ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ހޭދަ 3 ބިލިއަނުން މައްޗަށް: އިތުރުވި އެނދެއް، އެމްބިއުލެންސެއް ނެތް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް. ފިިޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އަލަށް ކޮވިޑް-19 ބަލީގެ ކޭސްއެއް ފެނި، މުޅި ގައުމު ފުރަބަންދަކަށް ދިޔަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ތަކުރާރުކޮށް އިވުނު އެއް ވާހަކައަކީ އެންމެ ގޯސް ހާލަތަކަށް ގައުމު ތައްޔާރުވެފައި އޮތް ވާހަކައެވެ. މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވް ކޭސްއެއް ފެނުމުގެ ކުރިއަށްވެސް ސަރުކާރުންނާއި އޭރު ކޮވިޑް ބަލީގެ ކަންކަން މެނޭޖްކުރަން ތިއްބެވި ބޭފުޅުން ދައްކަވަމުން ދިޔައީ އެވާހަކައެވެ.

ފާއިތުވި އަހަރަކީ ރާއްޖެއަށް ހިލޭ އެހީއާއި ލޯންތަކުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ލިބުނު އަހަރެކެވެ. ކޮވިޑްގެ އެކި ހޭދަތައް ކުރުމަށާއި ކަންކަން މެނޭޖްކުރުމަށް އަވަށްޓެރި އެކި ގައުމުތަކުން ދިން ލޯނުތަކާއި އެގައުމުތަކުންނާއި ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުން ހިލޭ އެހީތަކާއެކު ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ނުލިބޭ މިންވަރަށް ހިލޭ އެހީއާއި ލޯނުތައް ލިބިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ފާއިތުވެގެންދިޔަ އަހަރުތަކުގެ ތެރޭގައި ކޮވިޑާއި ގުޅިގެން އެކި ހޭދަތައް ސަރުކާރުން ވަނީ ކޮށްފައެވެ. ސިއްހީ ދާއިރާއަށް ކުރިމަތިވި ކަންކަން ހައްލުކުރުމަށާއި ބައްޔާއި ދެކޮޅަށް މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. ކޮންމެ ހަފްތާއެއްގެވެސް ތަފާސްހިސާބުތައް އާންމުކުރާއިރު ސިއްހީ ދާއިރާގެ ކަންކަމަށް ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައި ހުރެއެވެ. މާލެ އާއި އަތޮޅުތެރޭގައި އެކި ވަސީލަތްތައް ގާއިމްކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކޮށްފައިވާއިރު މިގޮތަށް ކުރެވުނު ހޭދަތަކުގެ އަދަދު މިހާރު 4 ބިލިއަން ރުފިޔާއާއި ގާތްކުރަން އުޅެއެވެ.

ކޮވިޑަށް ކުރެވުނު ހޭދަ މިހާތަނަށް 3 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، ކޮވިޑްގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނު ދުވަހާއި މިއަދާއި އެއްވެސް ތަފާތެއް ނެތެވެ. ވަސީލަތުގެ ގޮތުން ބެއްޔަސް، ފެސިލިޓީތަކުގެ ގޮތުން އަދި ހިޔުމަން ރިސޯސްގެ ގޮތުން ބެއްޔަސް ބައްޔާއި ދެކޮޅަށް ކުރަމުންދިޔަ މަސައްކަތަށް ލިބުނު ކުރިއެރުމެއް ނެތެވެ. ކުރެވުނު ހޭދަތަކާއި އަޅާ ބަލާއިރު ލިބުނު ކުރިއެރުމެއް، އިތުރު ކުރެވުނު ވަސީލަތެއް ނުވަތަ ފެސިލިޓީއެއް ނެތެވެ. އަލަށް ގެނެވުނު އެމްބިޔުލަންސެއް އަދި އިތުރުކުރެވުނު އެނދެއް ނެތެވެ.

މިއަދަކީ ރާއްޖޭގައި އަނެއްކާވެސް މި ބައްޔާއި ދެކޮޅަށް ކުރަމުންދިޔަ މަސައްކަތްތަކަށް އިތުރު ގޮންޖެހުމެއް ކުރިމަތިކުރުވި ދުވަހެކެވެ. ރޭ ދަންވަރު، މި ބަލީގައި ރާއްޖޭގައި އަލަށް ކުޑަކުއްޖަކު ނިޔާވެފައިވާއިރު، މިކަމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. 10 އަހަރުގެ އަންހެން ކުއްޖަކު ކޮވިޑް ބަލީގައި ދިމާވި ކަންތައްތަކުގެ ތެރޭގައި ނިޔާވިއިރު، 2 ގަޑިއިރު ވަންދެން އެމްބިޔުލަންސްގެ އިންތިޒާރުގައި ކުއްޖާ ހޮސްޕިޓަލަށް ނުގެންދެވި ތިބެންޖެހުމަކީ މިބުނާ އިހުމާލުގެ ވާހަކައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ކުއްޖާގެ ނޭފަތުން ލޭ އައިސް، ކުއްޖާ ހޭނެތިގެން ވެއްޓި އެތެރެހަށްޓަށް ލޭ އެޅިފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ގެތަކުގައި ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ސިއްހީ ހާލަތު ގޯސްވެ، އެކި ކަންކަން ދިމާވުމުން ހޮސްޕިޓަލަށް ދިޔުމަށް އެމްބިޔުލަންސަށް ގުޅައިގެން، ހޮސްޕިޓަލަށް ގެންދެވުން ލަސްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ދަންނަ ކިތަންމެ ބަޔަކަށް މިކަން ދިމާވެފައި އެބަހުއްޓެވެ. މިއީ މިބުނާ އިހުމާލުގެ ވާހަކައެވެ.

އެތައް ބިލިއަނުން ހަރަދު ކުރެވުނުއިރު، ބައްޔާއި ދެކޮޅަށް ފޯރުކޮށްދޭންޖެހޭ ފަރުވާ އަވަސްވުމަށް ނޫނީ ރަނގަޅުވުމަށް ކުރެވުނު ކަމެއް ނެތެވެ. މިއީ އަދި ވެރިކަން ކުރާ މާލެ ސަރަހައްދުގެ ވާހަކައެވެ. އަތޮޅުތަކުގެ ތެރެއިން ރަށެއްގައި ކޮވިޑް ޕޭޝަންޓެއްގެ ސިއްހީ ހާލަތު ގޯސްވެގެން އިތުރު ފަރުވާއެއް ފޯރުކޮށްދޭން ޖެހިގެން ދެން ވާނެ ކަންކަމުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ. އަތޮޅުތަކުގެ ތެރެއިން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ކަރަންޓީނުގެ 14 ދުވަސްނިމޭއިރު ނުލިބެއެވެ. އަހަރު ދުވަސް މިބަލީގައި ހޭދަކޮށް، ބައްޔާއިއެކު އުޅެން ދަސްކުރިއިރު އަތޮޅުތެރޭގައި، އާބާދީ ބޮޑެތި ހިސާބުތަކުގައިވެސް ސާމްޕަލް ނެގުމަށްފަހު ޓެސްޓުކުރެވޭނެ ގޮތެއް ނެތެވެ.

ރާއްޖެ މިވަގުތު އޮތް ހާލަތަކީ މިހާތަނަށް މިބަލީގައި ރާއްޖެ ހޭދަކުރާ އެންމެ ހިތްދަތި ދުވަސްތަކެވެ. އާންމުގޮތެއްގައި ބަލީގައި ދުވާލެއްގެ މައްޗަށް 6 މީހުން ނުވަތަ އެއަށްވުރެ ގިނައިން މަރުވާއިރު، ދުވާލެއްގެ މައްޗަށް 12 ނުވަތަ 13 މީހުންވެސް ބަލީގައި ނިޔާވެފައިވެއެވެ. ބައްޔަށް ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދުވެސް އިތުރުވެ، ޒުވާނުންނާއި ކުޑަކުދިންވެސް ބަލީގައި ވަރަށް ބޮޑުވަރުވާތަން އާދެއެވެ.

މިހާލަތަށް ދިޔުމުގެ ކުރިން ސަރުކާރަށް ތައްޔާރުވާން ފުރުސަތު ލިބުނެވެ. ވަސީލަތްތައް ހޯދައި، ފެސިލިޓީތައް ތަރައްގީކުރުމަށް ފައިސާ ލިބި، ވަގުތުވެސް ލިބުނެވެ. ހިޔުމަން ރިސޯސް މަދުކަން އެނގޭއިރު، މީހުން ހޯދުމަށާއި ތަމްރީން ކުރުމަށްވެސް ފުރުސަތު ލިބުނުކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އެހެންނަމަވެސް، އަދިވެސް ސަރުކާރު ތަމްސީލުކުރައްވަން ތިއްބެވި މެމްބަރުންނަށް މިބަލި ބޮޑު ބައްޔަކަށް ނުވެއެވެ. މިއީ ދުނިޔޭގެ އެެހެން އެންމެންވެސް ތަހައްމަލު ކުރަމުންދާ ބައްޔެއްކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކަށް ޖެހުނު ހާލު އަދި ރާއްޖެއަށް ނުޖެހޭކަމަށް ބުނެ ވާހަކަދައްކަވާ ސިޔާސީ ބޭފުޅުން އެބަތިއްބެވެ. މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކުރި މެމްބަރުން އެބަތިއްބެވެ.

ކޮވިޑު މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވިކަމަށް އަދިވެސް ގަބޫލުކުރަން ސަރުކާރުން ދެކޮޅުހަދައެވެ. ބައްޔާއި ދެކޮޅަށް ކުރިހާ ހަރަދުތަކުން ހާސިލްވިކަމެއް ސަރުކާރަކަށް ނުދެއްކެއެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ މައި ފެސިލިޓީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ހާލަތު އެންމެންނަށް އެނގެއެވެ. ބަލީގައި ބޮޑުވަރުވެގެން ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދި އެޗްޕީއޭއަށް އާދޭސްކުރަންޖެހޭ ހިސާބަށް ކަންކަން ދިޔުމަކީ ބަލައިގަނެވޭ ވަރުގެ ކަމެއްނޫނެވެ. އެއްވެސް ހާލެއްގައި މިކަމުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލެއް އޮތް ވާހަކައެއް ނޫނެވެ. އަހަރު ދުވަސްވަންދެން އެންމެ ގޯސް ހާލަތަކަށް ތައްޔާރުވެފައި ތިބި ބައެއްގެ އަތުން މިވަރުގެ ކަންކަން ހިނގަން ފެށުމުން ބަލައިގަންނަން އުނދަގުލީއެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދެއްކި ވާހަކައަކީ އެއީއެވެ. ރައްޔިތުން ހާސްނުވެ ސަރުކާރަށް އިތުބާރުކުރުމަށެވެ. އެންމެ ގޯސް ހާލަތަށްވެސް ތައްޔާރުކަމަށާއި އެންމެ ގޯސްް ހާލަތެއްގައި ފްލޯޓިން ހޮސްޕިޓަލްވެސް ގެންނާނެކަމަށެވެ. އަހަރު ދުވަސް ފަހުން ސަރުކާރުގެ އިހުމާލުތަކަކުން ހީވެސް ނުކުރާހާ ގޯސް ހާލަތަކަށް ގައުމު ދިޔުމުންވެސް، އެބުނާ ފްލޯޓިން ހޮސްޕިޓަލެއްވެސް ނުފެނެއެވެ. އެންމެ ގޯސް ހާލަތަށް ތައްޔާރުވެފައި އޮތް މިންވަރު ހާމަވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ އޮތް ހާލަތުންނާއި، ރޭ ހިނގާދިޔަ ހާދިސާއިންނެވެ.

މިހާލަތަށް ގައުމު ދިޔައީވެސް މިފަހަރު ސަރުކާރުގެ އިހުމާލުންނެވެ. އިންތިޚާބު ބޭއްވުމަށް އޭޕްރިލްމަހުގެ ކުރީކޮޅު ދިން ލުއިތަކަކީ މިއަދު މިހާލަތަށް ގައުމު ދިޔަ ސަބަބެވެ. އެކަމަށްވެސް ސަރުކާރުން އެއްބަސްވާން ބޭނުންނުވެ، މިހާރު މިހިނގަމުންދާ ކަންކަމުގެ ޒިންމާ ނަގަންވެސް ބޭނުންނުވުމަކީ ސަރުކާރުން މިކަމުގައި ފެއިލްވެފައި އޮތް މިންވަރު ހާމަކޮށްދޭ ކަންތައްތަކެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: