ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާ ގޯސްކޮށް ކުށްވެރިވާ މޭރުމަކުން މީޑިއާތަކުން ރިޕޯޓު ގެނެސްދޭތީ ކަންބޮޑުވުން!

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އެ ކުއްޖާ މަރާލި މައްސަލައިގައި ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދޭ ގޮތާއި މެދު ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުއްޖާގެ މަރާ ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ފައްޓަވައިދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކުއްޖާގެ ނަން ބޭނުންކޮށް ތަފާތު އެތައް މައުލޫމާތުތައް ފަތުރަމުންދާ ކަމަށެވެ. ޖީހާން ވަނީ، ބައެއް ނޫސްތަކުން ގެނެސްދީފައި ހުރި ހެޑްލައިންތައް ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖިހާން ވިދާޅުވީ މިއީ އުމުރުން އެންމެ 13 އަހަރުގެ ކުއްޖެއްކަމަށާއި، އެހެން ކަމުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މިފަދަ މައުލޫމާތުތައް އާއްމު ކުރެވިގެން ނުވާނެ ކަމަށެވެ. ޖީހާން ވިދާޅުވީ މައްސަލައިގައި ފުލުހުން އެއްކޮށްފައިވާ މައުލޫމާތުތަކުގެ ތަފްސީލުތައް ބެލުން ރަނގަޅު ކަމަށެވެ. އަދި އެގޮތަށް ކުރިޔަށް ދާން އޭނާ ހުށަހެޅުއްވި އެވެ.

ޖީހާންގެ އެ ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ތާއީދު ކުރެއްވި އެވެ. އަދި ވިދާޅުވީ ބައެއް ނޫސްތަކުން ކަނބޮޑުވާ ދަރަޖައަށް ހަބަރުތައް ގެނެސްދީފައިވާ ކަމަށެވެ. ރޮޒެއިނާ ވެސް ހުށަހެޅުއްވީ ކަމާއި ބެހޭ އިދާރާތްތަކުން މައުލޫމާތު ސާފުކޮށް ކޮމިޓީގެ އިތުރު މަރުހަލާތައް ކުރިޔަށް ގެންދިއުމަށެވެ.

ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން ފުވައްމުލައް ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ވިދާޅުވީ މުވައްސަސާތަކުން މައުލޫމާތު ފޯރުކޮށްދިނުމުން އޭގެ އަލީގައި، ގާނޫނުން ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިފައިވާ މިންވަރު ދެނެގަންނަން ޖެހޭ ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ބައެއް މީޑިއާތަކުން ހުއްޓުމެއް ނެތި ގެންނަ ހަބަރާއި ރިޕޯޓުތަކުގެ ސަބަބުން އާއިލާއަށް އިތުރު ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި 13 އަހަރުގެ ކުއްޖާގެ އުޅުން ގޯސްކަމަށް ބުނެ އާއްމު ކުރަމުންދާ ލިޔުންތައް ހުއްޓުވަންޖެހޭ ކަމަށެވެ. އެހެން ކަމުން، މިކަން ގާތުން ބެލުމަށް އިންތި ހުށަހެޅުއްވި އެވެ.

އިންތި ވިދާޅުވީ ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްފައިވަނީ، މިއީ އެ ކުއްޖާގެ އުޅުން ގޯސްވުމުގެ ސަބަބުން ދިމާވިކަމެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ. އަދި އެއީ ވިޔާނުދާ ކުއްޖެއްގެ ގޮތުގައި ބުނެ، ނުރަނގަޅު ވާހަކަތަކެއް ރިޕޯޓު ކުރަމުން ދާ ކަމަށެވެ.

ގިނަ މެމްބަރުން ފާހަގަ ކުރެއްވީ ކުޑަ ކުއްޖެއްގެ ޒާތީ މައުލޫމާތުތައް ތަފްސީލުކޮށް ހިމަނައި، އެ ކުއްޖާގެ އާއިލާގެ ބައެއް ވާހަކަތައް ވެސް ހިމަނާފައިވުމެވެ. އެގޮތަށް ޒާތީ އެއްވެސް މައުލޫމާތެއް އާއްމު ނުކުރެވޭނެކަން ފާހަގަކޮށް ކޮމިޝަންތައް ޖަވާބުދާރީ ކުރުމަށް މެމްބަރުން ގޮވާލި އެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ ރާއްޖޭގައި މީޑިއާގެ ބެލެނިވެރި ފަރާތެއް އޮންނައިރު، އެ އިދާރާތަކާއި ބައްދަލުކޮށް މި މައްސަލަ ހައްލު ކުރަންޖެހޭ ކަމަށެވެ. ޔޫނުސްގެ ވާހަކައަށް ތާއިދު ކުރައްވައި ޖީހާން ވިދާޅުވީ މީގެ ކުރިން ވެސް މީޑިއާތަކުން މައްސަލައެއްގައި އަމަލު ކުރި ގޮތުން ކޮމިޝަންތަކާއި ބައްދަލު ކުރުމަށް ކޮމިޓީން ހުށަހެޅި ކަމަށެވެ.

އެވާހަތަކަށް ރޮޒެއިނާ ވިދާޅުވީ މީޑިއާ ކައުނސިލަށް މައްސަލައެއް ހުށަހެޅިޔަސް ގިނަ ފަހަރަށް ފިޔަވަޅު ނޭޅެނީ ގާނޫނު ހަނިވުމުގެ ސަބަބުން ކަމަށެވެ. މި މައްސަލައިގައި މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން މީޑިއާ ކައުންސިލާއި، ބްރޯޑްކޮމްއާއި ބައްދަލު ކުރާނެކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުން ނިންމާލީ، ތަހުގީގީ އިދާރާތްތަކުން ލިޔުމުން މައުލޫމާތުތައް ހޯދުމަށް މެމްބަރުންގެ އިއްތިފާގުން ފާސްވެގެންނެވެ. އެގޮތުން ހޮނިހިރު ދުވަހު މުވައްސަސާތަކާއި ބައްދަލު ކުރުމަށް ކޮމިޓީން ނިންމި އެވެ.

އެއަށް ފަހު މި ހުރިހާ މުއައްސަސާތަކާއެކު އަންނަ ހޮނިހިރު ދުވަހު އޮންލައިންކޮށް ބައްދަލު ކުރުމަށް ވެސް ކޮމިޓީ މެންބަރުން ނިންމެވިއެވެ. އަދި މީޑިއާތަކުގައި މި މައްސަލައިގެ ޚަބަރުތައް ޝާއިއުކުރަމުންދާ ގޮތުގެ މައްސަލަ ބަލަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅަން ނިންމިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: