ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކުރަން ޕީޖީއަށް ފޮނުވައިފި

މުއިއްޒު ކްރިމިނަލް ކޯޓަށް ހާޒިރުވަނީ— ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިންގ ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައިކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއާއި، އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން މުޢިއްޒުގެ މައްޗަށް ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދަޢުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. އަދި އަޙްމަދު ޙަބީބުގެ މައްޗަށް ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ ވެސް ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

އެ މައްސަލައިގައި އޭސީސީން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިންގ އޭރިޔާއެއް ތަރައްޤީކުރުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް 22 ސެޕްޓެންބަރު 2016 ގައި ވެފައިވާ ކަމަށާއި އެ އެއްބަސްވުމުގައިވާ “ޕާކިންގ އޭރިއާ” ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ “ޕާކިންގ އޭރިއާ” ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަޙައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަޙައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެހުއްދައަކީ އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފުކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ޤާނޫނީ ލަފާ ހޯދާފައިނުވާކަން އެނގޭ ކަމަށްވެސް އޭސީސީން ބުނެއެވެ.

މީގެއިތުރުން އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދަޢުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާއިރު، އަދި ހައުސިން މިނިސްޓްރީ އަށް އެ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ލިބިދީފައިއޮވެމެ، އެ އިޚްތިޔާރުގެ ބޭނުންނުކޮށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިޞްލާހުތައް ގެނެސްފައިވާތީ އެކަމުގައި ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ މަޞްލަޙަތު އިސްކޮށްފައިވާކަން އެނގޭ ކަމަށްވެސް އޭސީސީން ހާމަކުރެއެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައްގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށާއި، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީ.އެސް.އާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކޮށްދޭން ހުށަހަޅާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.

މި ހުށަހެޅުމާ ގުޅިގެން، އެ ކުންފުނިން އެދިފައިވާގޮތަށް 13 އޭޕްރީލް 2017 ގައި އެއްބަސްވުމަށް ފުރަތަމަ އިޞްލާޙު ގެނެސްފައިވާއިރު، މި ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން ޢަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ޤާނޫނީ ލަފާ ނުހޯދާ ކަމަށްވެސް ބުނެފައިވެއެވެ.

“މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނުން އެނގޭއިރު، އިތުރު ފަސް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަޤްޞަދާ ޚިލާފަށް ކޮށްފައިވާ ކަމެކެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީ.އެސް.އާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިނުވެއެވެ” އޭސީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: