ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކުޑަކުދިންނަށް ލިބޭ އަނިޔާއަށް އިންސާފެއް އެބައޮތް ބާ؟

ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫން މަހުގެ 22 ވަނަ ދުވަހު އިވިގެންދިޔައީ މުޅި ރާއްޖޭވެސް ސިއްސުވާލި ހަބަރެކެވެ. އެހަބަރުން ދިވެހިންގެ ހިތަށް އަސަރު ކުރީ އޭގެ އިންތިހާއަށެވެ. ކުޑަ ކުޑަ ކުއްޖެއް ރަހީނުކޮށް ރަހުމްކުޑަގޮތަކަށް މަރައިލިކަމުގެ ހަބަރާއިއެކު މުޅި ގައުމު ދިޔައީ ސިހިގެންނެވެ. ކުޑަ ކުއްޖަކަށް އެފަދަ ލާއިންސާނީ އަނިޔާދީ، މަރާލަން ކެރުނުއިރު، އިންސާނިއްޔަތުގެ ކުޑަ މިންވަރެއްވެސް ނެތީބާއޭ ހިތައްއަރައެވެ. އެކަން ކުރި އިރު ރަހުމުގެ ނަޒަރުން އެކުއްޖާއަށް ބަލައިލަން ނުކެރުނުއިރު، އެއީ އަނިޔާވެރިކަން އޭގެ އިންތިހާއަށް ދައްކައިދިން އަމަލެކެވެ. މިފަދައިން އަނިޔާ ލިބޭ ކުދިންގެ ތެރޭގައި އެކި އުމުރުފުރައިގެ ކުދިން ތިބޭއިރު، އެކުދިންނަށް އިންސާފު ގާއިމުކުރެވޭފަދަ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައި އެބައޮތްބާއޭ ހިތަށް އަރައެވެ.

ރަޙީނުކުރުމަށް ފަހު ބޮޑެތި އަނިޔާތަކެއްދީ ކުޑަކުއްޖަކު މަރާލާފައި އޮއްވާ ފެނުނީ އުމުުރުން އެންމެ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެކުއްޖާ ފެނިފައިވަނީ ހުޅުމާލޭ ފޭސް 2 ސަރަހައްދު މޫދުންނެވެ. ފޮއްޓަކަށްލައި ކުއްޖާގެ ހަށިގަނޑު އެއްލާލާފައިވާއިރު، ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ދިޔައީ މައުލޫމާތުދެމުންނެވެ. މިމައްސަލައާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އުމުރުން 23 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖެއްވެސް މި މައްސަލާގައި ހައްޔަރުކޮށްފައިވެއެވެ.

މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުންނަށް ދައުވާކޮށްފައިވާއިރު، މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުއްޖާއަށް ކޮށްފައިވަނީ 3 ދައުވާއެކެވެ. އެއީ ޤަސްދުގައި މީހަކު މެރުމާއި، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަ މީހާކަމަށްވާ ޒިހާން އަށް 13 ދައުވާއެއް އުފުލައިފައި ވާއިރު، މި ދައުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ 100 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.

މި މައްސަލައިގައި ޝަރީއަތަށް މައްސަަލަ ހުށަހަޅައި ތުހުމަތުކުރެވޭ މީހުންނަށް އިންސާފު ގާއިމުކޮށްދޭނެ ކަމުގެ އުންމީދެއް ކުރެވެ އެވެ. އެހެން ނަމަވެސް ދެންވެސް ހުރީ ހުސް މިފަދަ މައްސަލަތަކެވެ. އަދި ރާއްޖެފަދަ އާބާދީ ކުޑަ ގައުމަކާއި އަޅައި ބަލައި އަނިޔާލިބޭ ކުޑަކުދިންގެ ނިސްބަތް އިންތިހާއަށް މައްޗެވެ. އެއިން ގިނަ ކުދިންނަށް ލިބިފައިވާ އަނިޔާއަކަށް އިންސާފެއް މިހާތަނަށްވެސް ގާއިމެއް ނުކުރެވެއެވެ.

ކުޑައިރަކީ ކޮންމެ ކުއްޖަކަށްވެސް އެހާމެ ނާޒުކު ދުވަސްތަކެކެވެ. އެ ދުވަސްތަކަކީ ދަސްކުރުމާއި އިލްމާއި ހުނަރު ދިރުވުމަށް އެންމެ މުހިންމު ދުވަސްތަކެކެވެ. އެ ދުވަސްތަކުގައި އެކުދިންގެ ހަޔާތުގައި ހިނގައިދާ ކަންކަމަކީ މުސްތަގުބަލުގައި އެކުދިންގެ ހަޔާތް ބިނާ ކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ދުވަސްތަކެއް ވެސް މެއެވެ. ހަމައެހެންމެ މިފަދަ ލާއިންސާނީ އަނިޔާތަކަކީ އެފަދަ މައުސޫމް ކުޑަ ކުދިންގެ ހަޔާތް އެއްކޮށްހެން ބަނަ ކޮށްލާ އެއްޗެކެވެ. ޖިސްމާނީ ގޮތުން ދެވުނު އަނިޔާ ފެންނަން ހުންނާނެއެވެ. ދުވަސް ތަކެއް ފަހުން ރަނގަޅުވެސް ވެދާނެއެވެ. އެހެން ނަމަވެސް އެއިން އެ ލިބޭ ނަފްސާނީ ގެއްލުމަކީ އެކުދިންގެ މުޅި ހަޔާތުގައި ރަނގަޅުވާން ދަތި އުނދަގޫ އަނިޔާތަކެކެވެ. ހަގީގަތުގައި މިފަދަ އަނިޔާ ދޭމީހުންނަށް އެކުރެވޭ އަމަލުގެ ބޮޑުމިނުގެ މިންވަރެއްވެސް ނޭނގެއެވެ.

މިކަން މިހެން ވާއިރު، ރާއްޖޭގައި އަނިޔާ ލިބޭ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިފަދައިން އަނިޔާ ލިބޭ ކުދިންގެ ތެރެއިން ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންގެ އަދަދަކީ ވެސް މަދު އަދަދެއް ނޫނެވެ. ހަމައެހެންމެ އަނިޔާގެ ކިތަންމެ މައްސަލައެއް އިސް އިދާރާތަކަށް ހުށަހެޅެއެވެ. އެހެންނަމަވެސް އިންސާފު ގާއިމުކޮށްދިނުމަށް ނެގެނީ ގިނަ އަހަރުތަކެކެވެ. ކުށްވެރިންނަށް ހައްގު އަދަބު ދިން ވާހަކަ އަޑު އިވެނީ ހާހަކުން އެއްފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 

މީގެ އެއް މިސާލަކީ ވ. ރަކީދޫގައި މަންމައަކު އުމުރުން ތިން އަހަރުގެ، މުހައްމަދު އިބްތިހާލަށް އަނިޔާކޮށް އެ ކުއްޖާ މަރާލި މައްސަލަ އެވެ. މި ރަހުމުކުޑަ އަމަލު ހިނގީ ދެހާސް ފަނަރަ ވަނަ އަހަރުގެ ކުރީ ކޮޅެވެ. ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ މަރާލި މައްސަލައިގައި އާފިޔާއަށް ހުކުމްކޮށް އިބްތިހާލް އަށް އިންސާފު ހޯދައިދިނުމަށް 5 އަހަރު ހޭދަވެގެންދިޔައެވެ. އިބްތިހާލްގެ މަރުގެ ހާދިސާއާ ގުޅުވައިލެވޭ ކުއްޖާގެ މެޑިކަލް ރިޕޯޓުން އެނގޭ އެކި ގަރީނާގެ ތެރޭގައި ކުއްޖާގެ ކަރުގައި ހިފިކަމުގެ ނިޝާނާއި، ކުއްޖާގެ މޭ ކަށިތައް ބިނދި، ގެއްލުން ލިބިފައިވުމާއި އަނގައިން ލޭ އައިސްފައިވާ ކަމާއި ކުއްޖާ މަރުވުމުގެ ސަބަބުގެ ތެރޭގައި ނޭވާ ހާސްވުމުގެ އަލާމާތް ހުރިކަމުގެ އިތުރުން ކުއްޖާ މަރުވެފައި ވަނީ ތަބީއީ ގޮތަކަށް ނޫންކަން މެޑިކަލް ރިޕޯޓުން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތެވެ. މައްސަލައިގައި ތުހުމަތުކުރެވޭ އާފިޔާވެސް އޭރު އެކަން ކުރިކަމަށް އިއުތިރާފުވެ އިބްތިހާލްއަށް އަނިޔާ ކުރި ގޮތް ބުދެއް ބޭނުންކޮށްގެންވެސް ފުލުހުންގެ ތަހުގީގަށް ކިޔައިދީފައިވެއެވެ. މިހެންވާއިރު، މިމައްސަލައިގައި ހުކުމް އިއްވުމުގައި ލަސްތަކެއް ވާންވީ ސަބަބެއް އޮޅުމެއް ނުފިލަ އެވެ.

ހަމަ މިފަދައިން ގއ. ކަނޑުހުޅުދޫގައި 2 އަހަރު ނުފުރޭ ކުޑަކުޑަ ކުއްޖަކަށް، އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ހުރި ދެމީހެއްގެ އިތުރުން އެކުއްޖާގެ ކާފަގެ ފަރާތުން ވަނީ ޖިންސީ އަނިޔާ ލިބިފައެވެ. ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަމަށްވެސް މެޑިކަލް ރިޕޯޓުން އެނގިފައިވެއެވެ. މިގޮތުން އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި އެމީހުން ވަނީ ހައްޔަރުކޮށްފައެވެ. މައްސަލަ އަވަހަށް ބަލައި، މީސްމީޑިޔާއާއި ބަޔާންތައް ނެރުމުން މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ހައްގު އަދަބު ލިބި އިންސާފު ލިބޭނެކަމަށް ހީކުރެވުނެވެ. ޝަރީއަތުގެ އަޑުއެހުމަކަށް އެއްފަހަރު ގެންދެވުނެވެ. އޭގެފަހުން ދެނެއް ވާނުވާއެއް ނޭނގުނެވެ. އިތުރު އަޑުއެހުމަކާއި ހަމައަށް ބަންދަކަށް ލާފައި ތިބީއެވެ. މިކަމެއް ހިނގިތާ ދޮޅުު އަހަރުވާއިރުވެސް މައްސަލައިގެ ނިންމުމެއް ނުނިންމެއެވެ. އެމީހުނަށް ވާނުވާއެއް ނޭނގެއެވެ. ޖަލުގެ ތޭރިތަކަށް ދާ ކުށްވެރިން ދާ ދުވަސް ނޫން އަނެއް ދުވަހު ނުފޫޒުގެ ބޭނުންކޮށްގެން ނިކުންނަ ފަދައިން މާދަމާވެސް މުޖުތަމައުގެ ތެރެއަށް ނިކުންނާނެއެވެ. އެފަދަ މީހުން މުޖުތަމައުގެ ތެރެއަށް ނިކުތުމަށްފަހުގައި ދެން ތިބޭ ކުދިންނަށް އޮތް ރައްކާތެރިކަމަކީ ކޮބައިބާއެވެ؟

އިންސާފުގެ މައިދާނަކީ ވަރަށް ހަނި، ކަޅު އަނދިރި މައިދާނެކެވެ. ކަށިގަސް ގިނަ މައިދާނެވެ. އެހެންނަމަވެސް އެއީ ކޮންމެ ކޮންމެ ބަޔަކަށް ލިބޭނެ އެއްޗެއް ނޫންހެންވެސް ބައެއް ފަހަރު ހީވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: