ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ އިލްމާއި ހުނަރު ލިބިގެން ނޫނީ ރަނގަޅު މައިންބަފައިންނަށް ނުވެވޭނެ: ނަސީމް

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ އިލްމާއި ހުނަރު ލިބިގެން ނޫނީ ރަނގަޅު މައިންބަފައިންނަށް ނުވެވޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަފްސާނީ ސިއްޙަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ގޮތުން ދުޅަހެޔޮވުމަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮވުންކަމަށެވެ. ސިއްހަތަކީ އަސާސީ އިންސާނީ ހައްގެއްކަމަށް ފަހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ހައްގު ކަށަވަރުކުރޭވޭނީ ނަފްސާނީ ސިއްހަތުވެސް ކަށަވަރުކޮށްގެންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ކޮވިޑް 19 އަށްފަހު އާންމުކޮށްފައިވާ ރިޕޯޓްތަކުން ކޮވިޑަށްފަހު ދިމާވެފައިވާ އެންމެ ބޮޑު ސިއްހީ މައްސަލައަކީ ނަފްސާނީ މައްސަލަތައްކަން ހާމަވާކަމަށެވެ. މިކަން ފެންމަތިވުމުގެ ކުރިންވެސް ދިވެހި ސަރުކާރުން ވަނީ ނަފްސާނީ ދުޅަހެޔޮަކަން ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މަރުކަޒީ ފެންވަރުގައި ގާއިމްކޮށްފައިވާ ނެޝަނަލް މެންޓަލް ހެލްތް ސެންޓަރުން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާކަމަށާއި، އަދި އަތޮޅު ތެރެއަށް މި މަސައްކަތް ފުޅާކުރުމުގެ ކަންތައްތައް ދަނީ ކުރިއަށްކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

“އަޅުގނޑު އުއްމީދުކުރަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިކަމަށް ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެހޭނެ ދުވަހެއް ވަރަށް އަވަހަށް ފެނުން”

ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ރާއްޖޭގައިވެސް މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލްކުރުންފަދަ ނޭދެވޭ އަމަލު ކުރަމުންދާކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުންވެސް ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ ގޮތުން ނޭދެވޭ އަސަރުކުރާކަމަށެވެ. ގައިންގަޔަށް ނަރާ ބަލީގެ ނިސްބަތް ރާއްޖޭގައި ބޮޑުވެފައިވާއިރު، އެމީހުންނާއި އެމީހުންގެ އާއިލާތަކަކަކީވެސް ތަފާތު ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ ބައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ 5 މީހަކުން އެކަކު ޑިޕްރެޝަންގެ އުނދަގޫ ކޮންމެވެސް މިންވަރަކަށް ތަހައްމަލުކުރާކަމަށެވެ.

ތައުލީމީ މަރުކަޒުތަކުގައްޔާއި މަސައްކަތުގެ މާހައުލުގެ އިތުރުން ސޯޝަލް މީޑިއާގައިވެސް އެކަކު އަނެކަކާއި ހަނގުރާމަކުރުމާއި އަދި އަބުރު ކަތިލުންފަދަ ކަންކަން ވަނީ އާންމުވެފައިކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިކަމުން ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރާ ފަރާތްތަކާއިމެދު މުޖުތަމައު ދެކޭ ގޮތް އަދި އެމީހުންނާއިމެދު އަމަލުކުރާ ގޮތުން ބަލި ތަހައްމަލުކުރާ މީހުންގެ ހާލަތު އިތުރަށް ގޯސްވާކަމަށެވެ. މިނިސްޓަރު ގޮވާލެއްވީ މިފަދަ ކަންކަން ހުއްޓާލުމަށެވެ.

“މިއީ ވަރަށް ބޮޑު މައްސަލައެއް، ހައްލު ކުރެވޭނެ މައްސަލައެއް، މިކަންތައް އަޅުގަނޑުމެން ހުއްޓާލަން އެބަޖެހޭ”

މިނިސްޓަރު ނަސީމް ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާލި ބަދަލުކުރުމުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމަށްޓަކައި މައިންބަފަައިންގެ ރޯލު ވަރަށް ބޮޑުކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިކަމާއި ގުޅޭ އިލްމާއި ހުނަރު ލިބިގެން ނޫނީި ރަނގަޅު މައިންބަފައިންނަށް ނުވެވޭނެކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި މައިންބަފައިންގެ ރޯލު ވަރަށް ބޮޑު، އައިޑެންޓިފައިކުރުމުގެ ރޯލު ވަރަށް ބޮޑު. އަޅުގަނޑުމެން އެންމެން ވާންވީ ކޮންމެސް ވަރަކަށް މިކަމުގެ އިލްމާއި ހުނަރު ލިބިފައިތިބި ބަޔަކަށް ވެގެން ނޫނީ ރަނަގަޅު މައިންބަފައިންނަކަށް އަޅުގަނޑުމެންނަކަށް ނުވެވޭނެ”

އިފްތިތާހުކުރި ކެމްޕެއިންއަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ކެމްޕެއިންގެ ސަބަބުން ނަފްސާނީ ދުލަހެޔޮކަމާއިމެދު މީހުން ދެކޭ ގޮތާއި އަދި މައުލޫމާތު ހުރި މިންވަރާއި ތަފާތުކުރުންތަކާއި، ހޭލުތެރިކަން ހުރި މިންވަރު ފާހަގަކުރެވިފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިފްތިތާހުކުރެވުނު ކެމްޕެއިންނާއިއެކު މިކަން ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް އިތުރުކުރިއެރުން ލިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: