ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ތުހުމަތަކަށް ބަންދެއް ނުކުރެވޭ: މެމްބަރަކާއި ހަމައިން ޤާނޫނީ ބޮޑު ބަހުސްއެއް!

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި، ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުން ކުށެއްގެ ތުހުމަތަށް މީހަކު ހައްޔަރު ކުރެވޭނީ އެ މީހާ ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި ނުވަތަ އެ މީހަކު އެ އުޅެނީ ކުށެއް ކުރާންކަމަށް ބުއްދިއަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބެއްގެ ހެކި ހުރެގެން ނުވަތަ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ބޭނުންވާ ކޯޓު އަމުރަކާއި އެކު އެވެ. އެ ނޫން ގޮތަކަށް އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ގަޔަށް އަތްލައި، ބަންދުގައި ނުބެހެއްޓޭނެކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައި ވަނީ ތުހުމަތު ކުރެވިފައިވާ މީހާ، އެ މައްސަލައިގެ ހެކިބަސް ދޭންތިބި މީހުންނަށް ނުވަތަ މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެ ފިލައިގެން ދިއުމާއި އެކު އޭނާ ބަންދުން ދޫކޮށްފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެކަމަށް ބެލެވިގެން ނޫން ގޮތަކަށް، އެއްވެސް މީހަކާއި މެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހަކު ބަންދުގައި ބެހެއްޓޭނެ ސަބަބުތައް ވަރަށް ސާފުކޮށް ބަޔާން ކުރެއެވެ. މައްސަލައިގެ ބާވަތުންނާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭފަދަ ހާލަތްތަކާއި، އަދި ފިލައިގެން ގޮސްފާނެކަމުގެ ބިރު އޮތުމާއި އަދި އެ މީހެއްގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ ހާލަތްތަކުގައި އޭނާ ޝަރީއަތް ނިމެންދެން ވެސް ބަންދުގައި ބެހެއްޓިދާނެ އެވެ. މި ނޫން އެއްވެސް ހާލަތެއްގައި މީހާ ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާނޫނު ހުއްދަކުރަނީ ވަރަށް ނާދިރު ހާލަތްތަކެއްގައެވެ.  އެއީ އެ މީހެއްގެ ފަރާތުން ހަގީގަތުގައި ވެސް މުޖްތަމައުއަށް ނުރައްކަލެއް އޮތްނަމަ އެވެ. މި އުސޫލުގެ ދަށުން މިހާރު އަމަލު ކުރާ ގޮތަކީ، މަރުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މީހުން، އަދި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާ، އޭނާ އެ ހައްޔަރު ކުރާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭނެއެވެ. އަދި ދައުވާ ކުރަންޖެހޭ ވަކި މުއްދަތެއް ބަޔާން ކުރާއިރު، އެއީ ބަންދުގައި ހުރި މީހެއްނަމަ 30 ދުވަސް އަދި ބަންދުން ދޫކޮށްފައި ހުރިނަމަ 45 ދުވަހެވެ. އެ ގާނޫނުގެ 95 ވަނަ މާއްދާގެ ދައުވާ ކުރުމުގެ މުއްދަތުގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ އެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރު ކުރެވޭތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް ކަނޑައަޅާފައި ވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަން މަސައްކަތްކުރަންވާނެ ކަމަށެވެ. އަދި މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ދައުވާ އުފުލުމަށް ދައުލަތުން މަސައްކަތް ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

މި މައުޟޫގައި ބޮޑު ބަހުސެއް ފެށިގެން އައީ، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް ގެވެށި އަނިޔާތަކެއްގެ ތުހުމަތު ކުރެވި އޭނާ ހައްޔަރުކޮށްދިނުމުގެ އަމުރަކަށް އެދި ފުލުހުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން އެ އަމުރު އެގޮތަށް ނެރެ ނުދިނުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބެހޭ ގާނޫނުގެ ދަށުން މެމްބަރަކާއި މެދު ކުރެވޭ ތުހުމަތުތަކެއްގައި ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދެންޖެހޭނީ، ފުލުހުން އެގޮތަށް ހުށަހެޅުމުން ޕީޖީ އެވެ.

އިމްތިޔާޒުތަކާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ ގަޔަށް އަތްލައި ނުވަތަ އެނޫން ގޮތަކަށްވެސް އާންމު ތަނެއްގައި ބަލައި ފާސްކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭނަމަ އެފަދަ ހާލަތުގައި، ބަލައި ފާސްކުރަންވެއްޖެނަމަ އިހްތިރާމާއެކު އެ މެންބަރަކު ބަލައި ފާސްކުރެވިދާނެ ކަމަށް ވެއެވެ. އަދި ހަމަ އެ މާއްދާގެ (ނ) ވަނީ އާންމު ތަނެއްގައި މެންބަރަކު ބަލައި ފާސް ކުރާނަމަ، އެކަން ކުރަންވާނީ ޝައްކެއްނެތި ޔަގީން ކުރެވޭ މިންވަރަށް އެފަދަ މެންބަރަކާއި މެދު އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ ކަމަށެވެ.

އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުގެ ތެރޭގައި، ދެ އަހަރު ވެސް ނުވާ ތުއްތު ދަރިފުޅު ބެލްކަނިން ބޭރަށްލައި ބިންމައްޗަށް ވައްޓާލާނެކަމުގެ އިންޒާރު ދިނުން ހިމެނެ އެވެ. މި މައްސަލައިގައި ފުލުހުން ޕީޖީއަށް ހުށަހެޅި ހުށަހެޅުންތަކަށް ކްރިމިނަލް ކޯޓުން ބުނީ އީސަ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ޕީޖީގެ ސިޓީގައި ބުނެފައިވާއިރު، އެކަން ދަލާލަތުކޮށްދޭ ނުވަތަ އެ ބަހަށް ބާރު ލިބޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީގެ ނިންމުމުގައި ބުނެފައިވަނީ އީސަ ހައްޔަރު ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށް އޮންނަ އޮތުމާ ހިލާފަށް ކަމަށެވެ.

ޕީޖީއިން އެދިފައިވާ ގާނޫނުތަކަށް ރިއާޔަތް ކުރުމަށްފަހު، އެ އަމުރު ދޫކޮށްފިނަމަ އެއީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަ އުސޫލުތަކާއި ހިލާފުވުންކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވެއެވެ. މީގެ ކުރިން ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާ ކުރި މައްސަލައެއްގައި ދައުވާ ލިބޭ ހަތަރު މީހަކު ހައްޔަރު ކުރަން ކޯޓުގައި އެދިފައި ނެތްއިރު، އެ ބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރު ކުރަން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވެސް ދައުލަތުން އެދިފައިނުވާކަން ދީބާނާޒް ފަހުމީގެ ނިންމުމުގައި ފާހަގަ ކުރި އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމާއި މެދު، އަދި ސީދާ “ޕީޖީ” ގެ ވިސްނުމެއް ހާމައެއް ނުކުރެއެވެ. އެނގެން އޮތީ، ޕީޖީގެ މަގާމު އަދާކުރާ ޝަމީމްގެ “ވިސްނުން” އެވެ. އެއީ އޭނާގެ އަމިއްލަ ބްލޮގެވެ. އަމިއްލަފުޅު ވިސްނުމެވެ. ގާނޫނީ ގޮތުން ދެ ބަސްވުމެއް އުފެދުމުން، ނުވަތަ ޕީޖީގެ ނިންމުމަކަށް ނުވަތަ ކޯޓުތަކުގެ ނިންމުމަކަށް އަމާޒުވާ ކޮންމެ ފާޑުކިއުމެއްގެ “ޖަސްޓިފިކޭޝަން” ފެންނާނީ އޭގެއިންނެވެ.

އީސަ ހައްޔަރު ކުރަން ޕީޖީން އެދިފައި ވަނީ އާންމު ގޮތެއްގައި މިފަދަ މައްސަލަތަކުގައި އެ އިދާރާއިން އަމަލު ކުރާ ގޮތަށް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ނެރުނު އަމުރުގައި އޮތުމުން ޝަމީމް ވިދާޅުވީ އީސަގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނުކޮށް ބަންދުގެ އަމުރެއް ނެރެން އެދުނީ އެ ހެކި ނެތުމުން ކަމަށެވެ.

ޝަމީމަކީ، ކުށެއްގެ ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން ގެންދިއުމާއި ދެކޮޅު މީހެކެވެ. އެކަމާއި ގުޅޭގޮތުން ވެސް ބްލޮގުގައި ލިއުމެއް ޝާއިއު ކުރައްވާ ޝަމީމް ވިދާޅުވީ، ބައެއް މީހުން ދެކޭ ގޮތުން ކުށް ކުރާ މީހާ ނުވަތަ އެ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުން އެއީ ތަހުގީގަށް ފަސޭހަ ގޮތްކަމުގައި ދެކޭ ކަމަށެވެ. އަދި ބައެއް ގާނޫނު ތަންފީޒު ކުރާ މީހުންނަށް ހީވެފައި އޮންނަ ގޮތަކީ ވެސް އެއީ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެކަމަކު މިކަމުގެ ތާރީހީ ހަގީގަތްތައް ހުރި ގޮތުން، ގާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެ ވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށްކަމަށް އޭނާ ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީ ވުޖޫދުވެގެން އައުމުގެ ކުރިން ރާއްޖޭގައި އަމަލު ކުރި “ނޫ ގާނޫނު އަސާސީ” އަށް އިޝާރާތްކޮށް ޝަމީމް ވިދާޅުވީ އޭރު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމާއި، ދިފާއަށް ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް ހައްޔަރުގައި ހުންނަ މީހާއަކަށް ނުލިބޭ ކަމަށެވެ.

އޭރު އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ މުތްލަގު ބާރު ފުލުހުންނަށް ލިބެއެވެ.

ފެހި ގާނޫނުގެ ދަށުން ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާއި ނުލާ މީހަކު ހައްޔަރެއް ނުކުރެވޭނެކަމަށް ލިޔެފައި ވެއެވެ. އަދި ކުށެއްގެ ތުހުމަތެއްކޮށް މީހާ ހައްޔަރު ކުރާތާ، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭނެކަމަށް ގާނޫނުގައި ލިޔުނެވެ. އޭގެ އިތުރުން ހައްޔަރު ކުރާތާ 24 ގަޑިއިރު ވެސް ނުވަނީސް، އެ މީހާގެ ބަންދުގެ ކަންކަން ބަލައިދޭން އެދި “ހޭބިއަސް ކޯޕަސް” ރިޓަކަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ.

ގާނޫނީ ބޭފުޅުންގެ ހިޔާލު!

ގާނޫނީ ގޮތުން އުފެދޭ ބަހުސްތަކުގައި، އަބަދުވެސް ބަސް ބުނާ ބޭފުޅުން އުޅުއްވަ އެވެ. މިއީ ގާނޫނީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންނެވެ. މި މައްސަލައިގައި ބައެއް ބޭފުޅުން ޝަމީމްގެ ހިޔާލަށް ތާއީދު ކުރާއިރު، އީސަގެ މައްސަލައިގައި އަމަލު ކުރިގޮތާއި ގުޅޭގޮތުން ބައެއް ބޭފުޅުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ކުރެއްވި، އަހުމަދު ހައިލަމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ހޮސްޕިޓަލުން ފަރުވާ ހޯދިކަމުގެ ލިޔުން އަދި ހެކިންގެ ބަސް ޖިނާއި ބޮޑު ކުށެއްގެ ތުހުމަތު ކުރުމަށް ފުދޭނެ ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި ހައިލަމް ނެންގެވީ، އަސްރާ ނަސީމްގެ އިނގިއްޔެއް ބިންދައިގެން ގޮސްފައި ހުރުމެވެ.

ހައިލަމް ވަނީ، އީސަ އޭނާގެ ތުއްތު ދަރިފުޅާއި މެދު އަމަލު ބެހެއްޓި ގޮތުގެ މައްޗަށް ބަލައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނާނެފަދަ އަމަލެއް ހިންގުމުގެ ދައުވާ ވެސް އުފުލޭނެ ކަމަށެވެ.

އަނިޔާ ލިބިފައިވަނީ، ކުރީގެ އަނބިމީހާއަށް ކަމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ތުހުމަތުކުރެވޭ މީހާގެ ބާރު ހެކިންނަށް ފޯރުވޭނެތޯއާއި، ހެކިންނާއި ތުހުމަތުކުރެވޭ މީހާއާ އޮތް ގުޅުމަށް ރިއާޔަތްކޮށް އިޖުރާއާތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން މި އަމުރު ނެރެދެވެން ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒްގެ ނިންމުމަށް އަމާޒުކޮށް ހައިލަމް ވިދާޅުވީ، ފާއިތުވި 3 އަހަރު މިފަދަ މައްސަލައެއްގައި ބަންދު ކުރުމަށް އެދިފައި ނުވާތީ ހަމަހަމަކަން ގާއިމުކުރުމަށް އަމުރު ނުދެއްވީކަމަށް ވިދާޅުވިއިރު، ޕީޖީ އާއި ފުލުހުން ހަމަހަމަކަން ނަގާލާނަމަ އެކަން ބަލާނީ މަޖިލީހުން ކަމަށެވެ. އަދި ފަނޑިޔާރު ބައްލަވަން ވާނީ ހަމައެކަނި ހުށަހެޅިފައިވާ ހެކިތަކަށްކަމަށް ހައިލަމް ވިދާޅުވިއެވެ.

މައްސަލައިގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، ގެވެށި އަނިޔާ ހުއްޓުވުމާއި ބެހޭ ގާނޫނަކީ ވަކި ޖިންސަކަށް ބެލުމެއްނެތި އަނިޔާލިބޭ މީހާގެ ހައްގުތައް ހިމާޔަތް ކުރުމަށް ހެދިފައިވާ ގާނޫނެއް ކަމަށެވެ. އަބަދުވެސް އަނިޔާ ލިބޭ ކަމަށްބުނާ މީހާގެ ބަސް ސީރިއަސްކޮށް ނަގާ، ތަހުގީގު އަވަސްކޮށް، ފިޔަވަޅު ހަލުވި ކުރަންޖެހޭނެކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރެވޭނެ އުސޫލުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، އެއީ ހަމަ ތަހުގީގު މަރުހަލާގައިވެސް ތަތްބީގުކުރެވޭނެ އުސޫލުތައް ކަމަށެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ހައި ކޯޓުން ކުރިން ކަނޑައެޅީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދިފައިވަނީ، މައްސަލައިގައި ހެކި ބަސް ދޭންތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެތީ އެވެ. އެކަމަށް ކޯޓުގެ ނިންމުމުގައި ބުނީ، އީސަ ހެއްކަ ނުފޫޒު ފޯރުވަފާނެކަމަށް ބުނާ ބުނުމަށް ބާރު ލިބޭ އެއްވެސް ކަމެއް ހުށަހަޅާފައި ނެތް ކަމަށެވެ. އީސަ ހައްޔަރުކުރުމަށް ފުލުހުންނާއި ޕީޖީން އެދިފައިވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާނެ މީހެއް ކަމަށް އޮންނަ އޮތުމާ ހިލާފަށްކަން ބުރަވެވޭކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ ބުނެފައެވެ.

އުފެދޭ ސުވާލަކީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އުފެދިގެން އައި ފަހުން ފެންމަތިވި އެންމެ ފުރަތަމަ ގެވެށި އަނިޔާގެ މައްސަލަ ތޯއެވެ؟ ނޫނެކެވެ. މިއީ، ފަހަރުގައި މެމްބަރެއްގެ މައްޗަށް ކުރި ފުރަތަމަ ތުހުމަތަށް ވެދާނެ އެވެ.

މަގުމަތިން ހިނގާފައި ދިޔަ މީހަކު، އެހެން މީހަކަށް ފުރައްސާރައެއްކޮށްގެން ޖަލު ބަންދެއްގައި އެބަ އޮތެވެ. ކުށުގެ ތުހުމަތަކަށް އެތައް ބަޔަކު ހައްޔަރުކޮށްފި އެވެ. ވަކި މައްސަލައަކާއި ހަމައިން ގާނޫނު ފެންނަނީ ކީއްވެގެން ބާ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: