ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާގެ މައްސަލަތަކަށް އެޓެންޑްނުކުރެވުމަށް ދައުލަތަށް ދެއްކޭނެ “އެކްސްކިޔުޒް”އެއް ނޯންނާނެ: ޝިދާތާ

މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތަ ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމއުގައި ފެންމަތިވާ އަނިޔާގެ މައްސަލަތަކަށް އެޓެންޑްނުވެވުމުގައި ދައުލަތަށް ދެއްކޭނެ “އެކްސްކިޔުޒް”އެއް ނުވަތަ އުޒުރެއް ނޯންނާނެކަމަށް މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތަ ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅުދަައްކަވަމުން އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަތި އުތުރު ރީޖަންގެ ނައިބްރައީސްކަން ކުރައްވަމުން ގެންދަވާ ޝިދާތާ ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ ހާލަތު އޮތް މިންވަރުގެ ވާހަކަ ކެނޑިނޭޅި އަބަދު ދައްކަމުންދާ ކަމަށެވެ. އެހެންނަމަވެސް އިޖްތިމާއީ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިޔުމަކީ ޖެންޑަރ މިނިސްޓްރީގެ މައްސަލައަކުންކަމަށް ބުނުމުން މުޅި މައްސަލަ ވަރަށް ބޮޑަށް ހަނިވެގެންދާކަމަށް ޝިދާތާ ވިދާޅުވިއެވެ. ޝިދާތާ ވިދާޅުވީ މިކަމަކީ އަނިޔާގެ މައްސަލައެއް ފެންމަތިވުމުން އަނިޔާ ލިބޭ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވުރެ ބޮޑު ކަމެއްކަމަށާއި ފުރަތަމަ ކަމަކަށް މިހާ ކުޑަ އާބާދީއެއްގައި މިހާ ބޮޑަށް އަނިޔާގެ މައްސަލަތައް އުފެދެނީ ކީއްވެގެންކަން ދެނެގަންނަންޖެހޭ ކަމަށެވެ.

އަނިޔާ ލިބޭ މީހާ އިންސާފާއި ހަމައަށް ގެންދިޔުމަކީ ހަމައެކަނި ޖެންޑަރ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި މިކަމަކީ އެތައް ބައިވަރު މުއައްސަސާއެއް ޝާމިލްވާ ކަމެއްކަމަށް ޝިދާތާ ވިދާޅުވިއެވެ. އިންސާފު ހޯދައިނުދެވުމުގައި މުޅި ނިޒާމްގައި މައްސަލަތައް އެބަހުރިކަމަށާއި އިންސާފު ހޯދައިނުދެވެނީ ގާނޫނު ނެތިގެން ނޫންކަމަށްވެސް ވިދާޅުވިއެވެ.

އަނިޔާގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވާ ޝިދާތާ ވިދާޅުވީ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވުމަކީވެސް ހެޔޮ ފާލެއްކަމަށެވެ. މީގެ ކުރިއާއި އަޅާ ބަލާއިރު މައްސަލަ ރިޕޯތްކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށާއި އެއީ މީގެ ކުރިން އަނިޔާގެ މައްސަލަތައް ނުހިނގާތީ ނޫންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިއަށްވުރެ މިހާރު އާންމުންގެ މެދުގައި އަދި ބޮޑެތިވަމުން އަންނަ ކުދިންގެ މެދުގައިވެސް މިފަދަ ކަންކަމަށް އޮންނަ ހޭލުންތެރިކަން އިތުރުވެފައިވާކަން ޝިދާތާ ފާހަގަކުރެއްވިއެވެ. ހޭލުންތެރިކަން އިތުރުވާ މިންވަރަށް ހިދުމަތްދެވޭ މިންވަރު ހަރުދަނާކުރުމަކީވެސް މުހިންމުކަމެއްކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ޖެންޑަރ މިނިސްޓްރީ ކިތަންމެ ހަރުދަނާ ކުރަން މަސައްކަތްކުރިޔަސް މުޅި މައްސަލައަށް ހައްލު ހޯދުމަށް ފަންނީ މީހުން ނުއުފެއްދޭނަމަ އަނިޔާގެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ. މިފަދަ މައްސަލަތަކަށް ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މީހުން ތަމްރީންނުކުރެވޭނަމަ މަތިމައްޗަށް ބްރިޖް އެޅިޔަސް ގައުމު ތަރައްގީނުވާނެކަމަށް ޝިދާތާ ވިދާޅުވިއެވެ. ބްރިޖު އެޅުމާއި، ބަނދަރު ތަރައްގީކުރުމާއި އުސް އިމާރާތްތައް ބިނާކުރުންފަދަ އުމްރާނީ ތަރައްގީއަކީވެސް ގައުމެއް ތަރައްގީކުރުމުގައި މުހިންމު ކަމެއް ކަމަށާއި އެހެންނަމަވެސް އިންސާނުން ތަރައގީކުރަން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ނުކުރާހާ ހިނދަކު ގައުމު ތަރައްގީނުވާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.

“ކިތައް ރަށުގައި ތޯ ހުރީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނެ މީހެއް ކިތައް ރަށުގައިތޯ ހުރީ ޓްރެއިންޑް ސޯޝާލް ވޯކަރއެއް. ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސާވިސް ސެންޓަރުތައް މިހުންނަނީ ކޮންމެ އަތޮޅެއްގައި. ހުންނައިރުގައި އަތޮޅެއްގައި އެންމެ ރަށެއްގައި ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައި ދެތިން ކުދިން މިތިބެނީ. މުޅި އަތޮޅުގެ ހުރިހާ ރަަށެއްގައި ހިނގާ ހުރިހާ މައްސަލައަކަށް އެތިން ކުދިން އެޓެންޑްކުރާނެ ގޮތެއް ބުއްދި ހުރި އިންސާނަކަށް ނުވިސްނޭނެ” ޝިދާތާ

ފަންނީ މީހުން ނެތުމުގެ ވާހަކަތައް ދައްކަނީ އިންސާފު ހޯދައިނުދެވުން ޖަސްޓިފައި ކުރުމަށް ނޫން ކަމަށާއި އަނިޔާގެ މައްސަލަތަކަށް އެޓެންޑް ނުކުރެވުމަކީ ދައުލަތަށް “އެކްސްކިޔުޒް” ނުވަތަ އުޒުރެއް  ދެއްކޭނެކަމެއްނޫން ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. އެންމެ ކުއްޖަކުވެސް އަނިޔާގެ ހާލަތުގައި ހުރުމަކީ ދައުލަތް ޓޮލަރޭޓްކޮށްގެން ވާނެކަމެއް ނޫންކަމަށާއި ހަމައެގޮތަށް އަންހެނަކަށްވެސް ފިރިހެނަކަށްވެސް އަނިޔާ ތަހައްމަލުކުރަންޖެހި އިންސާފު ނުލިބި ހުރުމަކީ ގައުމު އެކަން ޓޮލަރޭޓް ކޮށްގެންވާނެ ކަމެއްނޫންކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވަނީ ބަޖެޓް ފާސްކުރާއިރު އަނިޔާގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ބޭނުންވާ ފަންނީ މީހުން ތަމްރީންކުރުން ފަދަ މުހިންމުކަންކަން އިސްކަންދޭންޖެހޭ ކަންކަމުގެ ލިސްޓުގެ ތެރޭގައި ނުހިމެނެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. ބައެއް ކަންކަމަށް ހެޔޮ ބަދަލުތައް އައިސްފައި އެބަހުރި ކަމަށާއި އެހެންނަމަވެސް ޖުމްލަކޮށް އަނިޔާގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ ވަކި މިނިސްޓަރަކަށް ނުވަތަ ވަކި މިނިސްޓްރީއަކަށް އެކަނި ކުރެވޭނެކަމެއް ނޫންކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރކަން ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ ޒިންމާދާރު މަގާމުތަކުގައި ތިބި ދެމީހަކު ދެއަހަރުގެ އަންހެންކުއްޖަކު ރޭޕްކުރިކަމުގެ މައްސަލަ ފެންމަތިވެ އެމައްސަލާގައި އާންމުންގެ ސަބަބުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުންނެވެ. ޝިދާތާ އިސްތިއުފާ ދެއްވިއިރު އަނިޔާގެ މައްސަލަތައް ހައްލުނުވަނީ ނިޒާމްގެ ތެރޭގައި ހުރި މައްސަލަތަކެއްގެ ސަބަބުންކަމަށް ތަކުރާރުކޮށް އައީ ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: