ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް ގާނޫނާއި ގުޅުވައި ހޯމް މިނިސްޓަރ ދައްކަވަނީ “ވިޔާނުދާ”ވާހަކަތަކެއް: ސިރާޖު

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރުމުގައި ގާނޫނުގެ ތެރެއިން ދަތިތައް ދިމާވާކަމަށް ބުނެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދައްކަވާ ވާހަކަތަކަކީ “ވިޔާނުދާ” ވާހަކަތަކެއް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޭ ހަވަނަ ދުވަހަށް ހާއްސަކޮށް ސަންގު ޓީވީއިން ކުރިއަށް ގެންދިއަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ ނަޝީދުއަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާ، މިކަމުގެ ސީރިއަސް ކަމުގެ މައްޗަށް ބިނާކޮށް ބައެއް އަސާސީ ހައްގުތައް ހަނިވެދިއަކަމުގައި ވިއަސް ޓެރަރިޒަމްގެ ގާނުނު ފާސްކޮށްފައިކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އެ ގާނޫނުގެ އެއްވެސް ބޭނުމެއް ހިފިފައި ނުވާކަން ފާހަގަކޮށް އެނާ ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްވެސް ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރެވޭނެ އުސޫލު ގާނޫނުގައި ކަނޑައެޅިފައިވާއިރު ގާނޫނީ އޮނިގަނޑުގެ ތެރެއިން އެފަދަ އަމަލުތައް ހުއްޓުވުމަށް ދަތިވެފައިވާކަމަށް ބުނެ މިނިސްޓަރ އިމްރާން ދައްކަވަމުން ދާ ވާހަކަތަކަކީ ގަބޫލު ނުކުރެވޭ ފަދަ “ވިޔާނުދާ” ވާހަކަ ތަކެއް ކަމަށެވެ.

ގާނުނު  ދިފާއު ކުރަށްވާ ވަހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި ދަތިތައް ދިމާވެގެން އަންނަނީ ގާނޫނުގެ ސަބަބަކުން ނޫން ކަމަށާއި އެކަމަކީ ތަހުގީގު ކުރާ ފަރާތް ތަކުގެ އިތުރުން ތަންފީޒީ އިދާރާތަކުގެ ސަބަބުން ދިމާވާ މަސަލަތަކެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ގާނޫނުތަކުގެ ދަށުން، މަގުތަކުގައި ރައްްޔިތުން ހިނގާ އުޅެންވީ އުސޫލުތަކެއްވެސް ކަނޑައެޅިފައިވާ ކަމަށް އިޝާރާތްކޮށް އެނާ ވިދާޅުވީ މިހާރު ވުޖޫދުގައި އޮތް ޓެރަރިޒަމް ގާނޫނުގެ ދަށުން މީހަކު ހައްޔަރު ކުރަން އަދި ތަނެއް ބަލަައި ފާސްކުރުމަށް ކޯޓު އަމުރެއްވެސް ބޭނުން ނުވާ ކަމަށާއި، އެފަދަ އަމަލެއް ތުހުމަތު ކުރެވޭ ފަރާތެއް ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ގެންދަން ނުޖެހުމުގެ އިތުރުން ގާނޫނީ ވަކީލަކާއިވެސް ބައްދަލު ކުރުވަން މަޖުބޫރު ނުވާ ހާލަތްތަކެއްވެސްވާ ކަމަށެވެ.

މިފަދަ މައްސަލަތައް ބެލުމުގައި ކަމާއިބެހޭ އިދާރާތަކުން ގާނޫނު ތަންފީޒުކޮށް ބެލެހެއްޓުމުގައި ދޯދިޔާކޮށް އަމަލު ކުރަމުން ދާކަން ފާހަގަވާކަމަށް އިޝާރާތް ކުރަށްވާ، ސިރާޖް ވިދާޅުވީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ 31 ވަނަ މާއްދާ، މޮނީޓަރކޮށް ކޮންޓްރޯލް ކުރުމާއި ބެެހޭ އިޖުރާއަތުގެ ދަށުން ދެ ހާލަތެއް ބަޔާންކޮށް އެއް ޝަރުތު ފުރިހަމަ ވާނަމަވެސް މޮނިކޮން އަމުރު ނެރެވޭނެ ފަދައިން ގާނުނީ އޮނިގަނޑު ރޭވިފައިވާ ހިނދު މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ ހަރަކާތްތައް ހުއްޓިފައިނުވާތީ ކަންބޮޑުވެލައްވާ ކަމަށެވެ.

މޮނިކޮން އަމުރާއިމެދު އިތުރަށް ވާހަކަދައްކަވަމުން ސިރާޖު ވިދާޅުވީ މި އަމުރު ތަންފީޒު ކުރުމަށް ބޭނުންވާ ޓެގުތައް ދިވެހިރާއްޖޭގައި ނެތްކަމަށެވެ. އަދި މިކަމާއި ކަންބޮޑުވެލައްވާ މިނިސްޓަރ އިމްރާންއާއި ބައްދަލުކުރައްވާ އެވާހަކަ ދައްކަވާފައިކަން ހާމަކޮށް ސިރާޖު ވިދާޅުވީ، މޮނީޓަރ ކުރުމަށް ބޭނުންވާ ޓެގްތައް ނެތީ އެކަން ކުރުމަށް ބޭނުންވާ ބަޖެޓް ނެތިގެން ކަމަށް އެބޭފުޅާ ކައިރީ މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ. އަދި ޓެގް ނާޅުވާވެސް އެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެކަމަށްވެސް ވިދާޅުވެފައިވާ ކަމަށް ސިރާޖު ވަނީ ހަމަކުރަށްވާފައިއެވެ.

މީގެ އިތުރުން ސިރާގު ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް އަވަށްޓެރި ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ އެހީ ލިބޭނެ ކަމަށް ގަބޫލުފުޅުކުރަށްވާ ކަމަށެވެ. އެހެންކަމުން ދިވެހި ރާއްޖެގައި މިމަސައްކަތްތަކަށް ބޭނުންވާ ޓެގްތައް ހޯދުމަށް އެއްވެސް ފަރާތަކައް ލިއުމުން އެދިފައިވާނެތޯ ހޯމް މިނިސްޓްރީއާއި ސުވާލުކުރެއްވުމުން އެކަން ނުކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް އެނާ ވަނީ ފާހަގަ ކުރަށްވާފައިއެެވެ. އަދި ގާނޫނު އޮތަސް އެކަން ތަންފީޒު ކުރުމުގެ މަސައްކަތްތައް ޒިންމާދާރު ކަމާއިއެކީ ކުރިއަށް ނުގެންދެވޭ ނަމަ މިފަދަ އަމަލުތައް ހުއްޓުވޭނެ ކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށް ސިރާޖު ވަނީ ވިދާޅުވެލައްވާފައިއެވެ.

ސިރާޖުގެ އިތުރުން ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްވެސް ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަ ދައްކަވާފައިއެވެ. އެނާ ވިދާޅުވީ ޓެރަރިޒަމް މާނާ ކުރާ ގާނޫނުގެ ބިލަކީ ހޯމް މިނިސްޓަރ ގެ ފަރާތުން ބަންޑާރަ ނައިބު މަޖިލީހަށް ހުށައެޅުއްވި އެއްޗެއް ކަމަށެވެ. އަދި ބިލު ފާސްކޮށްފައިވަނީ އަސްލު ނުގެއްލޭނެ ފަދައިން ކަމަށް ވާތީ އެ ގާނޫނުގެ ދަށުން މިފަދަ އަމަލުތައް ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެވޭ ނަމަ ބިލު ފޮނުވާފައިވާނީ ގަސްތުގައި ގޯސްކޮށް ކަމަށްވެސް ބެލެވިދާނެ ކަމަށާއި އެހެން ކަމުން މިފަދަ އަމަލުތައް ދިވެހި ރާއްޖޭގައި ހިނގާ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ބިލު ހުށައެޅި ފަރާތުން ކަމަށްވެސް އެނާ ވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: