ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މީހުންނާއި މެދު ނަފްރަތު އުފައްދައި، ހޭޓް ސްޕީޗް ތައާރަފްކުރީ އެމްޑީޕީން: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ސައީދާއި، މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުންނާއި މެދު ނަފްރަތު އުފެއްދުމާއި ގުޅޭގޮތުން މަޖިލީހަށް މައްސަލަތައް ހުށަހަޅާއިރު، އެކަމާއި މެދު އެންމެ ފުންކޮށް ވިސްނަން ޖެހެނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނަފްރަތު އުފެއްދުމަށް ނަފުރަތުގެ ބަސް ރައްދު ކުރުމާއި ހަރުކަށި ވިސްނުން ފެތުރުން ހުއްޓުވަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި މައްސަލައިގައި ގޮވާލާފައި ވަނީ އިސްލާމް ދީނުގެ ނަމުގައި ނަފްރަތުގެ ބަސްތައް ފެތުރުން ހުއްޓުވުމަށެވެ.

މައްސަލައިގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އިތުރުވަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި އެފަދަ މީހުންގެ ބޮލަށް ނުބައި ވިސްނުންތައް ވަންނަނީ، ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ނުވަތަ “ހޭޓް ސްޕީޗް” ގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަޗު ނަޝީދަށް ދިން ހަމަލާއަކީ ވެސް އެފަދަ މިސާލެއްގެ ގޮތުގައި ފާހަގަކޮށް، ސޯޝަލް މީޑިއާގައި އެހެން މީހުންނަށް އަމާޒުކޮށް ދައްކާ ވާހަކަތައް ތަހުގީގު ކުރުމަށް މެމްބަރުން ގޮވާލި އެވެ.

ގިނަ މެމްބަރުންގެ ވާހަކައިގައި ފާހަގަކުރީ އެމްޑީޕީގެ ވެރިކަމެއް އޮވެއްޖެނަމަ މި ރާއްޖެއިން އިސްލާމް ދީން ނޫން އެހެން ދީންތައް ގެނައުމަށް މަސައްކަތް ކުރާނެކަމަށާއި، އަދި މިސްކިތްތަކުގައި ބަންގި ނުގޮވާނެކަމަށް ބުނެ މީގެ ކުރިން ސިޔާސީ އެކި ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތަކެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އިދިކޮޅުގެ މެމްބަރު ސައީދު ވިދާޅުވީ، ރާއްޖެއަށް ހޭޓް ސްޕީޗު ތައާރަފް ކުރީ އެމްޑީޕީން ކަމަށެވެ. އަދި މީހުންނާއި މުހާތަބު ކުރުމުގައި ލަގަބުތައް ބޭނުން ކުރަން ފެށި ޕާޓީއަކީ ވެސް އެމްޑީޕީކަން ތާރީހުތަކުން ފެންނާނެ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން، މީހުންނަށް ވަނަމުގެ ބަސްތައް އުފެއްދީ ކޮން ބައެއްތޯ މަޖިލީހުގެ މެމްބަރުން ވިސްނާލުމަށް ސައީދު ގޮވާލި އެވެ.

“މި މައްސަލަ ހުށަހެޅުއްވި ބޭފުޅާއަށް ދަންނަވާލަން ބޭނުން ސިޔާސީ ހަތަރު ފަސް ހަ ލީޑަރެއް މަތީގައި އެއް ސަފުހާގަ ޖައްސަވާފަ ކޮލަމްއެއް ހައްދަވާލައްވާ…. އެއަށްފަހު ދިވެހިރާއްޖޭގައި ހޭޓް ސްޕީޗް ކިޔާ އެއްްޗެއް އެންމެ ގިނައިން އުފަންކުރުވީ ކޮން ބޭފުޅެއްތޯ ބައްލަަވާ…. އޭރުން މީގެ ނަތީޖާ ލިބޭނެ…” ސައީދު

މާވަށު ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ސުލްހަވެރިކަމާއި އެކުވެރިކަމަށް ލޯބި ކުރަމުން އައި ބައެއް ކަމަށެވެ. އެހެން ނަމަވެސް އެ މަންޒަރުތައް ބަދަލުވެ، ވެރިންނާއި މުހާތަބުކޮށްގެން ނުވާނެ ނަންތަކުން މުހާތަބު ކުރުމާއި ތަފާތު އެކި ލަގަބުތައް ދެމުން ގެންދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެއްވެސް ކުށަކާއި ނުލާ މީހުންގެ އަބުރު ކަތިލުމަށް މިފަދަ ބަސްތައް އުފެއްދީ އެމްޑީޕީން ކަމަށެވެ. ލާދީނީ ޓެގެއްގެ ވާހަކަދައްކާއިރު މިއީ ކިހިނެއް އުފެއްދި ބަހެއްތޯ ބަލާއިރު އެއް ބަޔަކު ގުޅިގެން ސިޔާސީ ގޮތުން މަސައްކަތް ކުރަނީ އެފަދަ ނަންތައް ބޭނުން ކުރި މީހުންނާއި އެކީގައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“އެ ވާހަކަ އެންމެ ފުރަތަމަ ދެއްކި މީހުންނާއި އެކީ ސަރުކާރު ހިންގަމުން މިދަނީ.” އާދަމް ޝަރީފް

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ ނަފްތަރު އުފެއްދުމުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރިން ފެށިއްޖެ ކަމަށެވެ. އަދި ހަރުކަށި ފިކުރު ފެތުރުމުގެ ވާހަކަ ކިތަންމެ ދިގުކޮށް ވެސް ދެއްކިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަމުގައި ތިއްބަވާ ބޭފުޅުންނާއި މެދު މީހުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ފެށީ މިހާރަކު ނޫންކަން ފާހަގަކޮށް ތޯރިގު މިސާލު ނެންގެވީ، 2006 ގައި އއ. ހިމަންދޫގައި ހިނގައި ދިޔަ ދީނީ ހަމަނުޖެހުންތަކާއި ގުޅޭގޮތުންނެވެ. އެ ދުވަހު ހިނގައިދިޔަ ހާދިސާއަށް ހިއްވަރުދީ، އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އުނދަގޫކުރުމުގެ ގޮތުން ނަފްރަތު އުފައްދައިގެން އެކަމަށް ހިތްވަރު ދިން ބަޔަކު ވެސް ތިބި ކަމަށް ތޯރިގު ވިދާޅުވި އެވެ.

“އަދި އޭގެ ފަހުން މިތާ މިސްކިތެއްގައި ވަކިން ނަމާދު ކުރަމުން ދިޔަ މީހުންނަށް، އެ މީހުންނަށް ސްޕީކާ ސިސްޓަމާއި މެގަފޯން ދިނީ ކޮން ބައެއްކަން އެނގެން އޮންނާނެ… އެހެންވީމާ ވެރިކަމުގައި ތިބި ބޭފުޅުންނަށް ހަޖޫޖަހައި އެ ބޭފުޅުންނަށް ނަފްރަތު އުފައްދައި އަދި އެ ބޭފުޅުންގެ އަބުރު ނަގާލައި މުވައްސަސާތަކުގެ އަގު ވައްޓާލައި މި ހުރިހާ މަސައްކަތެއް ކުރީ އޭރުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުން. އޭގެ ތެރެއިން އެމްޑީޕީއަށް ބޯދަމައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،” ތޯރިގް

ތޯރިގު ވިދާޅުވީ، ހަރުކަށި ފިކުރު ނައްތާލަން މަސައްކަތް ކުރާއިރު “ލާދީނީ” ކަންތައް ނުވަތަ ދީނާއި ދެކޮޅު މަސައްކަތްތައް ހާއްސަކޮށް ﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނަމަ ރަށުގެ ތެރެއިން ހަރުކަށި ފިކުރު ނުހުއްޓުވޭނެ ކަމަށެވެ. އެއީ އެއާއި ޖެހިގެން ދެން ނިކުންނަ ފިކުރަކީ އެއީކަމަށް ވީތީކަމަށް ތޯރިގް ވިދާޅުވި އެވެ.

“އެއީ އަޅުގަނޑުމެންގެ އަގީދާގެ ތެރެއިން އައިސްފައި ހުރި ކަންކަމުގެ ވާހަކަތައް މި ދައްކަނީ. ދެން އެކަންކަމުގައި… ހާއްސަކޮށް މި ވަކިން ތިބޭ ކުދިންގެ ބޮލަށް ޖަހާ ޗިޕެއްގެ ސަބަބުން މި ބުނާ ހަރުކަށި ފިކުރު އުފެދިގެން އަންނަނީ. އެހެންވީމަ ބެލެންސްކޮށް ކަންކަން ނުކޮށް. ﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރި މީހުންނަށް ފިޔަވަޅު ނާޅާ ތިބުނާ ހަރުކަށި ފިކުރު ރާއްޖެއިން ނައްތާލެވޭ ތަނެއް ނުފެންނާނެ” ތޯރިގް

އިދިކޮޅުގެ މެމްބަރުން ވެސް ވަނީ، ރާއްޖޭގައި އެކަކު އަނެކަކާއި މެދު ނަފްރަތު އުފެއްދުން އިންތިހާއަށް އިތުުރުވެފައިވާކަން ފާހަގަކޮށްފަ އެވެ. އަދި ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމުގެ މަސައްކަތްތަކާއި އެކު، މާތްވެގެންވާ އިސްލާމް ދީނަށް އެއްވެސް ފަސްޖެހުމެއް ނެތި ފުރައްސާރަ ކުރާ މީހުންގެއ މައްސަލަތައް ވެސް ބެލެންޖެހެކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އެމްޑާޕީ އުފެއްދޡި ތިޔަކަހަލަ ވަގުން ބޭޒާރު ކުރަން. ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލާ މީހުން ބޭޒާރު ކުރަން. އެނގިއްޖެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: