ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅާނާރާ އެއްބަސްވުންތަކުގެ ފަހަތުގައި ވަނީ އަނެއްކާވެސް އަޅުވެތިކަންބާ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާ ސަރުކާރާއި ދިވެހި ރާއްޖެއާއި އޮތް ގުޅުން މި ސަރުކާރުން ސިފަކުރަނީ ދެބެންގެ ދެމެދު އޮންނަ ގާތް ގުޅުމުގެ ގޮތުގައެވެ. މިދެގައުމަކީ ޒަމާނުންސުރެއް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. ރާއްޖެ އަށް ދިމާވާ ބޮޑު ކޮންމެ ދަތި ކަމެއްގައި އިންޑިޔާގެ އެހީތެރިކަން އަބަދުވެސް ލިބިފައިވެ އެވެ.

ދިވެހިންގެ ހިތްތަކަށް އެތަކެއް ޒަހަމްތަކެއް ދިން 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ވެސް، އަދި 2014 ވަނަ އަހަރު މާލެ ރައްޔިތުން ފެނަށް ޖެހިގެން ދިޔަ އިރުވެސް ރާއްޖެއަށް އިންޑިޔާގެ އެހީތެރިކަން ލިބިގެންދިޔައެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިޔާއިން ވެދިން އެހީތެރިކަމަކީ އެއްވެސް ހާލެއްގައި ދިވެހީންގެ ހިތުން ފިލުވައިލެވޭނެފަދަ އެއްޗެއް ނޫނެވެ. އެގައުމުގެ ދީލަތިކަން އަބަދުމެ ދިވެހީންގެ ހިތްތަކުގައި ފަލަ ގަލަމަކުން ފެވިގެންވެއެވެ. އެގައުމާއި ދެމެދުގައިވާ ގުޅުމަށް އެއްވެސް ވަރެއްގެ ހީނަރުކަމެއް އައުމަކީ ދިވެހީން އެއްވެސް ހާލެއްގައި ބޭނުންވާ ކަމެއް ނޫނެވެ. ދިވެހީންގެ އިހުސާސްތައް އިންޑިޔާގެ ސަރުކާރާއި އެގައުމުގެ ދީލަތިކަމަށްޓަކައި އިހުލާޞްތެރި ވެގެންވަނީ އޭގެ އެންމެ އިންޔިހާއަށްށެވެ.

އެހެންނަމަވެސް މިއަދު މި ފެންނަ މަންޒަރުތަކަކީ، ކިތަންމެ ކުރަން ބޭނުން ނުވި ނަމަވެސް، ރާއްޖޭގެ މިނިވަންކަމުގެ ހައްގުގައި، އަދި އެކަމުގެ ދިފާއުގައި ނިކުންނަ ދިވެހީން، އެމީހުންގެ ހިތާއި ދެކޮޅަށް، އިންޑިއާއި ދިވެހި ސަރުކާރުން ހިންގާ ސިއްރު އެއްބަސްވުންތަކާއި މެދުގައި އަޑު އުފުލާ މަންޒަރުތަކެކެވެ. މިއީ އެއްވެސް ގޮތެއްގައި އެގައުމަށް ނަފްރަތެއް އުފެދިގެން ނުވަތަ އޮތް ރުޅިވެރިކަމެއްގެ ސަބަބުންނެއް ނޫނެވެ. ރާއްޖޭގެ ދިފާއުގައި ދިވެހީން މިފަދައިން އަޑު އުފުލަނީ ކީއްވެބާއެވެ؟

ދިވެހީން ދިވެހީންގެ މިނިވަންކަމަށްޓަކައި އުފުލި ބުރަތަކާއި، ވޭނާއި ހިތާމައިގެ ޒަހަމްތައް އަދިވެސް ލަކުނައް ބަދަލުނުވެ ތާޒާކަމާއިއެކުގައި އެބަހުއްޓެވެ. ދިވެހިތާރީޚަށް ކަޅިއުކާއިރު ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ދިމާވެފައިވާ ކޮންމެ ބަދުނަސީބެއްގެ ބައިވެރިއެއްގެ ނުވަތަ އެހީތެރިއެއްގެ ބައިކުޅެފައިވަނީ ދިވެހީންގެ ތެރެއިން ވާ ދިވެއްސެކެވެ.

ފުރަތަމަ ޕޯޗުގީޒުންގެ އަތްމައްޗަށެވެ. އޭގެ ފަހުން މިނިވަންކަން ހޯދައި މަދު އަހަރުތަކެއްގެ ތެރޭގައި އަނެއްކާވެސް 17 ވަރަކަށް އަހަރުގެ އަޅުވެތިކަމެއްގައި ދިވެހި ޤައުމިއްޔަތުގެ ރޫހު ހުރި ލޯތަކުން ފެން ހިކުމެއްނެތި ކަރުނައަޅަން ޖެހުނެވެ. އެއަށްފަހު ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރައްވައި މިނިވަންކަމުގެ ރަހަ ދިވެހީންގެ އަރުތެރޭގައި ލައްވައި ދިނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުގެ ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރުންނެވެ. ލަފްޒުތަކަކުން ކިޔާލަދޭން ކިތަންމެހައި ވެސް ފަސޭހައެވެ. އެހެންނަމަވެސް، އެބޭކަލުން ރާއްޖެ އަޅުވެތިކަމުން ސަލާމަތްކޮށްދިން ވާހަކަތަކަކީ މިފަދައިން ލަފްޒުތަކަކުން ބަޔާންވެސް ކުރެވޭވަރު ކަމެއްވެސް ނޫނެވެ.

އެ ތަޖުރިބާއިން އަރައިނުގަނެވި އުޅެނިކޮށް އަނެއްކާވެސް މިފެންނަނީ ގޮތްނޭނގޭ ވާނުވާ ކަންތައްތަކެއް ރާއްޖޭގައި ކުރެވޭ މަންޒަރެވެ. އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރުގެ ދެމެދުގައި މިހިނގާ ކަންކަމަކީ ރައްޔިތުންނަށް އޭގެ އެއްވެސް ހަގީގަތެއް ނޭނގޭ ކަންކަމެވެ. ތުންތުން މަތިން އިވޭ އަޑުތަކަކީ އިންޑިޔާއާއި މި ސަރުކާރުން މިކުރެވޭ އެއްބަސްވުންތަކަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އަސަރުކުރާނެ ކަންކަމުގެ ގޮތުގައެވެ.

މީގެ ދުވަސްތަކެއް ކުރިން ފެންނަމުން ދިޔަ މަންޒަރުތަކަކީ ކޮވިޑުގެ ބަލިމަޑުކަމުން ދިވެހި ރައްޔިތުން އަރައިނުގަނެވި ނުރައްކަލުގެ ހާލަތުގައި ވަނިކޮށް، އިންޑިޔާ ފަތުރުވެރިން އައުމަށް ރާއްޖެ “ކަރަންޓީނު ހަބަކަށް” ހަދާލެވުނުތަނެވެ. އައީ ކިހައި އަދަދެއްގެ ފަތުރުވެރިންނެއް ކަމުގައި ނޭނގުނު ހާލުގައި، މިހާލަތުގައި ދިވެހީންނާއި ދިވެހީންގެ ރައްކާތެރިކަމަށް ވިސްނާނުލެވި ސަރުކާރުން ފިޔަވަޅުތަކެއް އެޅި މަންޒަރުތައް ދާދި ކައިރިން ފެންނަމުންދިޔައެވެ.

މީގެ އިތުރުން އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ގާއިމުކުރާ ހަބަރުވެސް މާކަ ކުރިއަކުންނެއް ނޫނެވެ. މިއީވެސް ވާނުވާ ނޭނގި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. މިކަމާއި ގުޅޭގޮތުން އެކިޒާތުގެ ވާހަކަތައް ތުންތުން މަތިންނާއި އިންޑިޔާއާއި ރާއްޖޭގެ އެކި މީޑިޔާތަކުގައި ދެކެވެމުންދާއިރު، އެތަނުގައި ކުރެވޭ މަސައްކަތްތަކާއި މެދުގައިވެސް އެތަކެއް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

އެއްބަޔަކު ބުނާގޮތުގައި މިކަމަކީ ދިވެހި ރާއްޖޭގައި އިންޑިޔާ މީހުން ވަޒަންވެރިވުމަށް ރާއްޖެ ސަރުކާރުން އަޅާ ފިޔަވަޅެކެވެ. އަނެއް ބަޔަކު ސިފަ ކުރަނީ މިއީ ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރުމަށް ހިންގޭ ފުޅާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕާޓީން ވަނީ ރާއްޖޭގައި އިންޑިޔާ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދެކޮޅު ހަދައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން “ސަންގު” ގެ ސުވާލަކަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިފައިވާކަމަށް ގަބޫލުކުރާކަމަށެވެ.

އަދި ސަރުކާރުން މިފަދަ އެތަށް މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންދާކަމަށާއި، މީގެތެރޭގައި ހއ. ފިއްލަދޫ ގެ އިހްތިޞާސްގައިވާ ދައްޕަރު ގައި ސެކަންޑް ހޯމް އެއް ދިނުމަށް އެރަށު ކައުންސިލަށް އެނގުމެއް ނެތި ޕެޓިޝަންއެއް އެކުލަވާލަމުން ގެންދާކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ. ދައްޕަރުގެ އިހްތިޞާޞްގައިވާ ފިއްލަދޫ އެރަށުގެ އިހްތިޞާޞުން ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކާއިއެކުގައި މިހާރު ވަނީ ބޭރުކޮށްފައެވެ. އަދި އެރަށް ބޭރުކުރެވުނީވެސް ހަމަ މިފަދަ ބޭނުމަކަށް ކަމަށް ތުންތުން މަތިންނާއި ސޯޝަލްމީޑިޔާގައި ވާހަކަތައް ދައުރުވެއެވެ.

ގަރާރުގައި ވަނީ އެރަށް ރިސޯޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންނަމަވެސް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ އެތަނުގައި އެހެން ޕްލޭންތަކެއް ހުރިކަން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައެވެ. އެގޮތުން އެރަށުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިހެން މިކަން ވާއިރު، ރާއްޖޭގައި އިންޑިޔާ ސިފައިންގެ މިލިޓަރީ ބޭސްއެއް ގާއިމުކާ ވާހަކަތައް ދެކެވި، ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާއިރު، އިންޑިޔާ ސިފައިންނަށް ލިބޭ ޑިޕްލޮމެޓިކް އިމްތިޔާޒުތަކުގެ ދަށުން އެ ސިފައިން ތިބޭ ތަންތަނުގެ މައްޗަށް ދިވެހި ދައުލަތުގެ ޤާނޫނީ ބާރުވެރިކަން ނުހިނގާނެ ފަދައިން ޑިފެންސް މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ ސިފައިން ދިވެހިރާއްޖޭގައި ތިބޭ މުއްދަތުގައި ހުރިހާ ޓެކުހަކާއި، ޑިއުޓީއަކާއި، ކަސްޓަމް ފީތަކެއް ދެއްކުމުންވެސް ވަނީ އިސްތިސްނާކޮށްފައެވެ. 

މީގެއިތުރުން އިންޑިއާގެ އަސްކަރިއްޔާ އިން ޑޯނިއާ ފްލައިޓެއް ހަނިމާދޫ އެއާޕޯޓުގައި އޮތް މައްސަލައަކީވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ކަމެކެވެ. 2016 ވަނަ އަހަރު ދިވެހިރާއްޖޭގައި އިންޑިއާ ސިފައިންނާއި އެކު މަތިންދާބޯޓެއް އޮޕަރޭޓުކުރުމަށް ބޭނުންވާކަމަށް ބުނެ އެއްބަސްވުމެއް ހަދައި އެ އެއްބަސްވުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ސޮއި ކުރެއްވެވި ކަމަށް މިހާރުގެ ސަރުކާރުން ބުނާއިރު، މި އެއްބަސްވުން ސޮއިކުރެއްވީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކަމަށާއި، އެއެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރައި ނުރައްކާވާ އެތައް ކަންކަމަކަށް އެއްބަސްވެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން “ސަންގު” އިން ކުރި ސުވާލަކަށް ޖަވާބުދެމުން ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލް ގަފޫރު މޫސާ ވިދާޅުވީ އައިލެންޑް އޭވިއޭޝަންގައި މިވަގުތު ޕައިލެޓުން ނެތްކަމަށެވެ. އަދި މިވަގުތު އެ ބޯޓު ދުއްވެން އޮތީ އިންޑިޔާ ޕައިލެޓުން ލައްވައިކަަމަށާއި، މިކަމާއި ގުޅިގެން އެމްއެންޑީއެފުން ޕައިލެޓުން ތަމްރީނު ކުރަމުން ގެންދާކަމަށެވެ. ކުރިއަށް އޮތް އެއްއަހަރު ދުވަހުގެ ތެރޭގައި އެމްއެންޑީއެފް ޕައިލެޓުން ލިބޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއަށްފަހުގައި އެބޯޓުތައް ދުއްވަން އެމްއެންޑީއެފް ފައިލެޓުން ތިބޭނެކަމަށެވެ.

އަދި މީކީ މާބޮޑުކަމެއް ނޫންކަމަށާއި، މިއުުއަލް އަންޑަސްޓޭންޑިންއެއްގެ ދަށުން ވެވުނު އެއްބަސްވުމެއްގެ ދަށުން ޕައިލެޓުން ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑިޔާގެ ސިފައިންގެ ފަރާތުން މިލިޓްރީ އުސޫލަކުން އެއްވެސް ކަމެއް ނުހިނގާކަމަށާއި، އެ ބޯޓުތަކުން ކުރަނީ އެމެޖެންސީ ދަތުރުތަކާއި ބަލިމީހުން އުފުލުމުގެ ދަތުރުކަމަށާއި އެނޫން އެއްވެސް ކަމެއް ނުކުރާކަމަށް މެމްބަރު އަބްދުލް ގަފޫރު ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީމް “ސަންގު” އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެ ގެނެވެނީ ދިވެހިންގެ މައްޗަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި އެމަސައްކަތާއިއެކު އާހިރު ނަތީޖާއަކީ ރާއްޖޭގެ ވެރިކަން އިންޑިޔާ މީހުންގެ އަތްދަށަށް ދިއުންކަމުގައި އުމަރު ނަސީމް ވިދާޅުވިއެވެ.

އިންޑިޔާއާއިއެކުގައި މިފަދަ ބިޔަ އެއްބަސްވުންތަކެއް އެއްވަގުތެއްގައި އެއްފަހަރާ އެކުލަވާލާއިރުގައި ވާނުވާ ހަމަ އެއްގޮތަކަށްވެސް ސާފެއް ނުވެއެވެ. އިންޑިޔާ ސަރުކާރުގެ ކެބިނެޓުން، ރާއްޖެއާއިއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރިކަން ހާމަކުރާއިރު މި ސަރުކާރުން ބުނަނީ އެފަދަ ކަމެއް ނުކުރާކަމަށެވެ. އެއްބަސްވުންތަކުގެ ހަގީގަތް ނޭނގޭ ހާލު ހަގީގަތް ކިޔައިދިނުމަކީ އިންޑިޔާއާއި ރާއްޖޭގައިވާ ގުޅުމަށް ހީނަރުކަމެއް އަންނަ ފަދަ ކަމެއްކަމަށާއި ގައުމީ ސަލާމަތަށް ގެއްލުންހުރި ކަމެއްކަމަށް އެކިފަހަރުމަތިން ދަނީ ބުނަމުންނެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، ސިފައިންގެ އަދަދު ހާމަކުރުމާއެކު ރާއްޖޭގެ ސަލާމަތަށް ހުރީ ކޮން ނުރައްކަލެއްތޯ އުފެދޭ ސުވާލެވެ. ކޮންމެ ގައުމެއްގައިވެސް، ހާމަކުރެވެނޭ މައުލޫމާތުތަކާއި ނުކުރެވޭނެ މައުލޫމާތުތައް ހުންނާނެކަން ޔަގީނެވެ. އެހެނެއްކަމަކު މިއަދަދު ހާމަކުރުމުން ގައުމަށް އޮތީ ކޮން ނުރައްކަލެއްތޯ ސުވާލުއުފެދެއެވެ.

ކޮންމެ އަކަސް މިހުރިހާ ކަމެއްވެސް ގޮސް ހުންޓެނީ ހަމަ އިންޑިޔާއަށެވެ. ކަންތައްތައް ދާގޮތަށް ބަލައިލާނަމަ، މިއީ އެއްވެސް ހާލެއްގައި މިރާއްޖެއަށް ރައްކާތެރިކަމެއް ލިއްބައިދޭނެ މަސައްކަތްތަކެއްކަމަކަށެއް ހެއްކެއް ތަނެއް ނުދެއެވެ. އިންޑިޔާއަކީ ރާއްޖޭގެ ޒަމާންވީ ގާތް އެކުވެރިއެކެވެ. އެހެންނަމަވެސް، އެކުވެރިކަމުގެ ގުޅުންވެސް ބާއްވަންވާނީ ވަކި ހުދޫދެއްގެ ތެރެއިންނެވެ. މާބޮޑަށް ދޫކޮށްލާފައި ބޭއްވުމަކީ މާދަމާ އެކަމުގެ ހިތިވޭން ރާއްޖޭގެ ރައްޔިތުންނަށް ތަހައްމަލް ކުރަން ޖެހިދާނެކަމަކަށްވުން ވެސް ގާތެވެ. އެހެނެއްކަމަކު އެއިރަކުން ސަރުކާރުން ނުވަތަ ސަރުކާރުގެ އިސްވެރިން ޒިންމާ ނަގާނެ ބާވައޭވެސް ހިތަށް އަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: