ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސީމަށް އެރުވުނު ވަޒީރުކަމަކީ މޮޅު ބޭފުޅެއްގެ “ތަފާތު” ހުކުން ކާޑެއް! އަނގަ ބަންދުކޮށްލި “މަލަން” ގަނޑެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ ނަސީމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، ފޮރިން މިނިސްޓަރ. އޭގެ ފަހުން ރައީސް ސޯލިހުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރ. އެއަށްފަހު ވަޑައިގެންނެވީ ހެލްތް މިނިސްޓަރުކަމަށް. ރައީސް ސޯލިހުގެ ވެރިކަން ފެށިގެން މިއަދާއިހަމައަށް އައިރު ރައީސް ސޯލިހު ނެންގެވި ބައެއް ޑިޒިޝަންތަކަކީ އެމަނިކްފާނު އެކަމާއި ގަޔާނުވި، އެހެން ނަމަވެސް ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ނެންގެވި ޑިޒިޝަންތަކެއް. ނަސީމަކީ ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު. ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އޮތް ނުތަނަވަސްކަމުގައި ރައީސް ނަޝީދަށް ވަފާދާރު ފަރާތްތަކަށް މަގާމްތައް ދެއްވަނީ ރައީސް ނަޝީދާއި އެކަމަނިކްފާނުގެ ސަޕޯޓަރުންގެ އަނގަމަތީގައި މަލަންގަނޑެއް އަޅާލުމަށްޓަކައި، ނަސީމަކީ އެގޮތުން ދިރިހުރި މިސާލެއް. މިރިޕޯޓްގައި ހުޅުވާލެވިފައިވާ ސިކުނޑިއަކުން ބަލާލާފައިވަނީ ނަސީމް ހެލްތް މިނިސްޓަރުކަމަށް ގެނެވުނުގޮތާއި އޭގެ ސަބަބުތަކަށް!

ކޮވިޑް19 ގެ ރޯގާ ދުނިޔެއަށް އައީ 2019 ގެ ފަހުކޮޅުއެވެ. ނަމަވެސް މިރޯގާ ދިވެހިންނާއި ބައްދަލުކުރީ 2020 ފުރަތަމަ ކުއާޓަރގައެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދުވެސް އުޅެނީ 30 ން 40 ގައެވެ. ފުރަތަމަ ކޭސް ފެނުނު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުސޯލިހަށް ކީރިތިވެސް ކުރެއްވުނެވެ. މަދުން ނަމަވެސް ބައެއް ދިވެހިންގެ ފުރާނަވެސް ދިޔައީ ގެއްލެމުންނެވެ. ނަތީޖާއެއްގެގޮތުގައި މުޅި ރާއްޖެ އެކުއެކީ ލޮކްޑައުންކުރިއެވެ. ކޮވިޑް ކޮންޓްރޯލް ނުވެ، ވެރިކަންކުރާ އެމްޑީޕީއާއި އާއްމުން ރަތަށް އެރިއެވެ، މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ އަމީނަށް ޒިންމާ ނުނެންގެވޭތީއެވެ. އަމީން ފެއިލްވީމައެވެ. ވެންޓިލޭޓަރެއްގައި އަމީން ތާށިވުމުންނެވެ. ކޮވިޑަށް އަހަރެއްވީތަނާ އަމީންގެ ޖަނާޒާވެސް ބާއްވައިފިއެވެ. އަމީން އަވަހާރަވީއެއްނޫނެވެ، ވަޒީރުކަމަށް އަލްވަދާއުކިޔަން ޖެހުނީއެވެ.

ހެލްތް މިނިސްޓްރީގެ ސްލޮޓަކީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ. ނަމަވެސް އެމްީޕީ ރައްޔިތުން އެކީ އެއް އަޑަކަށް ގޮވީ ކޯލިޝަންގެ ހައްގުގައި  ރައްޔިތުންގެ ފުރާނަ ގުރުބާން ނުކުރުމަށެވެ. ކޮވިޑްގެ މިހާލަތުން ގައުމާއި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭވަރުގެ ވަޒީރެއް އިސްކުރުމަށެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަސްމަގުވެސް ހުރީ ހަމަ މިބީދައިންނެވެ. އެވަގުތާއިހަމައަށް ރައްޔިތުންނަށްވެސް ވިސްނިފައި އޮތީ ކޮވިޑް އެހާލަތަށް ރާއްޖެ ގެންދިޔައީ އަމީން ކަމަށެވެ. އަމީނަށް ނުހިންގިގެންނެވެ، އަމީންގެ ދޯދިޔާކަމާއި ނުކުޅެދުންތެރިކަމުންނެވެ. އެހެންކަމުން ދެން އިސްކުރެވޭނީ ހާދަހާވާ މޮޅު ވަޒީރެއްތާއެވެ.

ނަސީމުގެ ވަޒީރުކަމުގައި ހަގީގަތުގައިވެސް ތަފާތު ފެންނަން ފަށައިފިއެވެ. ލޮކްޑައުންވެސް ނަގައިފިއެވެ. ރައްޔިތުން ވެކްސިންވެސް ޖަހަން ފަށައިފިއެވެ. ރަށްރަށަށް ދަތުރުވެސް ދެވެން ފަށައިފިއެވެ. ޕިކްނިކާއި ދަތުރުވެސް ހަމަ ދާންވީއެވެ. ކައިވެނި ހަފްލާތަކާއި އެނޫން އެއްވުންތައް ހުއްދަ ވެއްޖެއެވެ. 2021 ވަނަ އަހަރު، އައު އަހަރަށް ގައުމުތަކަށް ދާންވެސް ހުއްދަ ލިބިއްޖެއެވެ. ގައުމުތަކުން އައިސް ކަރަންޓީނުވާކަށްވެސް ނުޖެހެއެވެ. އެނބުރި ގައުމަށް އައިސް ޕީސީއާރެއްވެސް ބޭނުމެއް ނުވެއެވެ. ފީސަބީލިއްލާހިއަށް ގައުމު ހުޅުވައިފިއެވެ. ވަޒީރު މިދެއްކެވީ ކިހާ ސަޅި ތަފާތެއްހެއްޔެވެ. ގައުމު ގާތްގަނޑަކަށް ނޯމަލްވީތާއެވެ. ދިވެހިން ބޭނުންވީ މިކަންކަމެއްނޫންތޯއެވެ، އަމީނަށް ނުކުރެވުނު ކަމަކީ މިއީ ނޫންތޯއެވެ.

މި ހުޅުވާލި ހުޅުވާލުމަށްފަހު، ހާއްސަކޮށް ރިސޯޓްތަކާއި ބޭރު ގައުމުތަކަށް ގޮސް އައިސްވުމުގައި ކަރަންޓީނުވާން ނުޖެހުން ވެގެންދިޔައީ ނަސީމު ދެއްކެވި ތަފާތެކެވެ. އެތަފާތާއެކު ކުއްލިއަކަށް ރަށް ރަށް ޕޮޒިޓިވްވާން ފަށައިފިއެވެ. ރަށަކަށްފަހު ރަށެއް ގޮސް އިނގިލިން ގުނާލެވޭވަރަށްވުރެ ރަށްތައް ގިނަ ވެއްޖެއެވެ. އަނެއްކާވެސް ނަސީމު ދެއްކެވީ އެހެން ތަފާތެކެވެ. ކޮވިޑާއި ކޮވިޑެކެވެ. ނަސީމުގެ ވަޒީރުކަމުގައި ގައުމުގައި ލޯކަލް ކައުންސިލް އިންތިހާބް ބާއްވަން ހުއްދަ ދީފިއެވެ. އިތުރު ތަފާތެކެވެ. އެކި ނަންނަމުގައި އެމްޑީޕީގެ ރައްޔިތުންނާއި އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ހާއްސަ ހުއްދައެއްގެ ދަށުން ރަށްރަށަށްވެސް ދެވެން ފަށައިފިއެވެ. އާއްމު ރައްޔިތުން އޭރުވެސް ގޮވަމުން ދިޔައެވެ، ދިޔަ ހާއްސަ ހުއްދައިން ކޮވިޑް ނުފެތުރެނީހެއްޔެވެ؟ ނަސީމު ހަމަ ވަރަށް ތަފާތެވެ، އޭގެން ސުވާލަކަށް ޖަވާބެއްވެސް ނުދެއްވައެވެ. އެހެން ބަޔަކު ރަށަކަށް ދާންވީމާ ޖެހެނީ ކަރަންޓީނުވާންށެވެ، ނަސީމުގެ ހާއްސަ ހުއްދައިން ދެވެނީ އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކަށް އެކަންޏެވެ. ނަސީމަކީ ހައި ރިސްކު ބޭފުޅެކެވެ، ނަމަވެސް ނަސީމުގެ ތަފާތަކީ ނަސީމުވެސް ރަށްރަށަށް ޕްރޮޖެކްޓްތައް އިއުލާންކުރެއްވުމަށާއި، ހުޅުއްވައިދެއްވުމަށް ބަރާބަރަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބްވެސް ނިމިއްޖެއެވެ، ވަރަށްވެސް ތަފާތެވެ، އެ އިންތިހާބުންވެސް އެމްޑީޕީ ވީ ބައްޔެވެ، ހާއްސަކޮށް ބޮޑެތި އާބާދީތަކުންނެވެ. އެއާއެކު ފެނުނު އަނެއް ތަފާތަކީ ކޮވިޑްެގެ ނަންބަރުތައް އިހުނަށްވުރެ އިތުރުވުމެވެ. އެއާއެކު އަނެއްކާވެސް ހާއްސަ ހުއްދަތައް ހުއްޓިއްޖެއެވެ. އޭރު މިއޮތީ ވާނެ ހަތަރެއްޗެއް ވެފައެވެ. އަދަދުތައް މައްޗަށް މިދިޔަ ދަނޑިވަޅުގައި ރާއްޖެ ވެކްސިނަށްވެސް ޖެހިއްޖެއެވެ. ލިބުނީ އެސްޓްރަޒެނެކާގެ ދެ ލައްކަ ޑޯޒެވެ، ޖެއްސެވި ހިސާބުގެ މޮޅުކަމުން ދެވަަނަ ޑޯޒަށް ބެލުމެއްނެތި ދެ ލައްކަ ޑޯޒް ބަރިބަރިއަށް ޖަހާ ހުސްކޮށްލައިފިއެވެ. އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ދެވަނަ ޑޯޒް ޖެހުމުން އެތެރޭގެ ދަތުރުފަތުރުކުރުމުގައި ލުއި ލިބޭނެކަމަށް އެންމެން ކޮޅު ނުފެންނަ ވަރަށް ކިއުގައި ޖެހި ވެކްސިންވެސް ޖަހައިފިއެވެ. ދެވަނަ ޑޯޒްގެ ދުވަސް ޖެހުނު އިރު ގިނަ މީހުން ޖަހާނެ ވެކްސިނެއްވެސް ރާއްޖެއަކު ނެތެވެ. އެވެކްސިން ގަންނާނެ ލާރިވެސް ނެތެވެ. މިހާރު ދައްކާ ވާހަކައަކީ ދެވަނަ ޑޯޒް ޖަހަންޖެހޭ ދުވަހަށްވުރެ މަސްތަކެއް ފަހުން ޖެހިޔަސް ހަމަ އެންމެ ރަނގަޅުކަމަށެވެ.ކުރިން ބުނަމުން އައީ ފުރަތަމް ޑޯޒް ޖަހާތާ 12 ހަފްތާ ތެރޭގައި ދެވަނަ ޑޯޒް ޖަހަންޖެހޭކަމަށެވެ. ކިހާ ތަފާތުތޯއެވެ.

ހެލްތް މިނިސްޓަރ ކަމުގެ މަގާމަށް އަހުމަދު ނަސީމް އައްޔަން ކުރައްވައި ފަތްކޮޅު ހަވާލު ކުރައްވަނީ: ފޮޓޯ ރައީސް އޮފީސް

ނަސީމުގެ ވަޒީރުކަމަށް މިވީ ގާތްގަނޑަކަށް ހަތް މަހާއި ދުވަސްކޮޅެކެވެ. ނަސީމު ވަޒީރުކަމާއި ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މިއަދާއިހަމައަށް ކޮވިޑްގެ ހާލަތު ބަދަލުވެގެން އައި ގޮތް މަތީގައި މިބަޔާންކޮށްލެވުނީއެވެ. ވަރަށްވެސް ތަފާތު އެހެން ނޫންތޯއެވެ. މިއަދު ޕޮޒިޓިވްވަނީވެސް ހާހުންނެވެ، ވަރަށްވެސް ތަފާތެވެ. މަރުވެސް އުޅެނީ ސަތޭކައިން މަތީގައެވެ. ހޮސްޕިޓަލްތައް ފުރިއްޖެއެވެ. ރަށްރަށުގެ ކެޕޭސިޓީއަށްވުރެ ޕޮޒިތިވްވާ ނިސްބަތް އިތުރުވެއްޖެއެވެ. ބެކްލޮގްވާން ފަށައިފިއެވެ. މެޑިކަލް ރިޕޯޓް ނުލިބިގެން އާއްމުންގެ ވަޒީފާތައް ގެއްލެން ފަށައިފިއެވެ. ކިހާ ތަފާތުތޯއެވެ. އަމީންގެ ވަޒީރުކަމުގައި ޕޮޒިޓިވް ކޭސްތައް ސަތޭކައަށް އެރުމުން ގައުމު އެކީ އެކައްޗަކަށް ކުރީ ލޮކް ޑައުންއެވެ. މިއަދު ދިވެހިންގެ ސަތޭކައަށްވުރެ ގިނަ ފުރާނަ އަޅުގަނޑުމެންނާއި އަލްވަދާއުކިޔާއިރުވެސް ގައުމު ހަމަ ސޭލަށް ހުޅުވާފައެވެ. ހާދަހާވާ ތަފާތު ބޭފުޅެކެވެ.

ތަފާތު އެހެން ކަމެކެވެ. ނޫސްވެރިންގެ ވަރަށް ގިނަ ސުވާލު ނަސީމަށް އެބަހުއްޓެވެ. ކޮވިޑް މިހާލަތަށް ވައްޓާލުމުން ރައްޔިތުންގެ ސުވާލުތައް ބައިވަރު ހުންނާނެވެސްމެއެވެ، އަމީންގެ ވަޒީރުކަމުގައިވެސް ނޫސްވެރިންނާއި މަދު މަދުން ނަމަވެސް ބައްދަލުކުރައްވައެވެ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ދެއްވޭތޯ ބައްލަވައެވެ. އެއީ ޕަބްލިކް އެނގެން ބޭނުންވާ ވާހަކަތަކެވެ. ނަސީމުތޯއެވެ، ހަމަ ތަފާތެވެ.ނޫސްވެރިންނާއި ބައްދަލުކޮށްލުމެއްވެސް ނެތެވެ. ނަސީމުގެ ހަބަރެއް ހަދަން ނޫސްވެރިން ޖެހެނީ ނަސީމު ގަވާޔާ ޓީވީ ޗެނަލްތައް އަޅުވައިގެން ތިބެންށެވެ، ނަސީމު ދެއްވާ ސުވާލު ކުރުމުން ނަސީމު ދެއްވަން ބޭނުންވާ ޖަވާބެއް އެޓީވީއެއް މެދުވެރިކޮށް ދެވޭނެތާއެވެ. އޭގެން ނޫސްވެރިއަކު ހަބަރެއް ހަދަން ބޭނުމިއްޔާ ހަދަންވީއެވެ. އެހާވެސް ތަފާތު ބޭފުޅެކެވެ.

މިހާލަތަށް ގައުމު ދިޔައިރު އަމީނުއާއި ދިމާއަށް ކުނިހުތުރު ގޮވި މީހުންގެ އަނގަތައްމަތީ މަލަން އެޅިއްޖެއެވެ. މިއީ ޕެންޑަމިކް އެކެވެ، ނަސީމު ވަކި ކުރާނީވެސް ކީއް ހެއްޔެވެ. އެމްޑީޕީގެ ރައްޔިތެއް މިކަމުގެ ކަންބޮޑުވުމުގައި ނަސީމް ޓެގްކޮށް ކޮށްލި ޓުވީޓުގަނޑެއްވެސް ފެންނާކަށް ނެތެވެ. ކިހާ ތަފާތުތޯއެވެ. ނަސީމުވެސް ގެއްލިއްޖެއެވެ. މިއަދު ސުރުހީތަކުން ފެންނަނީ ކޮވިޑް ފެތުރެނީ ރައްޔިތުންގެ އާދަކާދަ ބަހައްޓާ ގޮތެއްގެ ސަބަބުންކަމަށް ނަސީމު ވިދާޅުވާ ސޯޝަލް މީޑިއާ ޕޯސްޓެކެވެ. މިއަދުގެ ހާލަތަކީ ލޮކްޑައުންއޭ ނުކިޔާ އަޅުގަނޑުމެން މިތިބީ ލޮކްޑައުންގައެވެ، އަރާ ފޭބުން މަނާ ރަށްތައް 70 އަށް އެރީއެވެ. މިހާ މައްޗަށް އަދަދުތައް ދާނީ ވަރަށްވެސް ގިނަ ތަފާތު ދައްކަވަިގެންތާއެވެ.

މިކަމުގައި އަޅުގަނޑަށް އެންމެ މޮޅީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ދުރުވިސްނޭ ތޫނުފިލި ބޭފުޅެކެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަކީ ހުރިހާ ވެރިކަމެއްގައިވެސް އާއްމުން، ހާއްސަކޮށް އެމްޑީޕީގެ އެންމެ ފާޑުކިޔުން ބޮޑު ސިނާއަތެވެ. މިފަދަ ޕެންޑަމިކެއްގައި އެމްޑީޕީގެ އަނގަ ބަންދު ނުކުރެވިއްޖެނަމަ ވެރިކަމަށް މިކަމުގެ ލޮޅުން އެރުމުގެ ފުރުސަތު އެބައޮތެވެ. ރައީސް ވައްޓާލެއްވީ ހުކުން ގަނޑެކެވެ. އެއީ ހެލްތް މިނިސްޓްރަކަށް ކެރަފާ އަހްމަދު ނަސީމެވެ. ރައީސް މުހައްމަދު ނަޝީދުގެ ބޮޑު ބޭބޭފުޅެވެ، ރައީސް ނަޝީދު ވިދާޅުވި ތަފާތު ދައްކަވާނެ ބޭފުޅާއެވެ. މިއަދަކު ސިއްހީ ނިޒާމަށް ރައީސް ނަޝީދެއްވެސް ފާޑެއް ވިދާޅެއްނުވެއެވެ. ރައީސް ނަޝީދުގެ ފަހަތުން، އެހެން އެމްޑީޕީގެ ރައްޔިތެއްވެސް ސިއްހީ ނިޒާމަށް، ނަސީމަކަށް ބަހެއް ނުބުނެއެވެ. ބަދަލުގައި ކުރައްވަނީ ދިފާއުއެވެ. ކިހާ ތަފާތުތޯއެވެ، އެކުޅުއްވީ ތަފާތު މޮޅު ކާޑެއް ނޫންތޯއެވެ. ވަރަށްވެސް ތަފާތެވެ، ވަރަށްވެސް މޮޅެވެ.

ވަރަށް ގަދަ
48%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 35%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: