ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުގެ ނުފޫޒާއި، އޮންނަ ގާތް ގުޅުމުގެ ވާހަކަ!

ރައީސް ސާލިހު އަދި މިނިސްޓަރ އިމްރާން - ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީގޮތުން މިވަގުތު އެންމެ ބޮޑަށް ދެކެވޭ ވާހަކަތަކަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިޥާ ދެބައިވުންތަކާއި ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކެވެ. އަދި މިކަމުގެ މެދުގައި “ބެދިފައިވާ” ކޯލިޝަންގެ “ކުޑަ” އަދާލަތު ޕާޓީއަށް ކޯލިޝަނުންނާއި ފެކްޝަންތަކުގެ މެމްބަރުންގެ ފާޑުކިއުން އަމާޒުވިޔަސް އެ ޕާޓީއަށް މައްސަލައެއް ނެތެވެ. އެ ޕާޓީން ބުނަނީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށްޓަކައި، ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރާނެ ކަމަށެވެ. ކުރިއަށް ދާންވީ މަގާއި މިސްރާބު އެ ޕާޓީއަކަށް ނޯޅެއެވެ. މަގު ވަރަށް ސާފެވެ. ދޭހަވަނީ ކުރިން އެކުގައި މަސައްކަތް ކުރެވި، ގަޑުބަޑުކުރި ކަންތައްތަކުން އަދާލަތު ޕާޓީން ފިލާވަޅު ދަސްކޮށްފައިވާކަމެވެ.

ރާއްޖޭގައި ވެރިކަން ހޯދާ މުޖައްރިބު ފޯމިއުލާގައި އަބަދުވެސް އަދާލަތު ޕާޓީގެ ބައިވެރިވުމާއި ބޭނުން ބޮޑުވާކަން ފެނެއެވެ. ވާނީވެސް އެހެންތާއެވެ. އިންތިހާބު ކާމިޔާބުކުރުމަށް އެކުލަވާލާ ބިޔަ ކޯލިޝަން ފަޅީގައި އަދާލަތުން ނެތި ދިއުން އެއީ ނުވާނެ ކަމަކެވެ.

ސިޔާސީގޮތުން އެންމެ ދޮށީ ދައުރެއް އަދާކުރާ ޕާޓީ އެމްޑީޕީ ދެބައިވުމާއިއެކު، އެމްޑީޕާގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރާ މެމްބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ ފެކްޝަނެކެވެ. އެއަށްފަހު ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ދެކެވުނު އެއް ވާހަކައަކީ ރައީސް ސޯލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ބުނެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ދެއްކެވި ފާހަކައެވެ. އަފީފަކީ ޕީޖީ ގްރޫޕުގައި ހިމެނޭ އެންމެ ގިނަ ދުވަސްވީ، ސީނިއާރ ބޭފުޅާ އެވެ.

އަފީފް ބުނާ ގޮތުން، ރައީސް ސޯލިހަށް އެ ބަސް އަމާޒު ކުރަން ޖެހުނީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. މިިދިޔަ މޭއި މަހުގެ 06 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް ބޮޑެތި ޒަަހަމްތަކެއް ލިބިފައިނުވާކަމަށް ބުނެ އަދާލަތަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަށް އިޝާރާތްކޮށް އަފީފް ވިދާޅުވީ އެރޭ ސީންގައި ހުންނަވާ ވެސް އިމްރާން މީޑިއާތަކަށް ވިދާޅުވީ ރައީށް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

ދާދިފަހުން ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން އަފީފް ވަނީ، ރައީސް ސޯލިހާއި ކޯލިޝަންގައި ހިމެނޭ އަދާލަތާއި އޮންނަ “ގާތް” ގުޅުމުގެ ސަބަބުން އެއީ އެ ޕާޓީގެ މެމްބަރެއްތޯ ހީވާ ފަހަރުތައް ވެސް އަންނަ ކަމަށް ވިދާޅުވެފައެވެ. މިވަގުތު ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުންކަމަށް އަފީފް ފާހަގަކުރައްވާފައިވާއިރު، މިކަމާއި ގުޅިގެން އަފީފް ވަނީ ރައީސް ޞާލިހް، މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ވިދާޅުވެފައެވެ. އަދި ވާހަކައަށް ބާރުދީ، އެކަން ތަކުރާރު ކުރުމަށް ފަހު “ސަންގުޓީވީގެ”  ޕްރޮގްރާމެއްގައި އަފީފް ވިދާޅުވީ އެރޭ ދެއްކެވި ވާހަކަތަކުގެ ސަބަބުން ރައީސް އޭނާއަށް ފިޔަވަޅު އަޅަން އަންގާފައިވާއިރު “ސަންގު ޓީވީގައި ދައްކާ ވާހަކައަށް ދެން އަޅާނީ ކޮން ފިޔަވަޅެއްކަން ވެސް ނޭނގޭ” ކަމަށެވެ.

ރައީސް ޞާލިހާއި ގުޅޭގޮތުން ހަގީގަތެއް ނެތް މިފަދަ ވާހަކަތައް ދެއްކެވުމުން މި ވާހަކަތައް ބަލާ ފިޔަވަޅު އަޅަން އެންގެވިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީޑިއާތަކުގެ ކުރިމަތީ އެއްބަސްވެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނަކީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށް އަފީފު ވިދާޅުވުމާ ގުޅިގެން އެކަން ބަލަން ރައީސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްއަށް އެންގެވި އެވެ.

ރައީސްއާއި އަދާލަތު ޕާޓީއާއި އޮންނަ ގުޅިމާއި، އެ ޕާޓީއަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާތޯ ވިދާޅުވެ، އެމްޑީޕީން އުފައްދާ ސުވާލުތައް އެންމެ ބޮޑަށް ފެންމަތިވާންފެށީ ހަމައެކަނި އަފީފް ދެއްކެވި ވާހަކައުން ނޫނެވެ. އެ ވާހަކަ ރައީސް ނަޝީދު މާ ކުރިން ދެއްކެވި އެވެ. ރައީސް ސޯލިހާއި އެކު ސިޔާސީ ގޮތުން ކުރެވޭނެ މަސައްކަތްތަކެއް ނެތްކަމަށް ބުނެ ބޭރު ދުނިޔޭގެ މީޑިއާތަކަށް އިނގިރޭސި ބަހުން އާއްމު ކުރެއްވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހުގެ އެންމެ ބޮޑު މައްސަލައަކީ އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ހިލާފުވެ ކޯލިޝަންގައި ހިމެނޭ ކުޑަ ޕާޓީއެއްކަމަށްވާ އަދާލަތުގެ ނުފޫޒުގައި ޖެހުން ކަމަށެވެ. އެކަމުގެ ތަފްސީލުތައް އިންޑިއާގެ ނޫހެއްކަމަށްވާ “ދަ ވިއޯން” އަށް ވެސް ދެއްވި އެވެ.

ދާދިފަހުން “ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޤާނޫނުލްއުގޫބާތަށް އިސްލާހެއްގެ ގޮތުގައި ހުށަހަޅާފައިވާ ނަފްރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލަށް ވެސް ނުފޫޒު ފޯރުވީ އަދާލަތުން ކަމަށެވެ. އަދި އެކަމުގެ މެދުވެރިއަކަށް ވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކަމަށެވެ. އެކަމަށް ޔައުގޫބް ޕީޖީގެ ތެރޭގައި އިއުތިރާފުވިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަންތައްތައް ކޮންމެވެސް އެއްގޮތަކަށް ނިމޭނެހެން ބެލެވެނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ދުވަހެވެ. އެމަނިކުފާނު ވަޑައިގެންނެވުމަށްފަހު މިކަން ކޮންމެވެސް އެއް ގޮތަކަށް ނިމޭނެ ކަމަކީ ޔަގީންކަމެކެވެ. ޕާޓީގެ ލީޑަރާއި ރައީސްގެ މަގާމުގައި ހުންނެވި ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުމާއިއެކު 52،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީއަކަށް އެއް ވިސްނުމާއި، އެއް ފިކުރެއްގައި ފިކުރެއްގައި ހިންގޭނެކަމަކީ ގަބޫލުކުރަން އަޅުގަނޑަށް ހަމަ އުނދަގުލެވެ.

އެހެންކަމުން އެމްޑީޕީން ރައީސް ޞާލިހް ނުވަތަ ރައީސް ނަޝީދު، ކޮންމެވެސް އެއް ބޭފުޅެއް “ބޭރުވުމުގެ” ފުރުސަތު އޮވެދާނެ އެވެ.

ކަން މިހެން ވީނަމަވެސް ރައީސް ޞާލިހަށް އެމްޑީޕީގެ މެމްބަރުންގެ ފުރިހަމަ މެޖޯރިޓީ އެބައޮތް ކަމަށާއި، ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ގާނޫނު އަަސާސީގެ ދަށުން އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވުމުންނެވެ. ހުދު އެމަނިކުފާނުވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނު އަތްޕުޅުގައި ކަމަށް ވިދާޅުވެފައެވެ. 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ދިއުމަށް ފުރުސަތު އެމަނިކުފާނަށް ވެސް އެބަ އޮތް ކަމަށެވެ. މިފަދައިން މިކަން ކުރައްވަން ވިސްނުންފުޅު އޮންނާނީވެސް އެމަނިކުފާނަށް މެޖޯރިޓީ އޮތުމުންނެވެ.

ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ތަމްސީލުކުރެއްވި ބައެއް މެމްބަރުންނާއި، އެއްވެސް ޕާޓީއެއް ތަމްސީލުނުކުރައްވާ މެމްބަރުން ގުޅިވަޑައިގެން ހެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަތަކަކީވެސް މެމްބަރުންގެ މެދުގައި ދެކެވެމުންގެންދާ ވާހަކަތަކެކެވެ. އަދި އެމްޑީޕީން ވަކިވެ ވަޑައިގެންކަމުގައިވީަމަވެސް އެއްވެސް ހާސްވުމެއް ނެތްކަމަށާއި، އެމްއެންޕީއަށް ގުޅިވަޑައިގެން އެމަނިކުފާނުގެ މަސައްކަތްތަކާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން މަސައްކަތް ކުރައްވާނެކަމަށް އަޑުފެތުރެމުންދެ އެވެ.

އެހެންނަމަވެސް އެޕާޓީން ވަނީ މިފަދައިން ދެކެވެމުން ގެންދާ ވާހަކަތަކަށް ސާފުކޮށް އިންކާރުކޮށްފައެވެ. އަދި ޕާޓީ އުފެއްދުމުގައި ރައީސް ސޯލިހުގެ ދައުރެއް ނެތް ކަމަށާއި އެމަނިކުފާނުގެ އެއްވެސް އެހީތެރިކަމެއްވެސް ލިބިވަޑައިގެންފައިނުވާ ކަމަށް ޕާޓީގެ މެމްބަރުން ބުނާއިރު، ރައީސް ޞާލިިހްގެ އެހީތެރިކަން ހޯއްދެވުމުގެ ވިސްނުން އެމްއެންޕީއިން ނުގެންގުޅޭކަން ވެސް އެޕާޓީގެ މެމްބަރުން ބުނެފައިވެ އެވެ.

ކޮންމެއަކަސް އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތައް އެއްގޮތުން ނޫންނަމަ އެހެން ގޮތަކުން ނަމަވެސް ރައީސް ޞާލިހުގެ ފެކްޝަނުން ދަނީ ދޮގުކުރަމުންނެވެ.

ދެ ގާތް އެކުވެރިންގެ މެދުގައި ދާ ކޯޅުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ސަރުކާރަށެވެ. އޭގެ ސަބަބުން އެމްޑީޕީގެ މަތީން ރައްޔިތުން ފޫހިވެ، 2023 ގެ އިންތިހާބު ޕާޓީއަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ބާރު ހޯދަން ޕާޓީގެ އެތެރެއިން ކުރި ކޮންމެ މަސައްކަތެއްގެ ތެރެއިން، ބޮޑު މަންޒަރު ކުރިޔަށް މިދަނީ އަދިކިރިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: