސް ޔާމިންނަށް އަނިޔާ ދޭނެކަމަށް ބުނެ ނެރިފައިވާ ވީޑިއޯއިން، ބަޔަކު އަޑީގައި ތިބެ އެމަނިކުފާނަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރާވައިފައިވާކަން ސާފުވާކަމަށެވެ.

އެއްވެސް މީހަކަށް އިންޒާރު ދިނުމާއި ބިރުދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ (4) ވަނަ މާއްދާގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއްކަމަށާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ (2) ވަނަ މާއްދާގެ (ހ) ގެ ދަށުން މިއީ ބިރުދެއްކުމުގެ ޢަމަލެއްކަމަށް ފާހަގަކޮށް ޣައްސާން ވިދާޅުވީ، ގާނޫނުތަކުގައި ބަޔާންވެގެންވާ ގޮތުގެ މަތީން މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އިންޒާރު ދިން މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ނަމަވެސް މައްސަލައިގައި އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުވަތަ ތަހުގީގު ވެސް ފަށާފައި ނުވާކަން ފާހަގަކޮށް ޣައްސާން ވިދާޅުވީ ގާނޫނު އަސާސީގެ 128 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ ފަރާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން ދިވެހި ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމު ކުރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާއްމުވެގެން ދިޔަ އެ ވީޑިއޯ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރީޓުވީޓު ކުރުމުން ކަންބޮޑުވާކަމަށް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ޓެރަރިޒަމާއި ގުޅުން ހުރި މިފަދަ މައްސަލަތަކަށް މުވައްސަސާތަކުން އިހުމާލުވާކަން ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައިގައި ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުން ވެސް ހާމަވާކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންޒާރު ދިން މި މައްސަލަ ވީހާވެސް ސީރިއަސް ގޮތެއްގައި ބަލައި ތަހުގީގުކޮށް، ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީންނާއި ކަމާއި ބެހޭ ތަހުގީގީ މުވައްސަސާތަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެދޭކަމަށް ޣައްސާން ވިދާޅުވި އެވެ.

ރައީސް ޔާމިންއަށް އިންޒާރުދިން މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅި އިރު، އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި “މޯލްޑިވްސް ޔޫތް ފޯސް” ޖެހި ޓީޝާތުތަކާއި، ބެނާތައް ހިފައިގެން 20 ވަރަކަށް މީހުން ނުކުމެ ވަނީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި އެމަނިކުފާނަކީ ވަގެއްކަމަށް ބުނެފަ އެވެ. އަދި އިންޑިއާ އާއި މެދު ނަފްރަތު އުފެއްދުމަށް ރައީސް ޔާމީން ކުރަމުން ގެންދާ މަސައްކަތްތަށް ކުށްވެރި ކުރާކަމަށާއި، މީ ރާއްޖެއަށް ގަސްތުގައި ގެއްލުންދޭން ހިންގަމުން ދާ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ޣައްސާން ހުށަހެޅި މައްސަލައިގައި ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ފާހަގަކުރިއިރު، މުވައްސަސާތަކާއި ބައްދަލުކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވާ ގޮތުން އިންޓެލިޖެންސް މައުލޫމާތު ލިބިފައި ނުވުމާއި ރައީސް ނަޝީދަށް ތްރެޓު ލެވެލް ހައިކަން އެނގި ތިބެ ސެކިއުރިޓީ ބޮޑު ނުކުރި މައްސަލަ ފާހަގަ ކުރިއެވެ. އަދި މިއީ މުވަައްސަސާތަކުގެ އިހުމާލެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: