ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް އެމްޑީޕީގެ މެޖޯރިޓީއެއް ނެތް، ދެން ނުވެސް ލިބޭނެ: ރީކޯ

އެމްޑީޕީހގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިޅީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށާއި އެމކެޖޯރިޓީ އަނބުރާ ނުލިބޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއަކީ އޭރު މަސައްކަތްކުރި އެންމެންގެ ފިކުރެއްކަމަށެވެ. އެމްޑިޕީއަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއް ޕާޓީގެ ގޮތުގައި ނުވަތަ ޑިމޮކްރަސީގެ އަސާސެއްގެ ގޮތުގައި މޫސަ ވަނީ އެމްޑީޕީ ސިފަކޮށްފައެވެ.  އެހެންކަމުން އެމްޑީޕީއަކީ ވަކި މީހެއްގެ ފިކުރެއް ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިކުރެއްކަމަށް ނުބެލެވޭނެ ކަމަށާއި އެމްޑީޕީއަކީ ރާއްޖެއަށް ޑިމްކޮރަސީ ގެނައުމަށް މަސައްކަތްކުރި އެންމެންގެ އެއްޗެއްގެ ގޮތުގައި މޫސަ ފާހަގަކުރެއްވިއެވެ.

“މިއީ އަޅުގަނޑުމެން ގެނައި އެއްޗެއް. މިޕާޓީ ފުނޑުފުނޑުވީމަ އަޅުގަނޑުމެންގެ ދަރިން ނުކުންނާނީ ހުދުމުހުތާރުކަމުގެ ތެރެއަށް” ރީކޯ މޫސަ

މުސަ ވަނީ އެމްޑީޕީ މިހާރު މިދަނީ ވެއްޓެމުންކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 5 އަހަރު ވަންދެން ވެރިކަން ކުރައްވަން ރައީސް ނަޝީދު ގެންގުޅުއްވާ ގްރޫޕްއިން ނުވަތަ ރައީސް ނަޝިދަށް ތާއީދުކުރައްވާ މެމްބަރުން ގަބޫލުނުވާ ކަމަށާއި އެހެންނަމަވެސް ރައީސް ސޯލިހަކީ އެބޭފުޅުން ބޭނުންވެގެން އިންތިހާބަށް ނެރުއްވި ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސް ސޯލިހަކީ ގައިގެ އެއް ގަނޑގެ ގޮތުގައި ސިފަކުރެއްވިއެވެ.

މި ވާހަކަތަކަކީ ރައީސް ނަޝީދާއި ބެހޭގޮތުން ދައްކަން ބޭނުންނުވާ ވާހަކަތަކެއް ކަމަށާއި އެހެންނަމަަވެސް މިވާހަކަތައް މިހާރޔު ދައްކަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެމްޑިޕީގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަތައް ހިއްސާކުރައްވައި މޫސަ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ދެން ކުރެއްވި މަސައްކަތްތަކަކީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. އެހެންނަމަވެސް، އެކަންކަމުގައި ސީދާ ރައީސް ނަޝީދު ހަރަކާތްތެރިވެފައިނުވާކަމަށް މޫސަ ވިދާޅުވިއެވެ. ހެނދުނުން ފަށައިގެން ރޭގަނޑު ވަންދެން ބުރަކޮށް މަސައްކަތްކުރުމަށްފަހު، ރޭގަނޑު ގެއަށް ވަންނައިރު އަރުތެރެއިން ކާއެތިކޮޅު ނުދިރޭކަމަށް ވިދާޅުވިއެވެ. އެކަންކަމުގައި އުޅުއްވިއިރު ރައީސް ނަޝީދު ބައިވެރިވެފައިނުވާ ކަމަށާއި އޭރުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވަނީ އާންމު މެމްބަރުންކަމަށް ފާހަގަކުރެއްވިއެވެ.

މީހުންނަށް ފެންނަ ތަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ޑިމޮކްރެޓިކްވާނެ ކަމަށާއި އެހެންނަމަވެސް މީގެ ކުރިން ނުދައްކާ ހުރި ވާހަކަތައް މިހާރު ދައްކަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ބޭނުންފުޅުވާގޮތަށް ކަންކަން ނުވުމުން ކިތަންމެ ފަހަރަކު “ބަވާލާފައި” އެބަހުރިކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް މަސައްކަތްކުރި ދުވަސްވަރު ރައީސް ނަޝީދު އޭނާ ޕާޓީގެ ޗެއަރޕަރސަންކަމުގައި ހުންނެވިއިރުވެސް، ކިތަންމެ ކަމެއްގައި ރައީސް ނަޝީދު ބަވާލާފައި އެބަހުރިކަމަށެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައިވެސް އެމައްސަލަ ތާވަލުކުރަން ރައީސް ނަޝީދު ބޭނުންފުޅުވި ދުވަހަށް ތާވަލުނުވުމުންވެސް ރުޅި އައިސް ބާރަށް ބަސް ބުނެފައިވާކަން ފާހަގަކުރެއްވިއެވެ.

“އޭރު މެޖޯރިޓީ އޮތީ ޑީއާރްޕީގައި. ޑީއާރްޕީގެ މެމްބަރުންގެ ރުހުން ހޯދައިގެންތާ އެކަންވާނީ ވޯޓު ހަމަކުރަން. އެއީ ހަމަ ހިނގާ ކަމެއްވިއްޔަ. ނޮވެމްބަރު 11 ވިލޭރޭގައި ޖަލްސާ ބާއްވައިން ތިއްބާ ވާރޭ ވެހިގަތީމަ ގޮސް ގެއަށް ވަނީ. ގުޅާލާފައި އާދެބަލާށޭ ބުނީމަ މިދިޔައީ. މިއީ ނުދައްކާ ހުރި ވާހަކަ. މިވާހަކަ ދައްކަން އެބަޖެހޭ މިހާރު. އަޅުގަނޑމުން ހާދަ ހިތާމައިގައި، ހާދަ ބުރައިގައޭ އަސްލު އުޅުނީ.  އެރޭ އައްސަވައިފި ކޮން އިރަކުހޭ ވޯޓު ނަގަނީ. އަޅުގަނޑު ދަންނަވައިފިން އަދި ވޯޓު ހަމައެއް ނުވެޔޭ. ދެން ކޯފާވީއެ. މީހުންނަށް ފެންނަ ތަނުގައި ރައީސް ނަޝީދަކީ ވަރަށް ޑިމޮކްރެޓިކް ވަރަށް ބަރާބަރު މީހެއް. އަޅުގަނޑުމެން ކުރާ މަސައްކަތް އަޅުގަނޑުމެންނަށް ނޫންތޯ އެނގޭނީ. އަޅުގަނޑު ދެންނެވިން ނޮވެމްބަރު 17 އަށް ޓޭބަލް ކުރެވޭނޭ. “ކީއްވެހޭ ކަލެއަށް އެކަން ކުރެވެންވީ؟ ކަލޭ ހީވަނީހޭ ކަލޭ ފިލްމް ކުޅެލާފަ މަގުމައްޗަށް ނުކުތީމަ ކަލޭ ގަދަވާނޭ!” ހަމަ އެންމެން ކުރިމަތީ ބަވާލާ އެއްޗެހި ކިޔާލާފަ ފޮނުވާލައިފި.”

މޫސަ ވިދާޅުވީ، އެމްޑީޕީއަކީ ވަރަށް ގިނަ މީހުން ގުރުބާންވެގެން އުފެއްދި ޕާޓީއެއް ކަމަށެވެ. އޭރުވެސް ޕާޓީއަަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެންނަމަވެސް އެދުވަހުވެސް ދޮޅި އެޅޭ ވަރަށް އެއްޗެހި ގޮވާލީކަމަށެވެ. މިއީ ކުރިން ނުދައްކާ ވާހަކަތައް ކަމަށާއި އެދުވަހު މޫސައަށް ބަވާލި އުސޫލަށް އެހެންމީހުން ނުތިބޭނެކަމަށް ވިދާޅުވިއެވެ.

މިއަދު ރައީސްކަމުގެ މަގާމުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމަށާއި އެއްޗެއް ވިދާޅުނުވިނަމަވެސް، ކަންކަން އިހުސާސް ކުރެވޭނެކަމަށް މޫސަ ވިދާޅުވިއެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ރައީސް ސޯލިހު އެއްޗެއް ވިދާޅުވުމުން މުލިޔާގެއަށް ނުވަދެ ބޭރުގައި މަޑުކޮށްލެއްވުމަށް ރައީސް ނަޝީދު ރައީސް ސޯލިހަށް ދެންނެވިކަމަށް މޫސަ ވިދާޅުވިއެވެ. ގާނޫނު އަސާސީއާއި ޚިލާފަށް ކުރާ ކަމެއްކަމަށް ރައީސް ސޯލިހު ވިދާޅުވުމުން ރައީސް ސޯލިހު އެތަނުން ނުކުންނެވުމަށް ރައީސް ނަޝިދު އެންގެވިކަމަށް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު މުލިޔާގެއަށް ވަނުން އެތައް ދުވަހަކު މަނާކުރެއްވިކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ ރައީސް ނަޝިދުގެ އަމަލުފުޅުތައް ހުންނަގޮތްކަމަށް ވިދާޅުވެ، އެތައް ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އަދި ޕާޓީގައި ކުރިން ތިއްބެވި މެމްބަރުން ތެރެއިން މެމްބަރުން އެއްޗެއް ވިދާޅުނުވެ މަޑުމަޑުން ތިއްބެވިޔަސް، އަބަދު އެކަން އެގޮތަށް ނުވާނެކަން ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހަށްވެސް ވެރިކަން ކުރެއްވުމަށް ފުރުސަތު ދެއްވަންޖެހޭނެކަމަށާއި ޕާޓީއަކީ ވަކި މީހެއްގެ އެއްޗެއްގެ ގޮތުގައި ނުބެލެވޭނެކަމަށް މޫސަ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: