ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ދިން މީހުން ނުހޯދޭތީ ނަޝީދު ރާއްޖެ އަންނަން ބޭނުމެއް ނޫން!

ރައީސް މުހައްމަދު ނަޝީދު— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މެއި މަހު 6 ވަނަ ދުވަހު ގެއިން ނިކުމެ ވަޑައިގެން ކާރުކޮޅަށް އެރުއްވުމަށް އުޅުއްވި ވަގުތަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށްޓަކައި އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ހުރި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް ގޮއްވާލި ވަގުތެވެ. 

ހަމަލާ އަމާޒުވީ ވެސް ރައީސް ނަޝީދަށްށެވެ. ލަހެއް ފަހެއް ނެތި ފަރުވާކުރުމަށް ކާރުކޮޅަށް އަރުވައި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ލިބިވަޑައިގަތް ޒަޚަމްތަކަކީ އާދައިގެ ޒަހަމްތަކެއް ނޫނެވެ. އެ ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ. ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފައެވެ.

އަދި އަންނަ ސެޕްޓެމްބަރު ނިމޭހާ ތަނުގައި ރާއްޖެއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކުރެއްވިނަމަވެސް، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހިމެނޭ ގޮތަށް އެމަނިކުފާނަށް އަދި ރައްކާތެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވިދާޅުވެފައިވެ އެވެ.

އެ ބޭފުޅުން މައިގަނޑު ގޮތެއްގައި އިޝާރާތް ކުރަނީ ކުރިން ބަޔަކު ފާރަލައި ނުރައްކާ ބޮޑުވެފައި އޮތް ކަން އެނގުނު ނަމަވެސް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވާ ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައި އޮތުމާއި ގުޅިގެންނެވެ. މީގެ ތެރެއިން މުއައްސަސާތަކާއި އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑުތަކާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ކަންކަމުގެ އިތުރުން ސަލާމަތީ ކަންކަން ފުރިހަމަ ނުވެ ހުރި ކަންކަން ހައްލުކުރަން ވެސް ލަފާތަކެއް ވަނީ ދީފައެވެ.

އޭގެ އިތުރުން ޖަރުމަންވިލާތުގެ ބާލިންގައި ހުންނަވައި، ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، މި އަމަލަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ހަރުކަށި ފިކުރުގެ މީހުން ކުރި ކަމެއް ކަމަށް އެމަނިކުފާނު ވަނީ ބުނެފައެވެ.

އަދި މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާތައް ފަށާފައިވާއިރު، ރައީސް ނަޝީދު ވަނީ މަޖިލީހަށް ފޮނުވި ސިޓީގައި ހަމަލާގެ ތަހުގީގު ނިންމައި، އެ ހަމަލާ ރާވައި ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން ރާއްޖެއަށް ވަޑައިގެންނެވުމަށް ޖެހިލުންވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ އެކަން އެފަދައިން ކުރުމަށް ފުރުސަތުދިނުމަށް މަޖިލީހުގެ މަސައްކަތްތަކުން ވީއްލައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން މާޒީގައި ވެދިޔަ ކަންތައްތައް ބަހައްޓާފައިވާ އެންމެ މުހިންމީ ކުރިއަށް އޮތްތަނުގައި މިބާވަތުގެ ކަންކަން ކުރިޔަށް ދިޔަ ނުދާނެ ފަދަ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ ރައީސް ނަޝީދު ވަނީ ރާއްޖޭގައި ޓެރެރިޒަމް ނުހުއްޓުވިއްޖެ ނަމަ ރާއްޖެ ސަލާމަތް ނުކުރެވޭނެ ފަދަ ހިސާބަށް ގޮސްފާނެ ކަމުގެ ކަންބޮޑުވުން ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި މިހާތަނަށް 840 އަށް ވުރެ ގިނަ ތަންތަން ބަލައި، 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލު ކޮށްފައިވެއެވެ. އަދި މި މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރެއިން މިހާރު ވެސް ފުލުހުންގެ ބަންދުގައި 6 ހައްޔަރުކޮށްފައިވެއެވެ. އޭގެތެރެއިން 4 މީހެއްގެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފައެވެ.

އެހެންނަމަވެސް މިފަދައިން އެމަނިކުފާނަށް ހަމަލާދިނުމަށް މަސައްކަތް ކުރީ އަލަކަށް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިގޮތުން މި ހަމަލާގެ ބައިވެރިން ރައީސް ނަޝީދު އަވަހާރަކޮށްލަން 3 ފަހަރު އުޅުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ ދިނުމުގެ މަސައްކަތް އެމީހުން ފެށީ 2019 ވަނަ އަހަރު ކަމަށާއި އަދި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ. ނަމަވެސް، މި ހަމަލާއަށް ބަޔަކު ފަންޑު ކުރި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: