ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮޓޯތަކުން ފެންނަނީ އިންޑިޔާގެ ސިވިލް ޓެކްނީޝަނުން، ގެންނަ ތަކެތީގެ މައުލޫމާތު އެނގޭ: އެމްއެންޑީއެފް

އިންޑިޔާ ސިފައިންކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުކުރުވަމުންދިޔަ ފޮޓޯތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދިފަހުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ފޮޓޯތަކުން ފެންނަނީ އިންޑިޔާގެ ސިވިލް ޓެކްނީޝަނުންކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ފޮށިތަކެއް އުފުލާ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެކަމާއި ގުޅޭގޮތުން ނޫސްވެރިންނާއި އާންމުންވެސް ތަކުރާރުކޮށް އަންނަނީ ސުވާލުތައް ކުރިމަތިކުރުވަމުންނެވެ.

ރޭގެ ވަގުތެއްގައި އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިހާރު ދައުރުވަމުންދާ ފޮޓޮއިން ފެންނަމުންދަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ “ޝިޕް ކާމިޔާބު” މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 02 ސިވިލް ޓެކްނީޝަނުންކަމަށެވެ. އެމީހުން ފުރާފައިވަނީ މިމަހުގެ 19 ގައި ކަމަށާއި މިގޮތަށް އަންނަޓީމުތައް އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ގުޅިގެންކަމަށްވެސް މީޑީޔާ އޮފިޝަލް ވިދާޅުވިއެވެ.

އެމްއެންޑީއެފް ގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދަޢުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެގޮތުން ކޯސްޓްގާޑްގެ ޚިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރުތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެދަށުންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފްއިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެޤައުމަކުން ފޮނުވާ ޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައުމަށްފަހުއެވެ. އަދި އެފަރާތްތައް ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަމީހުންގެ މަޢުލޫމާތާއި ގެނެވޭ ތަކެތީގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަލިބިގެން މެނުވީ ދަތުރު ކުރަމުން ނުދާކަމަށްވެސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ފަހުކޮޅު “ޝިޕް ހުރަވީ” މަރާމާތުކުރުމަށް އިންޑިއާގެ ނޭވީ ޑޮކްޔާޑުން ސިވިލް 02 ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވާކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މިފޮޓޯތައް ދައުރުކޮށް އިންޑިޔާ އައުޓް ކެމްޕެއިންގެ ބައިވެރިން ވަނީ އެއީ އިންޑިޔާ ސިފައިން ކަމަށާއި އެމީހުން ގެންގުޅުނު ދަގަނޑު ފޮށިތަކުގައި ހުރީ ހަތިޔާރުކަމަށް ތުހުމަތުކޮށްފައެވެ. އަދި ދާދިފަހުން އިންޑިޔާ ސިފައިން އެކި ދުވަސްމަތިން ރާއްޖެ އަންނަމުންދިޔަކަމަށް ކެމްޕެއިންގެ ބައިވެރިން ތުހުމަތުކުރެއެވެ.

އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ކެމްޕެއިނުން ކުރި މަސައްކަތުން ހުސްވި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިޔާގެ 75 ސިފައިން ތިބިކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭގެ ކުރިން ރާއްޖޭގައި އިންޑިޔާ ސިފައިން ނެތްކަމަށް ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ.

ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއިއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތް އެމްޑީޕީއިން ވަނީ ފަށާފައެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެއް ހޮވުމަށް ބޭއްވި އިންތިހާބުގެ ކުރިންނެވެ. މިއީ ސީދާ އިންޑިޔާ އައުޓް ކެމްޕެއިނާއި ދެކޮޅަށް ޑްރާފްޓްކުރަން ފެށި ބިލެކެވެ. މިބިލު ގާނޫނަކަށް ވެއްޖެނަމަ އިންޑިޔާ އައުޓް ކެމްޕެއިންގައި ބައިވެރިވާ މީހުން ބޮޑެތި އަދަދުތަކުން ޖުރިމަނާކޮށް ޖަލު ހުކުމް އަންނާނެއެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ފެށި މައިގަނޑު މަގްސަދަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމެވެ. މިހާރު އެކެމްޕެއިން ވެފައިވަނީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަށެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި މިހަރަކާތް ހިންގަމުން އަންނައިރު ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާއެކު މިހަރަކާތް ފުޅާވެ، ކުރީގެ ރައީސަކު މިފަދަ ކެމްޕެއިނެއް ލީޑުކުރައްވަމުން ދާތީ ސަރުކާރަށް ބޮޑެތި ޕްރެޝަރތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކެމްޕެއިން ހުއްޓުވުމަށް ގޮވާލައި، ރައީސް ޔާމީން އަލުން ޖަލަަށް ދާން ޖެހިދާނެކަމުގެ އިންޒާރުދީ އަދި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ރައީސް ޔާމީނަށް ދިނުން މެދުކަނޑާލުމަށްވެސް އެމްޑީޕީ ބައެއް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ޒަމާންވީ ގާތް ގުޅުމެއް އޮންނަ ރާއްޖެއާއި އިންޑިޔާއާއި ދެމެދު މައްސަލަތަކެއް ޖެހިދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި އިންޑިޔާއިން ދެމުންދާ އެހީތަކަށް އެއްވެސް ހުރަހެއް އެޅޭފަދަ ކަމެއް ބޭނުންނުވާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ވެދާނެ ގެއްލުންތައް ބަލައި ދިރާސާކުރުމަށް އެދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހުށައަޅުއްވާފައެވެ. މިކަން ދިރާސާކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން އަންނަނީ މަޖިލީހުގެ 241 ކޮމެޓީއަށް ހާޒިރުކޮށް މިކަމާއި ގުޅޭގޮތުން ސުވާލުކުރަމުންނެވެ. މިހާތަނަށް އައިއިރު އިކޮނޮމިކް މިނިސްޓަރ، ހޯމް މިނިސްޓަރ، ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައިވާއިރު މިހުރިހާ ބޭފުޅުންވެސް ވަނީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އިންޑިޔާ އައުޓް ކެމްޕެއިނަކީ މިހާތަނަށް ހިންގާ އެންމެ ވިހަ ކެމްޕެއިންގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: